ޚަބަރު ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދިވެސް ޤަބޫލެއް ނުކުރަން – ރައީސް ޔާމީން

ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދިވެސް ޤަބޫލެއް ނުކުރަން – ރައީސް ޔާމީން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދިވެސް ޤަބޫލުފުޅު ނުކުރައްވާ ކަމަށާއި، އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސްޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގައި މިހާރު ތިއްބެވި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދިނުމަށް ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ އެލެކްޝަނުން އޮޅުވާލި އޮޅުވާލުންތައް އެނގުނީ އިންތިޚާބު ނިމުނުތާ ހަފްތާއެއްހާ ދުވަސްވީ ފަހުން ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ހިތްޕުޅުގައި ހުރި ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް ނޫސްވެރިންނާ ހިއްޞާކުރައްވަމުންރައީސް ޔާމީން ވިދާޅުވީ އިންތިޚާބާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ ގޮތް ނެތިގެން ދިޔަ ކަމަށެވެ. އެގޮތުން އެއްވެސް ޝަކުވާއެއް އިލެކްޝަނަށް ހުށަނޭޅި ހަތަރު ފަސް ދުވަސް ވެގެންދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިލެކްޝަނުގެ ކޮމްޕްލެއިންސް ބިއުރޯ އެއްތަނުން އަނެއް ތަނަށް “ފިޒިކަލީ” ބަދަލުވެގެން ދިއުމުން އެ ޝަކުވާތައް ހުށަހެޅުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިންތިޚާބާއި ގުޅޭ އެއްވެސް ކަމެއް އިންތިޚާބުގެ ކުރިން ސަމާލުކަމަށް ނުގެނެވުނީ އިލެކްޝަނުގެ ޢަމަލުތައް ހުރި ގޮތުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ޤައުމީ ކޮމްޕްލެއިންސް ބިއުރޯގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯ އެއްތަނުން އަނެއް ތަނަށް ބަދަލު ކުރުމުގެ ސަބަބުން ރާއްޖޭގެ ރަށަކުންވެސް އިންތިޚާބާއި ގުޅޭ ޝަކުވާތައް ގެނެވޭނެ ގޮތް ނުވި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އިބްރާޙީމް މުޙައްމަދު ޞާލިޙު ކުރެއްވުމަށްފަހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ މީގެކުރިން އިންތިޚާބާއި ގުޅޭ ވާހަކަތައް ނުދައްކާ އެއްފަރާތް ކޮށްލީ ސުޕްރީމް ކޯޓުގައި އިންތިޚާބާއި ގުޅޭ މައްސަލަ ކުރިއަށްދާތީ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ރަސްމީ އެއްވެސް ތަޙްޤީގެއް ކުރެވޭނެ ގޮތެއް ނުވި ކަމަށެވެ. ނަމަވެސް ޝަރީޢަތަށް ޤަބޫލުކުރެވޭނެ މިންވަރަށް “ހޯދުނު ގޮތަކަށް” ހެކި ނެގި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ ރަސްމީ އިދާރާއަކުން ކުރި ރަސްމީ ތަހްޤީގެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދެނީ މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނަންވާނެ ކަމަށް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ޙުކުމްގައިވެސް އޮތީ ތަހްޤީގަކަށް ޖާގަ ދީފައި ކަމަށެވެ. އެހެންކަމުން އޭގެ އަނެއް ދުވަހު ރިޔާސީ އިންތިޚާބުގައި ހިނގާފައިވާ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނަށް ތަހްޤީގު ކުރުމަށް ހުށަހެޅި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުތަކުގައިވެސް އަދި އެހެނިހެން އިންތިޚާބުތަކުގައިވެސް ވޯޓުލާ ނިމުމަށްފަހު ވޯޓު ކަރުދާސްތައް ރަށްރަށުން ގެނެސް ބެހެއްޓުމަށްފަހު ހުންނާނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެކަމުގައިވެސް މިފަހަރުގެ ރިޔާސީ އިންތިޚާބު ދިޔައީ އެހެން ފަހަރުތަކާއި މުޅިން ޚިލާފަށް ކަމަށް ރައީސްވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެވަރު ވެގެންދިޔައިރު ވެސް ދިވެހިރާއްޖޭގެ އެއްވެސް މުޢައްސަސާއަކުން އެކަމަށް އިނގިލިވެސް އުފުލާލަން ބޭނުންނުވި ކަމަށެވެ.

ޓެގް

ރައީސްޔާމީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.