ރާއްޖޭގެ މަސްވެރިން ބާނާ މަސް ރައްކާކުރުމުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، މި އަހަރު ނިމެންވާއިރަށް 9،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމްކޮށް އޮޕަރޭޝަނަށް ގެނައުމުގެ އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މިހާރު ބޯޓުތަކާއެކު ރާއްޖޭގައި ރައްކާކުރެވެނީ 9،000 ޓަނުގެ މަސް ކަމަށްވާއިރު، މަސްވެރިކަން ރަނގަޅުވެ ދުވާލަކު 600 އާއި 700 ޓަނާ ދެމެދުގެ އަދަދަކަށް މަސް ބާނަން ފެށުމުން ސްޓޯރޭޖްގެ ދަތިކަން އިންތިހާއަށް ކުރިމަތިވާ ކަމަށް ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރިއަށް އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކޮށް ނިންމާލެވޭނެ ކަމަށާއި، ހަމައެއާއެކު ކޫއްޑޫގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެއިތުރުން މ. މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހއ. ގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ މަސައްކަތްވެސް މި ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
އުމްރާނީ ގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުތަކުގެ ދަށުން، އަތޮޅުތަކުގެ ހަތް ރަށެއްގައި ޖުމުލަ 11،000 ޓަނުގެ މަސް ރައްކާކުރެވޭނެ ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ބާރު ދުވެލީގައި ކުރިއަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...