އިންސާނެއްގެ ޙަޔާތުގެ ބިނާ ބިނާވެގެން އަންނަނީ އޭނާގެ ޅަފަތުގެ ދުވަސްވަރު އެޅޭ ބިންގަލެއްގެ މައްޗަށެވެ. މި ބިންގާ އެޅުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެންމެ ފުރަތަމަ މަދަރުސާއަކީ މަންމަގެ އުނގެވެ. ކުއްޖަކު މި ދުނިޔެއަށް ލޯހުޅުވައި، ދިރިއުޅުމުގެ ފުރަތަމަ ފިޔަވަޅު އަޅަން ފަށާއިރު، އެ ކުއްޖާގެ ވިސްނުމާއި، އަޚްލާޤާއި، ސުލޫކު ބައްޓަންކުރުމުގެ އެންމެ ވަރުގަދަ ބާރަކީ މަންމައެވެ. ޅައިރު މަންމަގެ އުނގުން ލިބޭ ތަރުބިއްޔަތަކީ މުޅި އުމުރަށް އެ ކުއްޖާގެ ކިބައިގައި ދެމިހުންނާނެ އެންމެ ހަރުދަނާ އަސާސެވެ.
ކުޑަދަރިފުޅު ޅައިރު ގޭތެރެއިން މަންމަގެ އަރިހުން އުނގެނޭ ތަރުބިއްޔަތުގެ ތެރެއިން އެންމެ މުހިންމު އެއްބަޔަކީ އިސްލާމީ ތަރުބިއްޔަތެވެ. ނަމާދުކުރާނެ ގޮތް ޅަފަތުގައި ދަސްކޮށްދިނުމާއި، ވުޟޫކުރާނެ ފުރިހަމަ ގޮތް އަމަލީ ގޮތުން ދައްކައިދިނުމަކީ ގޭތެރެއިން ފެށެންޖެހޭ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ގެ އިރުޝާދުގައިވާ ފަދައިން، ހަތް އަހަރުގައި ނަމާދުކުރުމަށް އަމުރުކުރުމުގެ ކުރިން، އެކަމަށް ލޯބިޖެއްސުމާއި، ކެއިންބުއިމުގެ ދުޢާތަކާއި، ނިދާ ހޭލާއިރު ކިޔާ ޒިކުރުތައް ފަދަ ކުދިކުދި ސުންނަތްތައް ދަސްކޮށްދިނުމުގައި މަންމަގެ ދައުރު ބޮޑެވެ. މިފަދަ ފަރުޟު އަދި ސުންނަތް ކަންކަމަށް ދަރިން ހޭނުވުމަކީ، އެކުދިން ބޮޑެތިވެގެން އަންނައިރު ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރި، ތަޤުވާވެރި ބަޔަކަށް ވުމަށް އެޅޭ އެންމެ ވަރުގަދަ ބިންގަލެވެ.
ދީނީ ކަންކަމުގެ އިތުރުން، ތަޢުލީމީ ޙަޔާތުގެ ފުރަތަމަ ފިޔަވަޅުތައް ކަމުގައިވާ ލިޔަންކިޔަން ދަސްކޮށްދިނުމުގައި ވެސް މަންމަގެ އެހީތެރިކަމާއި ހިތްވަރު ނުހަނު ބޭނުންތެރިއެވެ. ސްކޫލަކަށް ފޮނުވުމުގެ ކުރިން، އަކުރުތައް ދަސްކޮށްދިނުމާއި، ފޮތްތަކަށް ލޯބިޖެއްސުމުގައި ގޭތެރެއިން މަންމަ ދޭ ސަމާލުކަމަކީ ކުއްޖާގެ ސިކުނޑި ހުޅުވި، އުނގެނުމަށް ޝައުޤުވެރިކަން އުފެދޭނެ ކަމެކެވެ. މަންމަ ދަރިފުޅާއެކު އިށީނދެ އިނދެ، ކެތްތެރިކަމާއެކު އަކުރު އަޅަން ދަސްކޮށްދީ، ހިތްވަރުދޭ ކޮންމެ ވަގުތަކީ ކުއްޖާގެ ތަޢުލީމީ ކުރިމަގު އަލިކޮށްދޭ އަގުހުރި ވަގުތެކެވެ.
