ޚަބަރު މާލީ ތައުލީމާއި ހޭލުންތެރިކަން ފުޅާކުރުމަށް އެމްއެމްއޭއިން ހއ. އަތޮޅުގެ ހަ ރަށެއްގައި ހިންގި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މާލީ ތައުލީމާއި ހޭލުންތެރިކަން ފުޅާކުރުމަށް އެމްއެމްއޭއިން ހއ. އަތޮޅުގެ ހަ ރަށެއްގައި ހިންގި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

މާލީ ތައުލީމާއި ހޭލުންތެރިކަން ފުޅާކުރުމަށް އެމްއެމްއޭއިން ހއ. އަތޮޅުގެ ހަ ރަށެއްގައި ހިންގި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަތޮޅުތެރޭގެ ރަށްރަށުގައި މާލީ ތައުލީމާއި ހޭލުންތެރިކަން ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ 'ފިންލިޓް ފެސްޓް ރަށްރަށަށް' ޕްރޮގްރާމުގެ ދަށުން ހއ. އަތޮޅުގެ ހަ ރަށެއްގައި ހިންގި ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 20 އިން 22 އަށް ހއ. ދިއްދޫ، ވަށަފަރު، ފިއްލަދޫ، އުތީމު، މުރައިދޫ އަދި ކެލާގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކަކީ ރަށްރަށުގެ ފެންވަރުގައި މިހާ ފުޅާކޮށް އެމްއެމްއޭއިން މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރެވެ.

މި ދަތުރުގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީގެ އިތުރުން ފައިނޭންޝަލް ލިޓްރަސީ އެޑްވޮކޭޓް އަހްމަދު ރިޒާ ބައިވެރިވެވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ.

ޕްރޮގްރާމުގެ ތެރެއިން ދިއްދޫ އާއި ވަށަފަރުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން 'ފިންލިޓް ފެސްޓް ކިޑްސް ކްލަބްހައުސް' ގެ ނަމުގައި ބޭއްވި ހަވީރުގައި ދިވެހި ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލްތަކާއި މާލީ މެސެޖުތައް އެކުލެވޭ ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަވީރުތަކުގައި ބޭންކްތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން ޖަމްއިއްޔާތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން ދިއްދޫ އާއި ވަށަފަރުގެ އަންހެނުންނަށް މާލީ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކާއި މާލީ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން ޑެޕިއުޓީ ގަވަރުނަރު ވަނީ އަންހެނުންނާއެކު ޚާއްސަ ފޯކަސް ގްރޫޕް މަޝްވަރާތަކެއް ވެސް ބާއްވަވާފައެވެ.

އަނެއް ހަތަރު ރަށް ކަމަށްވާ ފިއްލަދޫ، އުތީމު، މުރައިދޫ އަދި ކެލާގައި ކުރިއަށް ގެންދިޔައީ ސްކޫލް ދަރިވަރުންނާއި އާންމުންނަށް މާލީ އަދި އިގްތިސާދީ މައުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބޭންކިން ދާއިރާގެ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމުގެ އިތުރުން، ޑިޖިޓަލް ޕޭމަންޓް ނިޒާމު 'ފަވަރަ' އާ ބެހޭ މައުލޫމާތާއި ޒިންމާދާރުކަމާއެކު ފައިސާ ބޭނުންކުރާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި ހއ. އަތޮޅަށް ކުރި މި ދަތުރަކީ މުޅި ރާއްޖެއަށް މާލީ ހޭލުންތެރިކަން ފުޅާކުރުމަށް ފެށި ސިލްސިލާ ދަތުރުތަކުގެ ފެށުމެވެ. އެ އޮތޯރިޓީން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގެ ރަށްރަށުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ.

ޓެގް

އެމްއެމްއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.