މީހުންނާ މުޢާމަލާތުކުރުމާއި ވާހަކަދެއްކުމުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމަށާއި، ތިމާ ވާހަކަދައްކާ މީހަކީ ކިތަންމެ ނުބައިނުލަފާ މީހަކު ކަމުގައި ވިޔަސް މުޚާޠަބުކުރަންވާނީ ރިވެތި ބަހުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"އިސްލާމް ދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވީ، މާތް ﷲ ސަލާމްލެއްވި މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ފޮނުއްވި ހިނދު ވެސް އަމުރުކުރެއްވީ އޭނާއާ މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް ކަމަށެވެ. އެހެންކަމުން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި ވާހަކަދެއްކުމާއި މުޢާމަލާތުކުރުމުގައި އަދަބުވެރި ރިވެތި ގޮތް ހިފުމަކީ އިސްލާމީ އަޚުލާޤުގެ މުހިންމު ބައެއްކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހުންނާއި މުވައްޒަފުންނާ މެދު މުޢާމަލާތުކުރުމުގައި ވެސް ކީރިތި ރަސޫލާ z ދެއްކެވި މަތިވެރި ނަމޫނާއިން ޢިބުރަތް ޙާޞިލުކުރަން ޖެހޭ ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އެގޮތުން އަނަސްގެފާނު ނަބިއްޔާ zގެ ޚިދުމަތުގައި 10 އަހަރު ހޭދަކުރެއްވި އިރު، ދުވަހަކު ވެސް ނުރުހުމުގެ ކުޑަވެސް ބަހެއް ވިދާޅުވެފައި ނުވާކަމާއި، ކުރެއްވި ކަމަކާ މެދު ނުވަތަ ނުކުރައްވާ ކަމަކާ މެދު ވެސް ސުވާލުކުރައްވައި ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވާފައި ނުވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީނަކީ އެންމެ މާތް ދީން ކަމުގައި ވީނަމަވެސް، އިސްލާމީ ބައެއް މުޖުތަމަޢުތަކުން މިއަދު ފެންނަ އަޚުލާޤީ މިންގަނޑުން ދަށް ސިފަތަކުގެ ސަބަބުން، އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިވެއެވެ. އަދި އިންސާނާގެ ހަވާނަފުސުގެ އެދުންތަކުންނާއި ކުށްތަކުން ސަލާމަތްވުމަށްޓަކައި ކެތްތެރިކަން އިސްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިއަދުގެ ދުނިޔޭގައި މުސްލިމުން ތަޢުލީމާއި، ޞިއްޙަތާއި، ޓެކްނޮލޮޖީއާއި އިޤުތިޞާދީ ގޮތުން ކިތަންމެ ކުރިއެރި ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތަކެއް ނެތް ނަމަ އެއީ ކުރިއަރާފައިވާ ބައެއް ކަމަށް ނުބެލެވޭނެ ކަމަށާއި، މުޖުތަމަޢު ޒީނަތްތެރިވެގެންދަނީ ރިވެތި އަޚުލާޤުން ކަމަށް ޚުޠުބާ ނިންމާލައްވަމުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...