ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ހަތަރުވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް ދިފާއީ ވުޒާރާއިން މިއަދު ފަށައިފިއެވެ.
މި ފަހަރުގެ ބެޗަށްވެސް ބައިވެރިން ހޮވުމުގެ އިމްތިހާނުތަކާއި އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތަފާތު 13 ސަރަހައްދެއްގައެވެ. އެގޮތުން ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ. ވޭމަންޑޫ، ލ. ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައި މި މަސައްކަތް ކުރިއަށްދާނެއެވެ.
މި މަރުހަލާގެ ތެރެއިން ބައިވެރިންގެ އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކުގެ އިތުރުން އެޕްޓިޓިއުޑް ޓެސްޓާއި ފިޓްނަސް ޓެސްޓްތައް ކުރިއަށްދާނެ ކަމަށް ދިފާއީ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.
ހަތަރުވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ ފަށާފައިވާއިރު، މި އަހަރުގެ ޖޫން 19 ގައި ފެށި ތިންވަނަ ބެޗުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަކުރަމުންނެވެ.
މި ޕްރޮގްރާމަކީ އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަޚުލާގު ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ގައުމީ މުހިންމު ސިޔާސަތެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...