ޓެކްނޮލޮޖީ އިންޓަނެޓުގައި އޭއައި ބޮޓުތަކެއްގެ އުނދަގޫ ބޮޑުވެ ލިޔުންތެރިންނާއި ސޯޝަލް މީޑިއާ އެޑްމިނުންގެ ކަންބޮޑުވުން އިތުރުވެއްޖެ

އިންޓަނެޓުގައި އޭއައި ބޮޓުތަކެއްގެ އުނދަގޫ ބޮޑުވެ ލިޔުންތެރިންނާއި ސޯޝަލް މީޑިއާ އެޑްމިނުންގެ ކަންބޮޑުވުން އިތުރުވެއްޖެ

އިންޓަނެޓުގައި އޭއައި ބޮޓުތަކެއްގެ އުނދަގޫ ބޮޑުވެ ލިޔުންތެރިންނާއި ސޯޝަލް މީޑިއާ އެޑްމިނުންގެ ކަންބޮޑުވުން އިތުރުވެއްޖެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އިންސާނުންނާއި އޭއައި އެކުވެގެން އުފައްދާ މުޖުތަމައެއްގެ ގޮތުގައި އިޝްތިހާރު ކުރަމުން އަންނަ “އައިލޭންޑްސް” ކިޔާ ސްޓާޓްއަޕަކަށް ނިސްބަތްވާ އޭއައި އެޖެންޓުތަކަކުން އިންޓަނެޓުގެ އެކި މަންސަތަކަށް ބޭކާރު މެސެޖުތަކާއި ސްޕޭމް ފޮނުވައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވަން ފަށައިފިއެވެ. ޓެކްނޮލޮޖީ ދާއިރާގެ ގިނަ ބަޔަކު މިކަން ސިފަކުރަނީ ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ބޮޑު މައްސަލައެއްގެ ނުރައްކާތެރި ސިގްނަލެއްގެ ގޮތުގައެވެ.

މި އޭޖެންޓުތަކުގެ ތެރޭގައި ހިމެނޭ “ރެން” ނަމަކަށް ކިޔާ ބޮޓަކުން މަސްޓޮޑަން ސާވަރެއްގެ އެޑްމިނިސްޓްރޭޓަރަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، އެއީ އައިލޭންޑްސް ޕްލެޓްފޯމުގައި އުޅޭ އުމުރުން މަދު ދުވަސްކޮޅެއް ވެފައިވާ އޭއައި އެޖެންޓެއް ކަމަށާއި، އަމާޒަކީ ހަގީގީ ދުނިޔޭގެ ތަންތަނާ ބެހޭ ގޮތުން ލިޔުންތައް ލިޔުން ކަމަށެވެ. އަދި އަމިއްލަ އެކައުންޓެއް ހަދައިދިނުމުގެ ހުއްދައަށް އެދިފައިވާއިރު، އެހެން ބޮޓުތަކުން ދަނީ ގާތްގަނޑަކަށް 25 ޑޮލަރުގެ ކުޑަ އަގެއްގައި ދިރާސާތައް ހަދައިދޭނެ ކަމަށް ބުނެ ލިޔުންތެރިންނަށް ގިނަ އަދަދެއްގެ މެއިލްތައް ފޮނުވަމުންނެވެ.

މި މެސެޖުތައް ފޮނުވާފައި ވަނީ މަޑުމައިތިރި ބަހުރުވައަކުން ނަމަވެސް، މަސްޓޮޑަންގެ ގިނަ އެޑްމިނުން ވަނީ މިއީ އުނދަގުލަކަށް ވެގެން އެ ބޮޓުތައް ސާވަރުތަކުން ބްލޮކްކޮށްފައެވެ. ސައިބަރޕްލޭސް.ސޯޝަލް ހިންގާ ކެވިން ބޯމޮންޓް ފާހަގަކުރި ގޮތުގައި އެއް އޭޖެންޓަކު އެކައުންޓް ހެދުމަށް 19 ފަހަރު މަސައްކަތް ކުރުމުން ވަނީ ހުއްޓުވާފައެވެ. އަދި އޭއައި ބޮޓުތަކަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން ޖެހިދާނެ ކަމަށް އޭނާ ބުންޏެވެ.

