ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށާއި އާންމު ސަރަހައްދުތަކަށް އަމާޒުކޮށް ހޫތީ ޖަމާއަތުން ދިން ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ގޮވާލައި، އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ހޫތީންގެ އެންމެ ފަހުގެ ހަމަލާތަކުގެ ސަބަބުން ރިޔާޒުގެ މާލީ މަރުކަޒަށް މާއްދީ އެކި ގެއްލުންތައް ލިބިފައިވާ ކަމަށާއި، މިއީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގުތިސާދީ ބިނާތަކަށް ގަސްދުގައި ދީފައިވާ ނުރައްކާތެރި ހަމަލާތަކެއް ކަމަށެވެ.
އާންމުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދެމުންދާ މިފަދަ އަނިޔާވެރި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި މުޅި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ފަދަ މި އަމަލުތައް ވަގުތުން ހުއްޓާލުމަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ.
ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އުޚުއްވަތްތެރި ރައްޔިތުންނާއެކު ސާބިތުކަމާއެކުގައިކަން ފާހަގަކުރައްވައި، އެ ވުޒާރާއިން ބުނެފައިވަނީ ސައުދީގެ ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި މާތްވެގެންވާ ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުވެސް ލިބޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...