ތައިލެންޑުގެ ކެޕިޓަލް ބެންކޮކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވަނިކޮށް، ފެންބޮޑުވެފައިވާ މަގުތަކުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ޖެޓްސްކީ ދުއްވި މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެ މީހާގެ މައްޗަށް އާންމު އުނދަގޫ ކުރުމުގެ ދައުވާ އުފުލައިފައެވެ. އަދި އޭނާ ދުއްވި ޖެޓްސްކީ ދައުލަތަށް ނެގުމުގެ އަމުރަކަށް ކޯޓުގައި އެދުމަށް ނިންމާފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.
މަގުމަތީގައި ބޮޑުވެފައިވާ ފެންގަނޑު ތެރޭގައި އެ މީހާ ޖެޓްސްކީގައި ބާރުސްޕީޑުގައި ދުއްވަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. މަގުމަތީގައި ހުރި އުޅަނދުތަކާއި ހިނގާބިނގާވެ އުޅުނު މީހުންނަށް އުނދަގޫވާ ގޮތަށް އޭނާ ދުއްވާފައިވަނީ އަމިއްލަ އުފަލަކަށް ކަމަށް ފުލުހުން ބުނެއެވެ.
ބެންކޮކަށް މޫސުން ގޯސްވުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރު ކުރުމަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، މިފަދަ ނުރައްކާތެރި އަމަލުތައް ކުރުމަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ތުރާލެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
ތައިލެންޑުގެ ފުލުހުން ވަނީ ފެންބޮޑުވުމުގެ ހާދިސާތަކުގައި އާންމު ސަލާމަތަށް ނުރައްކާވާ ގޮތަށް އަދި އާންމު ނިޒާމު ގެއްލޭ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...