ރަސްމާލޭގެ ބިން 99 އަހަރަށް ދޫކުރުމަކީ ބިން ވިއްކާލުން ކަމަށް ބުނެ، ވެރިކަން ބަދަލުވުމުން ފިޔަވަޅު އަޅާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްވި އިންޒާރަށް ބަންޑާރަނައިބު އަހުމަދު އުޝާމް ރައްދުދެއްވައިފިއެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، މި ނިންމުން ނުހުއްޓުވައިފި ނަމަ ބަންޑާރަނައިބު ހިމެނޭހެން ސަރުކާރުގެ އިސްވެރިންނަށް އަދަބު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، ރާއްޖޭގެ ބިން 99 އަހަރަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ޤާނޫނު އިސްލާހުކުރީ 2015 ވަނަ އަހަރު ޚުދު ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އިންވެސްޓްމަންޓްގެ އަގު ދައުލަތުން ދައްކަންޖެހޭ ގޮތަށް ކަނޑައެޅީ ވެސް އެ ޤާނޫނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަންޑާރަނައިބު ވިދާޅުވި ގޮތުގައި، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު މިހާތަނަށް ވެފައިވަނީ ހަމައެކަނި ލެޓާ އޮފް އިންޓެންޓް އެއްބަސްވުމެކެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ އަލަށް ހަދާ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން މަޖިލީހުން ފާސްކޮށްގެން، ޤާނޫނުއަސާސީއާ އެއްގޮތަށް ކަމުގެ ޔަގީންކަން ދެއްވިއެވެ.
ރަސްމާލޭގައި ޒަމާނީ މެރީނާއަކާއި ވޯޓާފްރަންޓް ސިޓީއެއް ތަރައްގީކުރުމަށް ހިންގާ 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން، އެ ސަރަހައްދުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް އަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...