މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ ޤައުމީ މަޖިލިސް އިންތިޚާބުގައި މާލޭ ސިޓީގެ ދާއިރާތަކުގެ އަޣުލަބިއްޔަތު "ބޮޑު ބަދަލު" ޓީމުން ހޯދައިފި ކަމަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.
މާލޭ ދާއިރާތަކަށް ކަނޑައެޅިފައިވާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި ކާމިޔާބުކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލަށް ތާއީދުކުރާ "ބޮޑު ބަދަލު" ޓީމުގެ ކެންޑިޑޭޓުންނެވެ. އެއީ މާލޭގެ ގޮނޑިތަކުގެ ގާތްގަނޑަކަށް 68 އިންސައްތައެވެ.
އެ ޓީމުން ގޮނޑިތައް ކާމިޔާބުކުރެއްވި ބޭފުޅުންގެ ތެރޭގައި އީވާ ޢަބްދުﷲ، މާރިޔާ އަޙްމަދު ދީދީ، އިމްތިޔާޒް ފަހުމީ، ޙަސަން ލަޠީފް، ޒިދްނާ ޢަލިމަނިކު، ޢަލީ ޢާޒިމް، މުޙައްމަދު ޒިޔާދު (ޒިޔައްޓޭ)، މުޙައްމަދު ރަޝީދު (ބޯދިގު)، އަޙްމަދު ޙަލީމް (ދޮންބިލެތް)، އިބްރާހިމް މުޢިއްޒު އަދި މުޙައްމަދު ރިލްވާން ޢަލީ ހިމެނެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާއީދުކުރާ "ޓީމް އެމްޑީޕީ" އަށް މާލެއިން ލިބުނު ގޮނޑިތަކަށް އިންތިޚާބުވީ އިފްހާމް ޙުސައިން، އަޙްމަދު މައިމޫން، ޢާއިޝަތު ހަނާ އަދި އިބްރާހިމް ލަބާން ޝަރީފެވެ. މީގެއިތުރުން ޙުސައިން ޢަމްރު ވެސް ވަނީ މާލޭގެ ގޮނޑިއެއް ކާމިޔާބުކުރައްވާފައެވެ.
އިންތިޚާބުގެ މުޅި ނަތީޖާއަށް ބަލާއިރު ގައުމީ މަޖިލީހުގެ މެޖޯރިޓީ "ބޮޑު ބަދަލު" ޓީމަށް ލިބިފައިވާކަން ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވަނީ އިޢުލާނުކުރައްވާފައެވެ. މީސްމީޑިއާ މެދުވެރިކޮށް ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ނަތީޖާއިން ހާމަވެގެންދަނީ ޕާޓީގެ ޢާންމު މެންބަރުންގެ މެދުގައި "ބޮޑު ބަދަލު" ގެ ފިކުރަށް އޮތް ބޮޑު އިތުބާރު ކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށްފަހު ބޭއްވި މި އިންތިޚާބަކީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި ލީޑަރޝިޕްގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމަށް އެތެރޭގެ ދެ ފެކްޝަނުގެ މެދުގައި ވަރަށް ބޮޑަށް ވާދަވެރިކަން އުފެދުނު މުހިންމު އިންތިޚާބެކެވެ. ޤައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މަތީ ސިޔާސަތުތައް ކަނޑައަޅައި، ނިންމުންތައް ނިންމާ މައި ގުނަވަނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...