ޚަބަރު މާޅެންދޫ ބޯޓް، މަނަދޫ ކަނޑިންމަ މައްޗަށް އުރި، ގެއްލުންތަކެއްވަމުން އެބަދޭ

މާޅެންދޫ ބޯޓް، މަނަދޫ ކަނޑިންމަ މައްޗަށް އުރި، ގެއްލުންތަކެއްވަމުން އެބަދޭ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނ.މާޅެންދޫ ބޯޓް ( ޕެލިކަންބޯޓް ) އިއްޔެ ހަވީރު މާލެއިން ފުރައިގެން ނ.އަތޮޅަށް ކުރިދަތުރުގައި ނ.މަނަދޫ ފަޅަށް ވަންނަން އުޅުނު އުޅުމުގެ ތެރޭގައި މަނަދޫ ކަނޑިންމަ މައްޗަށް ބޯޓު އުރި ގެއްލުން ތަކެއް ވަމުން އެބަދެއެވެ. ބޯޓުގައި ވަރަށްގިނަޢަދަދެއްގެ މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންވެސް ހިމެނެއެވެ.

ފަތިހު ގާތްގަޑަކަށް 4:15 ހާއިރު މަނަދޫ ފަޅަށް ވަންނަން އުޅުނު އިރު ކަނޑިންމަމަތީގައި ވަރަށް ބޮޑެތި ރާޅުހުރިކަމަށާއި، އަދި މިހާރުވެސް މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ކަނޑިންމަމަތީގައި ބޮޑެތި ރާޅުތައް އެބަހުރި ކަމަށް ބޯޓުގައި ހުރި މީހަކު “ނާރެސް” އަށް މަޢުލޫމާތު ދެއެވެ.

ޕެލިކަން ބޯޓް އަޑިޔަށް ދަނީ / ފޮޓޯ: ނާރެސްމީޑިއާ

ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް މާއެދޭވޭގޮތެއްގައި ކުރިއަށް ނުދަނީ މޫސުން ގޯސްވުމުގެ ސަބަބުން އެހިސާބުގައި އުފެދިފައިވާ ރާޅުގެ ސަބަބުން ކަމަށް އެބޯޓުން ދަތުކުރި މީހުން ބުނެއެވެ. އެހެންނަމަވެސް މަނަދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކާއި، މަނަދޫ ޕޮލިސް ގުޅިގެން ބޯޓު ސަލާމަތް ކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވެމުން އެބަދެއެވެ.

ބޯޓުގައި ހުރިމީހަކު ބުނާގޮތުގައި ބޯޓްގެ އިންޖީނު ރޫމާއި، ހިސާބުން މިހާރު ބޮޑުބައެއް އަޑިޔަށް ގޮސް ބޯޓްތެރެއަށް ލޮނުވައްދަމުން އެބަދެއެވެ. ބޯޓުގައި ތިބި މީހުންނާއި، ކުޑަކުދިން ސަލާމަތްކުރެވޭތޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރު ތަފްޞީލް

ކޯސްޓްގާޑްގެ ފުރަތަމަ އުޅަނދު އެސަރަޙައްދަށް އަތުވެއްޖެއެވެ. މިހާރުވަނީ ބޯޓްގައި ތިބި ހުރިހާ ފަސިންޖަރުން ރައްކާތެރިކަމާއެކު މަނަދުއަށް ބާލާފައެވެ. މަނަދޫ ރައްޔިތުްންނާއި، ފުލުހުންނާއި، އަދި ކޯސްޓް ގާޑުން މިހާރު މަސައްކަތްކުރަމުން ދަނީ ބޯޓްގައި ހުރި މުދާތައް ސަލާމަތްކުރެވޭތޯއެވެ. 

ބޯޓްގެ 90 އިިންސައްތަ މިހާރުވަނީ އަޑިޔަށް ގޮސްަފައެވެ. ނަމަވެސް ބޯޓް ބީހިފައި އޮތުމުގެ ސަބަބުން އެއްްކޮށް އަޑިޔަށް ނުގޮސް އަދިއޮތީ ބައެއް ފެންމަތީގައެވެ. 

ޕެލިކަން ބޯޓް އަޑިޔަށްދަނީ / ފޮޓޯ: އެފްބީ

7:19

ދިޔަވަރު ދަނީ ބޮޑުވަމުންނެވެ. ދިޔަވަރު ބޮޑުވިވަރަކަށް ބޯޓް އަޑިޔަށް އިތުރަށްދާނެކަމަށް އެތާހަރަކާތްތެރިވާ މީހުންބުނެއެވެ. އަދި ބޯޓްގެ ގިނަމުދާތަކެއް މިހާރުވެސް ހަލާކުވަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. 

ބައެއް މުދާ މިހާރު ސަލާމަތް ކުރެއްވިއްޖެއެވެ. އަދިވެސް ގިނަމުދާތަކެއް ބޯޓްތެރޭގައި ލޮނުޖެހި ހަލާކުވަމުން ދަނީއެވެ. ގިނަޢަދަދެއްގެ ސައިކަލްތައްވެސް ހުރީ ބޯޓްތެރޭގައެވެ. އެ ތަކެތިވެސް އަދި ސަލާމަތެއް ނުކުރެވެއެވެ.

7:45

މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން މުދާސަލާމަތްކުރުމުގެ މަސައްކަތްވެސް އެހާބާރަކަށް ކުރިއަށް ނުގެންދެވެއެވެ. ކައިރި ރަށްރަށުގެ ރައްޔިތުންވެސް މިހާރު އެސަރަޙައްދަށް އެހީތެރިވެދިނުމަށް އަންނަމުން އެބަދެއެވެ.

13:45

މަނަދޫ ރައްޔިތުންގެ ތެރެއިން ގިނަޢަދަދެއްގެ މީހުންނާއި، ކައިރިރަށްރަށުން އެހީތެރިވާން ދިޔަމީހުންނާއި، ފުލުހުންނާއި އަދި ކޯސްޓް ގާޑްގެ އެހީތެރިކަމާއެކު ބޯޓް ސަލާމަތް ކުރުމަށް އަދިވެސް ދަނީ މަސައްކަތްކުރަމުން ނަމަވެސް ވާޖަހައިގެން ދަމަމުން ދަނިކޮށް ވާވެސް ވަނީ ކަނޑައިގެން ގޮސްފައިކަމަށް މައުލޫމާތު ލިބޭ.

ބޯޓް އުރުނު ހިސާބުން އަދި 10 ވަރަކަށް ފޫޓްފިޔަވައި އެންމެ ތަންކޮޅަކަށްވެސް ބޯޓް ނުޖެއްސޭ. ބޯޓްގެ އަޑީަބައި މިހާރު އެއްކޮށް ރޫޅިއްޖެ. އަދި ބޯޓްގެ އިންޖީނުވެސް މިހާރު ބޯޓާވަކިވެ އަޑިއަށް ހިނގައްޖެކަމަށް މަޢުލޫމާތު ލިބޭ. 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.