ޚަބަރު އަލިފާން ނިވާ ސައިކަލް ތައާރަފްކޮށް ބޭނުންކުރަން ފަށައިފި

އަލިފާން ނިވާ ސައިކަލް ތައާރަފްކޮށް ބޭނުންކުރަން ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސްއަށް އަލަށް ތައާރަފްކުރި އަލިފާންނިވާ 2 ސައިކަލު ބޭނުންކުރަން ފަށައިފިއެވެ.

 މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތު ތައާރަފްކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މި ސައިކަލާއިބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައިވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑަރ ކާނަލް ޢަބްދުﷲ ޒުހުރީއެވެ.

ފޮޓޯ: އެމްއެންޑީއެފް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވީ މިއަދު ތަޢާރަފް ކުރެވުނު މި ދެ ސައިކަލުގެ ސަބަބުން މާލޭގައި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ވެހިކަލްތަކަށް ނުވަދެވޭ ހަނި މަގުތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް އަވަސްކަމާއި އެކު އަލިފާން ނިއްވުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިހާރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ކުރިއަށްގެންދާ އެކްސަސައިޒް “ޖައްރާފާ 2018” ގައި އަލިފާން ރޯވެފައިވާ ކާރެއްގެ އަލިފާން ނިއްވުމުގައި މި ދެ ސައިކަލް ބޭނުންކޮށްގެން ހަރަކާތްތެރިވާތަން ވަނީ ދައްކާލާފައިވެއެވެ.

މިއަދު ތަޢާރަފް ކުރި މި ދެ ސައިކަލަކީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ދިރާގުގެ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ތެރެއިން ދިރާގުން ހަދިޔާކޮށްފައިވާ ދެ ސައިކަލެވެ. އެމްއެންޑީއެފުން ހާމަކުރެއްވި ގޮތުގައި، މި ސައިކަލުތަކަކީ ޗީފް އޮފް ޑިފެންސް ފޯސްގެ ހިޔާލުފުޅާއި އެއްގޮތްވާގޮތުގެ މަތިން ފަރުމާކުރެވިފާ ދެ ސައިކަލެވެ.

ފަޔަރ ސައިކަލު ފަރުމާކުރުމުގެ މަޤްސަދަކީ ޙާދިސާތަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން އަވަހަށް ގޮސް އަލިފާން ނިއްވުމުގެ ހިދުމަތް ދިނުމުގައި ހަރަކާތެރިވުމެވެ. މި ސައިކަލްގައި ފަޔަރ ބެކްޕެކެއް ބެހެއްޓިފައިވެއެވެ. ދެ ލީޓަރުގެ ކޮމްޕްރެސްޑް އެއަރ ގެ އެހީތެރިކަމާ އެކު ބޭނުންކުރެވޭ މި ފަޔަރ ބެކްޕެކްގައި 10 ލީޓަރުގެ ފެންހިމެނެއެވެ. އަދި ސައިކަލުގެ ދެފަރާތުގައި އަލިފާން ނިވި ހަރުކުރެވިފައިވާއިރު ސައިކަލްގެ ޔޫ ބޮކްސް ތެރޭގައި ބަންދު ތަންތަނުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތެއް ކަމުގައިވާ ޑީއެސްޕީ (ޑްރައި ސްޕްރިންކްލާ ޕައުޑަރ) ބެހެއްޓިފައި ވެއެވެ.

މި ސައިކަލް ތަޢާރަފް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް އާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާނޑަރާ ޖެނެރަލް އޮފިސަރުން އަދި ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.