ހަމައެއާއެކު، ދަރިން ދިރިއުޅުމަށް ތައްޔާރުކުރުމުގެ ގޮތުން ގޭތެރޭގެ ޒިންމާތަކާއި މަސައްކަތްތައް ދަސްކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިސާލަކަށް؛ ކައިނިމިގެން ތަށި ނެގުމާއި، ކުޅެ ނިމުމަށްފަހު ކުޅޭތަކެތި ތަރުތީބުކުރުމާއި، އަމިއްލަ އެނދު ތަރުތީބުކުރުން ފަދަ އާދައިގެ ކަންކަމުން ފެށިގެން، އަންނައުނު ބެލެހެއްޓުމާއި، ކެއްކުމުގައި ކުދިކުދި އެހީތައް ވާން ދަސްކޮށްދެވިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުއްޖާގެ ކިބައިގައި ޒިންމާދާރުކަން އަށަގަނެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ލިބި، މުސްތަޤްބަލުގައި ދިމާވާނެ ދިރިއުޅުމުގެ އެކިއެކި ގޮންޖެހުންތަކާ އަމިއްލައަށް ކުރިމަތިލުމުގެ ޤާބިލުކަން އަށަގަނެއެވެ.
މި ހުރިހާ ތަރުބިއްޔަތެއް ދިނުމުގައި އެންމެ މުހިންމު ވަސީލަތަކީ މައިންބަފައިންގެ އަމަލީ ނަމޫނާއެވެ. ކުދިން ގިނައިން ދަސްކުރަނީ ބުނާ ބަހަށްވުރެ ބޮޑަށް، ލޮލަށް ފެންނަ މަންޒަރުތަކުންނެވެ. ގޭތެރެއިން އެންމެ ކައިރިން ދަރިންނަށް ނަމޫނާ ދައްކާ ބަޔަކީ މައިންބަފައިން ކަމަށްވާތީ، މައިންބަފައިންގެ ދުލުން ބޭރުވާ ހަޑިހުތުރު ބަސްތަކާއި، ކުރާ ނުރަނގަޅު އަމަލުތައް ކުދިން ވަގުތުން ކޮޕީކުރެއެވެ. އެހެންކަމުން، ދަރިންނަށް ތެދުވެރިވާން، ކެތްތެރިވާން އަދި އަދަބުވެރިވާން ނަޞޭޙަތްތެރިވާއިރު، އެންމެ ފުރަތަމަ މައިންބަފައިންގެ އަމިއްލަ ނަފްސުން އެ ސިފަތައް ދައްކަންޖެހެއެވެ. މައިންބަފައިން ނަމާދަށް އަވަސްވެގަންނަ މަންޒަރާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ މަންޒަރު ފެނިގެން ބޮޑުވާ ކުއްޖަކީ ބަސްއަހާ، ރިވެތި އަޚްލާޤެއްގެ ވެރިއަކަށް ވާނެއެވެ.
މި ޒަމާނުގައި ދިރިއުޅުމުގެ ބުރަކަމާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ގިނަވި ނަމަވެސް، މައިން ދަރިންގެ ތަރުބިއްޔަތަށް ވަގުތު ދިނުމަކީ އެއްވެސް މިންވަރަކަށް ދޫކޮށްލެވިގެންވާނެ ކަމެއް ނޫނެވެ. ސްމާޓްފޯނާއި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދަރިން ދޫކޮށްލުމަކީ އެކުދިންގެ ފިކުރާއި އަޚްލާޤު ހަލާކުވެގެންދާނެ ކަމެކެވެ. ގޭތެރެއިން މަންމަ ދޭ ލޯތްބާއި، ވަގުތާއި، ސަމާލުކަމަކީ އެއްވެސް ސްކޫލަކުން ނުވަތަ ޑިވައިސްއަކުން ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އުފާވެރި މުސްތަޤްބަލަކާއި، ހެޔޮލަފާ ނަމޫނާ ޖީލެއް ބިނާކުރެވޭނީ ގޭތެރޭގެ ތަރުބިއްޔަތަށް ފުރިހަމަ އަހައްމިއްޔަތުކަން ދީގެންނެވެ. ކުއްޖާގެ ހަޔާތުގެ އެންމެ ވަރުގަދަ ބިންގަލަކީ ޅައިރު މަންމަގެ އުނގުން ލިބޭ ތަޢުލީމާއި ތަރުބިއްޔަތެވެ. މައިންބަފައިން ރަނގަޅު ނަމޫނާ ދައްކައި، ދީނީ އަދި ދުނިޔަވީ ކަންކަމަށް ދަރިން ހޭނުވުމަށް ގޭތެރެއިން ވަގުތު ދީގެން މެނުވީ، ދީނަށާއި ޤައުމަށް ފައިދާހުރި، ޒިންމާދާރު ރައްޔިތުންތަކެއް މި މުޖުތަމަޢުގައި ބިނާއެއް ނުކުރެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...