ނ. މާފަރާއި ފޮއްދޫގައި އަލަށް އިމާރާތްކުރި ފުލުހުންގެ މަރުކަޒުތައް މިއަދު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
އެ ދެ ރަށުގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކުގައި މި ސްޓޭޝަންތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ބިންގާ އަޅައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ތަރައްޤީކުރި މި ދެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު އިޙްސާން ވިދާޅުވީ، ރަށްރަށުގައި ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރުމަކީ ކުށް މަދުކުރުމަށް، ޚާއްޞަކޮށް ގެވެށި އަނިޔާގެ މައްސަލަތައް ހައްލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އިތުބާރާއެކު ފުލުހުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، 1999 ވަނަ އަހަރު ނ. އަތޮޅުގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިއިރު އަތޮޅުތެރޭގައި ވަސީލަތްތައް ނެތް ނަމަވެސް، މިއަދު އެ އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުން ތިބެގެން ޒަމާނީ ފެންވަރުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ. އަދި ވަސީލަތްތައް އިތުރުވާ ވަރަކަށް ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ވެސް މަތިކުރަން ޖެހޭނެކަން ސީޕީ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުތަކުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ފުލުހުންގެ އިސް ވެރިންނާއި، އާރްޑީސީގެ އިސްބޭފުޅުންނާއި، ދެ ރަށުގެ ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...