ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުކޮށް، އައްޑޫ ސިޓީގެ އިގްތިސާދީ ތަރައްގީއަށް ރައީސް މުއިއްޒުގެ ސަރުކާރުން ގަސްދުގައި ހުރަސްއަޅަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ތުހުމަތުކުރައްވައިފިއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ޑޮލަރުގެ އަގު ތިރިކުރައްވާނެ ކަމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، މިއަދު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު އުޅެނީ 21 ރުފިޔާއަށް ވުރެ މަތީގައި ކަމަށެވެ. އަދި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކުންވެސް މިހާތަނަށް އެދެވޭ އެއްވެސް ނަތީޖާއެއް ނެރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫގެ ފަތުރުވެރިކަމަށް އަލިއަޅުވާލައްވަމުން މެންބަރު ވިދާޅުވީ، ފޭދޫ ސަރަހައްދުގައި 250 ކޮޓަރީގެ ގެސްޓްހައުސް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ މަޝްރޫއުގެ މުހިންމު ބައެއްގެ ގޮތުގައި އޮތް “ސަވާހިލި ޕްރޮޖެކްޓް” އައްޑޫ ސިޓީ ކައުންސިލުން އިންވެސްޓަރުން ހޯދަން ބިޑު ފޮތް ވިއްކަން ފެށުމުން، ރައީސްގެ ބާރުގެ ދަށުން އެ ބިން ސަރުކާރަށް ނަގާފައިވާ ކަމަށެވެ.
މީގެއިތުރުން އިކުއޭޓަރ ވިލެޖްގެ ހިދުމަތް ހުއްޓުމަކަށް އަތުވެއްޖެނަމަ، ސަވާހިލި މަޝްރޫއާއެކު އައްޑޫގެ މުޅި ގެސްޓްހައުސް ވިޔަފާރިއަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އާންމު ރައްޔިތުންގެ އާމްދަނީއަށް ނޭދެވޭ އަސަރުކުރާ މިފަދަ ނިންމުންތައް ސަރުކާރުން ނިންމަނީ ކޮން ނިޔަތެއްގައި، ކާކުގެ ބަހަށްތޯ ސާފުކޮށްދޭންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...