ދިވެހިރާއްޖޭގެ މާލީ އިގްތިސާދުގެ މައި ތަނބު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ އެންމެ ވަރުގަދަ 500 ބޭންކުގެ ތެރެއިން ޖާގަ ހޯދައި، ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު އިގްރާރެއް ހޯދައިފިއެވެ. މިއީ މަޝްހޫރު 'ފޯބްސް' މަޖައްލާއާއި 'ސްޓެޓިސްޓާ' ގުޅިގެން ދުނިޔޭގެ ބޭންކިން ދާއިރާގެ ދުޅަހެޔޮކަން ވަޒަންކޮށް އެކުލަވާލި މިނިވަން ރޭންކިންއެއްގައި ރާއްޖޭގެ މާލީ މުއައްސަސާއަކުން ނަން ގުޅުވާލި ފުރަތަމަ ފަހަރެވެ.
'ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026' ގެ ނަމުގައި 89 ގައުމެއްގެ ބޭންކުތައް ހިމަނައިގެން ތައްޔާރުކުރި މި ލިސްޓުގައި ބޭންކުތަކުގެ ފެންވަރު މިނެކިރުމަށް މުހިންމު ހަތަރު މިންގަނޑަކަށް ބަލާފައިވެއެވެ. އެއީ ބޭންކުތަކަށް ލިބޭ ފައިދާއާއި، އާމްދަނީގެ ކުރިއެރުމާއި، ރައުސްމާލުގެ ވަރުގަދަކަމުގެ އިތުރުން އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމުގެ މިންގަނޑުތަކެވެ. މި ދިރާސާގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ ބައިނަލްއަގުވާމީ އިތުބާރު ހުރި މާލީ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށްފައިވެއެވެ.
މި ރޭންކިންގެ ހަ ގިންތީގެ ތެރެއިން ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓްގެ އަންދާޒާ 3 ބިލިއަން އާއި 10 ބިލިއަން ޑޮލަރާ ދެމެދުގައި ހުރި ބޭންކުތަކަށް ޚާއްސަކުރެވިފައިވާ ހަވަނަ ޓިއާގައެވެ. މި ގިންތީގައި ބީއެމްއެލްގެ ނަތީޖާ ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކުގެ ނަތީޖާތަކާ އަޅާބަލައިގެންނެވެ.
މި ބައިނަލްއަގުވާމީ ރޭންކިންއާ ގުޅިގެން ބީއެމްއެލް އިން ބުނީ، މިއީ ބަދަލުވަމުންދާ ދުނިޔޭގެ އިގްތިސާދީ މާހައުލުގައިވެސް އެ ބޭންކުން ގެންގުޅޭ ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ ހިކުމަތްތެރި އުސޫލުތަކުގެ ނަތީޖާ ކަމަށެވެ. އަދި ގައުމީ ބޭންކުގެ ދައުރު ފުރިހަމައަށް އަދާކޮށް، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކުރުމަށާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މިކަމުން އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރިއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބީއެމްއެލްއަކީ ވަރުގަދަ ރައުސްމާލެއް އޮތް އަދި ފުދުންތެރި މުއައްސަސާއެއްކަން ސާބިތުވެގެންދިޔަ މިނިވަން ވަޒަންކުރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ދަމަހައްޓައި، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކުރުމުގައި ބޭންކު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...