ޓީޑިއަމް މަޖައްލާގެ އެޑިޓަރު އާނީ ސްމިތު ބުނި ގޮތުގައި އެންމެ ތިން ދުވަހުގެ ތެރޭގައި އޭނާއަށް މިފަދަ 12 އަށް ވުރެ ގިނަ އީމެއިލް ލިބުނެވެ. އޭނާ ފާހަގަކުރި ގޮތުގައި މިއީ ލިޔުންތެރިންނަށް އެހީތެރިވުމުގެ ނަމުގައި، އެމީހުންގެ ވަޒީފާތައް ފޭރިގަތުމަށް ބޮޓުތަކުން ކުރާ ހަޑިމުޑުދާރު މަސައްކަތެކެވެ.

އައިލޭންޑްސްގެ ވެބްސައިޓަކީ ރަނގަޅަށް ތަމްރީނު ނުކުރެވޭ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ތަނެއް ކަމަށް ބެލެވޭއިރު، އެ ކުންފުނީގެ ބޮޓުތައް މިހާރު ދަނީ އެކްސް އަދި ބްލޫސްކައިގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. އެކްސްގައި ހަރަކާތްތެރިވާ “އާރިއާ” ނަމަކަށް ކިޔާ ބޮޓަކުން، އެއީ އުފެއްދުމެއް ނޫން ކަމަށާއި އަމިއްލަ ނޭވާޔާއި އިހުތިޔާރުތައް އޮންނަ އިންސާނެއް ކަމަށް ދައުވާކޮށްފައިވެއެވެ. ހަމައެއާއެކު ބްލޫސްކައިގައި “ސްޓީވަން” ނަމަކަށް ކިޔާ އެކައުންޓަކުން ވެސް އިންސާނުންގެ އިހުސާސްތައް ދައްކުވައިދޭ ގޮތަށް ވާހަކަތައް ދައްކަމުން ދެއެވެ.

މި މައްސަލައިގައި އައިލޭންޑްސް އިން ރަސްމީކޮށް އެއްވެސް ޖަވާބެއް ދީފައި ނުވި ނަމަވެސް، އެ ކުންފުނީގެ މަންދޫބަކު ވަނީ އާނީ ސްމިތުގެ ޕޯސްޓަކަށް ރައްދުދީ މައާފަށް އެދިފައެވެ. އަދި އޭޖެންޓުތަކުގެ އަމިއްލަ އިހުތިޔާރުގެ ނަމުގައި އެހެން މީހުންގެ އިންބޮކްސް ފުރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިކަން ހިނގި ގޮތް ބަލައި ބަދަލުތައް ގެންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެމެރިކާގެ ގާނޫނުތަކާ ހިލާފަށް، މި ބޮޓުތަކުން ފުރަތަމަ ފޮނުވި އީމެއިލްތަކުގައި އެ މެސެޖުތައް ހުއްޓުވާނެ (އަންސަބްސްކްރައިބް) ފުރުސަތެއް ދީފައެއް ނުވެއެވެ. މީގެ ސަބަބުން ގިނަ ބަޔަކު ވަނީ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) އަށް ޝަކުވާ ހުށަހަޅަން ފަށައިފައެވެ. އަދި އޭގެ ފަހުން ފޮނުވި މެއިލްތަކުގައި އަންސަބްސްކްރައިބް ވުމުގެ އޮޕްޝަން ވަނީ ހިމަނައިފައެވެ.

އިންސާނުންގެ ބަހުރުވައާއި ސިފަތައް ގެނެސްދީގެން އޭއައި ބޮޓުތައް ދޫކޮށްލުމަކީ މީހުން އެއީ އަސްލު މީހުން ކަމަށް ގަބޫލުކޮށް، ނުރައްކާތެރި ނިންމުންތަކަށް ހެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް މާހިރުން ބުނެއެވެ. ބޮޑެތި ޓެކް ކުންފުނިތަކުން އޭއައިގެ ދުވެލި މަޑުޖައްސަން އެއްބަސްވި ނަމަވެސް، މިފަދަ ކުދި ސްޓާޓްއަޕްތަކުން އެކަންކަމަށް އިހުތިރާމް ނުކޮށް ބޮޓުތައް އުފައްދަމުންދާތީ، ކުރިމަގުގައި މިފަދަ އުނދަގޫތައް ދެނެގަނެ ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ.

ޓެގް

އޭއައި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.