ޚަބަރު ފަލަސްތީނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓުވައި، އެހީ ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓުވައި، އެހީ ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ފަލަސްތީނަށް ދެމުންދާ އަނިޔާތައް ވަގުތުން ހުއްޓުވައި، އެހީ ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ލާއިންސާނީ އަނިޔާވެރިކަމާއި އިސްތިއުމާރީ އުދުވާނުތައް ވަގުތުން ވަގުތަށް ހުއްޓުވައި، އެ ގައުމަށް އެއްވެސް ހުރަހެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލައްވައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ނަގަހައްޓައި ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންނަކީ އަމާންކަމާއި އިންސާފާއެކު އެބައިމީހުންގެ އަމިއްލަ ވަޒަނުގައި ފުރިހަމަ މިނިވަންކަމާއެކު ޝަރަފުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ލިބިގެންވާ ބައެއްކަން މުޅި ދުނިޔެ ހަނދާންކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނާއެކު އޮތް އެއްބައިވަންތަކަމަކީ ހަމައެކަނި ދައްކާލާ ވާހަކަތަކަކަށް ވެގެން ނުވާނެ ކަމަށާއި، ފަލަސްތީނުގެ އަހުންނާއި އުހުތުން ސުލްހައާއި މިނިވަންކަމުގެ އިތުރުން އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރަމުންދާ ޖިހާދުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ.

ބައިނަލްއަގްވާމީ އެކި މައިދާންތަކުގައާއި އދ. ގެ މަޖިލީހުގައި ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެކަން ފާހަގަކުރައްވަމުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގައި އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދައްހުލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އދ. ގެ ރިލީފް އެންޑް ވާރކްސް އެޖެންސީ (އުންރުވާ) އަށް ރާއްޖެއިން ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން އެއްވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެއިތުރުން، އދ. ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަނެ، އެ ޖަމާއަތުގެ އެންމެހައި ގުނަންތަކުގައި ހަމަހަމަކަމާއެކު ޝާމިލުވުމުގެ ހައްގު އެ ގައުމަށް ލިބެންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތަކީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން، މުސްތަގިއްލު އަދި ސިޔާދަތީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ އަލުން ތަކުރާރުކުރައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.