ޚަބަރު ކުށުގެ ވެށި ތަހުލީލުކުރުމާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާ ގުޅޭ ތަހުގީގުތަކަށް 54 ފުލުހަކު ތަމްރީނުކޮށްފި

ކުށުގެ ވެށި ތަހުލީލުކުރުމާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާ ގުޅޭ ތަހުގީގުތަކަށް 54 ފުލުހަކު ތަމްރީނުކޮށްފި

ކުށުގެ ވެށި ތަހުލީލުކުރުމާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާ ގުޅޭ ތަހުގީގުތަކަށް 54 ފުލުހަކު ތަމްރީނުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހިންގާ ތަހުގީގުތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގި ހާއްސަ ދެ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލި 54 ފުލުހަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ކުރިއަށް ގެންދިޔަ މި ދެ ތަމްރީނަކީ ގެވެށި އަދި ޖިންސީ އަނިޔާގެ މައްސަލަތަކަށް ހާއްސަ “ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް” ގެ 18 ވަނަ ބުރާއި، ކުށުގެ ވެށި ބަލައި ފާސްކުރުމަށް ހިންގި “ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް” ގެ 7 ވަނަ ބުރެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މީގެއިތުރުން ޕޮލިސް ކޮލެޖުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމާ ސަޢީދު ވެސް މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފެމިލީ އެންޑް ޗައިލްޑް އިންވެސްޓިގޭޝަން ކޯހުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދީފައިވަނީ އަނިޔާ ލިބޭ ފަރާތްތަކުގެ ނާޒުކު ހާލަތަށް ރިއާޔަތްކޮށް، ހާއްސަކޮށް ކުޑަކުދިންނާ ސުވާލުކުރުމުގައި ތަހުގީގު އޮފިސަރުން ގެންގުޅެންޖެހޭ ފަންނީ ހުނަރުތަކެވެ. ޖުލައި 26 އިން އޮގަސްޓު 11 އަށް ކުރިއަށް ގެންދިޔަ މި ބުރުން 25 ފުލުހަކު ދަސްވެނިވި އިރު، އެންމެ ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯއްދެވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ރިޝްވީނާ އަޙްމަދުއެވެ.

ކުށުގެ ވެށީގެ ތަހުގީގުތަކަށް އަމާޒުކޮށްގެން އޮގަސްޓް 2 އިން ސެޕްޓެމްބަރު 3 އަށް ހިންގި ސީން އޮފް ކްރައިމް އޮފިސަރސް ކޯސް 29 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައެވެ. މި ބައިވެރިންގެ ތެރެއިން އެއްވަނަ ހާސިލުކުރެއްވީ ފޮރެންސިކް އެނަލިސްޓް އަސިޔަތު މަންހަތު މުޙައްމަދުއެވެ.

މި ތަމްރީނުގައި ކުށެއް ހިނގި ސަރަހައްދުން ޑީއެންއޭ، އިނގިލީގެ ނިޝާން، މާއްދީ އަދި ޑިޖިޓަލް ހެކި ފަދަ މުހިންމު އަލާމާތްތައް ގާނޫނީ ހަމަތަކުގެ މަތިން ނަގައި، ރައްކާތެރިކުރުމުގެ އަމަލީ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ. އޭގެއިތުރުން ލިޔެކިޔުންތައް ތަހުލީލުކުރުމާއި، ތަހުގީގީ ރިޕޯޓު އެކުލަވައިލުމަށްފަހު ޝަރީއަތުގެ މަޖިލީހުގައި ފޮރެންސިކް ހެކިބަސް ދޭނެ ގޮތްތަކަށް ވެސް އޮފިސަރުން ވަނީ އަހުލުވެރިކުރުވާފައެވެ.

ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރަމުންދަނީ ކުށް ސާބިތުކުރުމުގައި ސައިންޓިފިކް އަދި ޒަމާނީ ހެކިތަކަށް ބަރޯސާވާ މިންވަރު އިތުރުކުރުމަށެވެ. އެގޮތުން އައްޑޫގައި ގާއިމުކޮށްފައިވާ ޕޮލިސިންގ ކޮލެޖު މެދުވެރިކޮށް، ތަހުގީގީ ދާއިރާތަކުން މީހުން ބިނާކުރުމަކީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ޓެގް

ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.