ބޭރުދުނިޔެ އިންޑިއާގައި ބޭސް ކޮންޓްރޯލްކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށްފި

އިންޑިއާގައި ބޭސް ކޮންޓްރޯލްކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށްފި

އިންޑިއާގައި ބޭސް ކޮންޓްރޯލްކުރުމުގެ ގަވާއިދުތައް ހަރުކަށިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބޭހުގެ ގޮތުގައި ބޭނުންކުރާ ބައެއް ބާވަތްތަކުގައި އަލްކަހޯލް ހިމެނޭ މިންވަރު މަތިވުމުގެ ސަބަބުން، އެފަދަ ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި އިންޑިއާ ސަރުކާރުން “ޑްރަގްސް ރޫލްސް 1945” އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭސް ވިއްކުމުގެ ގަވާއިދުތައް މީގެ ކުރިއަށްވުރެ ބޮޑަށް ވަރުގަދަކޮށްފިއެވެ.

ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އިސްލާހުގެ ދަށުން، %12 އަށްވުރެ ގިނައިން އިތައިލް އަލްކަހޯލް އެކުލެވޭ އަދި 30 މިލިލީޓަރަށް ވުރެ ބޮޑެތި ފުޅީގައި ހުންނަ ދިޔާ ބޭސްތައް މިހާރު ވަނީ “ޝެޑިއުލް އެޗް1” ގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ކެއްސުމަށް ބޭނުންކުރާ ސިރަޕްތަކާއި އެކި ކަހަލަ ޓޮނިކްތައް ވިއްކުމުގައި މީގެ ކުރިއަށްވުރެ ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން މަޖުބޫރުވާނެއެވެ.ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅަން ނިންމީ، އަލްކަހޯލް ގިނަ މިންވަރަކަށް ހިމެނޭ ބައެއް ބޭސްތައް ޑޮކްޓަރުގެ ބޭސްސިޓީއާ ނުލައި ފަސޭހައިން ލިބެން ހުރުމުގެ ސަބަބުން، މަސްތުވުމަށާއި އެހެނިހެން ނަހަމަ ކަންކަމުގައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއެވެ. މިކަމާ ގުޅިގެން އިންޑިއާގެ “ޑްރަގްސް ކޮންސަލްޓޭޓިވް ކޮމިޓީ” އާއި “ޑްރަގްސް ޓެކްނިކަލް އެޑްވައިޒަރީ ބޯޑު” އިން ލަފާދީފައިވަނީ، މިފަދަ ބޭސްތައް ކޮންޓްރޯލް ނުކޮށް ދޫކޮށްލައިފިނަމަ އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

އާ ގަވާއިދު ބަޔާންކުރާގޮތުން ބޭސް ފިހާރަތަކުން މިހާރު ބައެއް ހަރުކަށި އުސޫލުތަކަށް ސަމާލުކަން ދޭންޖެހެއެވެ. އެގޮތުން ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއްގެ ސައްހަ ބޭސްސިޓީއެއް އޮވެގެން ނޫނީ މިފަދަ ބޭސްތައް ނުވިއްކުމަށާއި، ބޭސް ވިއްކާ މިންވަރާއި ލިބޭ މީހާގެ ތަފްސީލު ހިމެނޭ ވަކި ޚާއްސަ ރަޖިސްޓްރީއެއް ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ބޭސްސިޓީތަކާއި ވިއްކި ބޭހުގެ ރެކޯޑުތައް މަދުވެގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ރައްކާކޮށްފައި ބަހައްޓަންޖެހެއެވެ.

މެޑިކަލް މާހިރުން ވިދާޅުވާ ގޮތުގައި، މި ބަދަލަކީ ބޭސް މަނާކުރުމެއް ނޫން ނަމަވެސް، މީގެ ބޭނުމަކީ ބޭސް ބޭނުންކުރުމުގައި ރައްކާތެރިކަން އިތުރުކުރުމެވެ. ބައެއް ބޭސްތަކުގައި އަލްކަހޯލް ބޭނުންކުރަނީ ބޭހުގެ އަސަރު ގަދަކުރުމަށާއި ބޭސް ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ކަމަށްވިޔަސް، ޑޮކްޓަރުގެ އިރުޝާދާ ނުލައި މިފަދަ ބޭސްތައް ބޭނުންކުރުމަކީ، ހާއްސަކޮށް ކުޑަކުދިންނާއި، ދޮށީ އުމުރުގެ މީހުންގެ އިތުރުން ފުރަމޭގެ ބަލިތައް ހުންނަ މީހުންނަށް ނުރައްކާތެރި ކަމެކެވެ.

މި ފިޔަވަޅުތަކުގެ އިތުރުން، ފަހަކަށް އައިސް އިންޑިއާގައި ސައްހަނޫން ބޭސް އުފައްދާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. ދާދި ފަހުން އުއްތަރަ ޕްރަދޭޝްގައި ފޭކު “ކައިމޯރަލް ފޯޓޭ” އާއި “ގަޑްސެފް ޕްލަސް” ބޭސް ދެނެގަނެވި، އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، “މައުންޖާރޯ” ޕެންގެ ނަމުގައި ފޭކު އުފެއްދުންތަކެއް އުފައްދާ ބަޔަކުވެސް ވަނީ އަތުލައިގަނެފައެވެ. މި މައްސަލަތަކުގައި ބޭސް ބަންދުކުރާ ކަރުދާސްތަކާއި ލޭބަލްތައް އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާތީ، މިއީ ގައުމުގެ ބޭސްފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޓެގް

އިންޑިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.