ނ.ލަންދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ތައްޔާރުކޮށް ހިންގަމުންދާ ” ބަރާބަރު ހަޓު ” ގެ 3 ވަނަ އަހަރީ ދުވަސް ވަރަށް ކުލަގަދަގޮތެއްގައި ރޭގައި ފާހަގަކޮށްފިއެވެ.
ރޭ އެ ހަޓުގައި ބޭއްވި ރަސްމިއްޔާތު ފެށިގެންދިޔައީ ނ.ލަންދޫ، ފެހިވިލް މުޙަންމަދު ޝާނިފުގެ ޤުރްއާން ތިލާވަތު ކުރެއްވުމުންނެވެ. އެއަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެ ހަޓުގެ ޒުވާނެއްކަމުގައިވާ ނ.ލަންދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރ އަލްފާޟިލް ޢަބްދުﷲ ނާޝިދު ފާހަގަކުރިގޮތުގައި މިއީ ހަޓުގެ 3 ވަނަ އަހަރީ ދުވަސްކަމަށާއި އެކަމުގެ ތަހުނިޔާ ބަރާބަރު ހަޓަށް ނިސްބަތްވާ ހުރިހާ ޒުވާނުންނަށްވެސް ވަރަށް އުފާވެރިކަމާއެކު އަރިސްކުރާ ކަމަށެވެ.
ޢަބްދުﷲ ނާޝިދުގެ ވާހަކަކޮޅަށްފަހު ކުރިއަށްދިޔައީ ހަޓުގެ ހުރިހާ ޒުވާނުންނަށް ނަޞޭޙަތުގެ ބަސްކޮޅެއް އިއްވާލުމެވެ. މި ނަންބަރު ފުރިހަމަ ކޮށްދީފައިވަނީ ބަރާބަރު ހަޓަށް ނިސްބަތްވާ އަދި ލަންދޫގެ ކުދިބޮޑު އެންމެންނާއިގުޅޭ ޚާއްޞަކޮށް ޒުވާނުންގެ އެކުވެރިޔާ ނ.ލަންދޫ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު (ޑީޑް ސަރ) އެވެ.
ޢަލީ ޒިޔާދުގެ ވާހަކަކޮޅުގައި ހުރިހާ ޒުވާނުންނަށްވަނީ ނަމާދަށް ރައްކާތެރިވުމަށް ގޮވާލައްވާފައެވެ. އަދި ޚާއްޞަކޮށް ހުކުރު ނަމާދަށް މިހާރަށްވުރެބޮޑަށް ސަމާލުކަން ދިނުމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އުޅުމަށްވެސްވަނީ ޒުވާނުންނަށް ނަޞޭޙަތްތެރިވެ ހިތްވަރުދީފައެވެ.
މި ޙަފްލާ ނިމިގެންދިޔައީ ރޭގަނޑުގެ ކެއުމަކުންނެވެ. މި ރަސްމިއްޔާތުގައި މިވަގުތު ލަންދޫގައި ތިބި ބަރާބަރު ހަޓަށް ނިސްބަތްވާ އެންމެހާ ޒުވާނުންނަށްވަނީ ބައިވެރިވެފައެވެ.
ބަރާބަރު ހަޓުގައި ޒުވާނުން މުނިފޫހިފިލުވުމުގެ ޙަރަކާތްތައް ކުރިއަށްދާކަމަށް ނާރެސް ޓީމަށް މަޢުލޫމާތު ލިބެއެވެ. ބަރާބަރު ހަޓަކީ ޒަމާނީ ފެންވަރަށް ހެދިފައިވާ ގިނަ ޚިދުމަތްތަކެއް ޒުވާނުންނަށް ލިބެން ހުންނަ ހަޓެކެވެ. އެންމެ ފާހަގަކުރެވޭކަމަކީ ނަމާދު ވަގުތުތަކުގައި މިހަޓުގައި އެއްވެސް ކަހަލަ ޙަރަކާތެއް ކުރިއަށް ނުގެންދާކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...