ޚަބަރު ލަންދޫ ހެލްތްސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މާދަމާ އެތަނުގެ ޚިދުމަތްތައް އަލުން ފަށާނެ

ލަންދޫ ހެލްތްސެންޓަރުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު މާދަމާ އެތަނުގެ ޚިދުމަތްތައް އަލުން ފަށާނެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ނ.ލަންދޫ ހެލްތްސެންޓަރުގައި މިދިޔަ ބުދަދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތާންގެ ޢާއްމު ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު މާދަމާ އަލުން އެ ޚިދުމަތްތަ ފަށާނެކަމުގައި އެރަށު ސިއްހީ މަޒުކަޒުގެ އިސް އޮފިޝަލަކު ބުނެފިއެވެ.

އޭނާބުނީ ހެލްތްސެންޓަރުގައި އަލިފާން ރޯވުމުގެ ސަބަބުން އިދާރީ މަސައްކަތްތަކަށް ބޭނުންކުރި ކޮމްޕިއުޓަރުތަކާއި، ފަރުނީޗަރުތައް އެއްކޮށް އަނދާފައިވާ ކަމަށެވެ. އަދި އެއަލިފާނުގެ ސަބަބުން އިމާރުތެ އެތެރޭގައި ވަރަށްބޮޑަށް ގެދަބުޅި ހިފާ ހަޑިވެފައިވާކަމަށެވެ.

ރައީސްފައްޓަވައިދެއްވި “ސާފު ރާއްޖެ، އަހަރެންގެ ވެސް ޒިންމާ” މަޝްރޫޢުގެ ދަށުން މިއަދުވަނީ ލަންދޫގެ ރައްޔިތުން ރަށްސާފުކުރުމަށް ނުކުމެފައި. އޭގެތެރެއިން އެއްގުރޫޕް ދިޔައީ ހެލްތްސެންޓަރު ސާފުކުރަން. އެގުރޫޕްގެ މަސައްކަތުން މިހާރުވަނީ ގާތްގަޑަކަށް ހެލްތްސެންޓަރުގައި މަސައްކަތް ކުރެވޭވަރަށް ސާފުވެފައި، އެހެންވީމާ މާދަމާ ޚިދުމަތްތައް ފަށަން އަޅުގަނޑުމެން މިގަސްތުކުރަނީ. އޭނާބުންޏެވެ.

ހެލްތްސެންޓަރު ސާފުކުރުމުގެ މަސައްކަތަށް އެތާންގެ ބައެއް ތަކެތި ނެރެފައި / ފޮޓޯ: ނާރެސްމީޑިއާ

ހެލްތްސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު ފުލުހުންވެސް ބުނީ އެއީ ބަޔަކު ނުވަތަ މީހަކު ގަސްތުގައި ހިންގާފައިވާ އަމަލެއްކަމަށެވެ. އެތާންގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތެރެއަށްވަދެ ޑީސަލް ބޭނުންކޮށްގެން އަލިފާންރޯކޮށްފައިވާ ކަން އެނގޭކަމަށް ފުލުހުންބުނެއެވެ. އަދި އެމައްސަލަ ތަޙްޤީޤުކުރަމުންދާތީ އިތުރުމަޢުލޫމާތު ދެވެން ނެތްކަމަށްވެސް ލަންދޫގައި ތިބޭ ފުލުހުންވަނީ ބުނެފައެވެ.

ހެލްތްސެންޓަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތާންގެ ޚިދުމަތްތައް މެދުކެނޑިފައިވާތީ ނ.މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ މިވަގުތު ހުންނެވި އަބޫބަކުރު އާދަމް އިއްޔެވަނީ ލަންދުއަށް ވަޑައިގެން އެތާންގެ ހާލަތު ބައްލަވާލައްވާފައެވެ. އަތޮޅު ތެރޭގައި ހުންނަ ހެލްތްސެންޓަރު ތަކަކީ އަތޮޅު ހޮސްޕިޓަލްގެ ބެލެނިވެރިކަމުގެ ދަށުން ހިންގާގޮތަށް ހަމަޖައްސާފައިވާ ތަންތަން ކަމުން ލަންދޫ ހެލްތްސެންޓަރުގެ ބެލެނިވެރި ފަރާތަކީ ނ.އަތޮޅު ހޮސްޕިޓަލެވެ.

ލަންދޫ ހެލްތްސެންޓަރުން ދެމުން ގެންދިޔަ ޚިދުމަތްތައް މެދުކެނޑުނު ނަމަމަވެސް އިއްޔެ އާއި، އޭގެ ކުރީދުވަހުވެސް ލަންދޫކައުންސިލް އިދާރާގައި ވަގުތީ ގޮތުން ބަލިމީހުން ބެލުމާއި، ބޭސްއެޅުންފަދަ ޢާއްމު ބައެއް ޚިދުމަތްތައް ދެމުން ގެންދިޔައެވެ.

މިފަދަ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭއިރުވެސް ސަރުކާރުން މިކަމާ އަޅައި ނުލައްވާ ކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ހެލްތްމިނިސްޓްރީގެ ސަމާލުކަމަށް މިކަން ނާންނަކަމަށްބުނެ ލަންދޫ ރައްޔިތުންގެ ތެރޭންބަޔަކު ދަނީ އެކަމާ އަޑުއުފުލަމުންނެވެ. އެމީހުންބުނަނީ މިފަދަ ބޮޑު ހާދިސާއެއް ހިނގުމުން ސަރުކާރުގެ ސަމާލުކަން މިއަށްވުރެ ފުޅާދާއިރާއެއްގައި މިކަމަށް ލިބެންވާނެކަމުގައެވެ.

ޓެގް

ލަންދޫ ހެލްތު ސެންޓަރ އަލިފާނުގެ ހާދިސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.