މިދިޔަ ހަފްތާގައި ޕީޕީއެމް އިން ވަކިވެވަޑައިގެންފި ކަމަށާއި، ޕީޕީއެމުން ވަކިވެވަޑައިގެންނެވީ އެއްވެސް ބަޔަކާއި މައްސަލައެއް އޮވެގެން ނޫންކަމަށް ޑރ.ޝަހީމް ވިދާޅުވެއްޖެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ނުމެވަޑައިގެންނެވި ޑރ.ޝަހީމް މިހެންވިދާޅުވީ ވީޓީވީގެ ފަސްމަންޒަރު ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑރ.ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓްކަން ގަބޫލުކުރެއްވުނުކަމީ ލިބިވަޑައިގެންނެވި ޝަރަފެއްކަމަށާ އެކަމަށްޓަކައި ރައީސް ޔާމީނަށް ޝުކުރުދަންނަވާކަމަށެވެ. އަދި ސިޔާސީ މައިދާނުގައި އުޅުއްވާއިރު، ރިސްކު ނަންގަވަންޖެހޭކަމަށާ އެ ނިންމުމާއިމެދު ހިތާމަނުކުރައްވާކަމަށެވެ.
ޑރ ޝަހީމް ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގައި ކުރެވުނު މަސައްކަތަކީ ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވެރި މަސައްކަތްތައްކަމަށާ ނަމަވެސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގައިކަމުގައި ހުންނަވާ، ރައީސް ޔާމީންގެ ރަނިންމޭޓްކަން ގަބޫލުކުރެއްވުމުން ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެއްޖެނަމަ އެމަގާމުގައި ނުހުންނެވޭކަންވެސް އެނގިވަޑައިގަންނަވާކަމަށެވެ.
ޑރ ޝަހީމްގެ ވަރަށް އަރިސް ބޭފުޅެއްކަމަށާ ޝައިޚް މުހައްމަދު ދީދީ އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރަމުންދާ ނެޝަނަލް ރިފޯމް ޕާޓީއާއި ގުޅިވަޑައިގަންނަވަން ގަސްތުކުރައްވަންތޯ ދެންނެވުމުން ޝަހީމް ވިދާޅުވީ ޝައިޚް ދީދީއަކީ މިއަދު ފެނިވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށެވެ. ޝައިޚް ދީދީ އެންމެ ފުރަތަމަ ދެކެވަޑައިގެންނެވީ މީގެ 26 އަހަރުކުރިންކަމަށާ ދީދީއަކީ އޭނާއަށް އުރުދޫ ބަސް ކިޔަވައިދެއްވި އުސްތާޒެއްކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝައިޚް ދީދީއަކީ އޭނާއަށް ވަރަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅަކަށްވާތީ އަބަދުވެސް ހުންނަވާނީ ޝައިޚް ދީދީއާއެކުކަމަށްވެސް ޝަހީމް ވިދާޅުވިއެވެ. އަދި ދީދީ ފައްޓަވާފައިއެވަނީ އިސްލާހީ މަސައްކަތެއްކަމަށް ސިފަކުރައްވާ އެމަސައްކަތަށް ކާމިޔާބާށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މުހައްމަދު ދީދީ އުފައްދަވާ ނެޝަނަލް ރިފޯމް ޕާޓީއާއި ގުޅިވަޑައިގަތުމުގެ ދައުވަތު ލިބިފައިވާކަމަށާ އެކަމާއިމެދު ވިސްނަވާނެކަމަށެވެ.
އަދި ކުރިއަށްއޮތްތާ ސިޔާސީ ކަންކަމަށް ވަގުތުދެވޭ މިންވަރު މަދުވާނެކަން ފާހަގަކުރައްވާ، ކުރިއަށް އޮތް ދެ ދުވަސްތެރޭ ރާއްޖެއިން ބޭރަށް ވަޑައިގެން އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމާއި ހަވާލްވެވަޑައިގަންނަވާނެކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...