އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި ބައެއް ކުންފުނިތަކުން އެކުންފުނިތަކާއެކު އެސްއޯއެފް އިން ކޮށްފައިވާ މުޢާމާލާތްތަކަކީ ސައްޙަ މުޢާމަލާތްތަކެއްކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށްޓަކައި ބަޔާންތައް ނެރެ އެކުންފިތަކުން ކޮށްފައިވާ މުޢާމަލާތްތަކުގެ ސައްޙަކަން ހާމަކޮށްދޭން މަސައްކަތްކުރުމަކީ ޒިންމާދާރުކަންކުޑަ ރަގަޅު ނޫން ކަމެއްކަމަށް ބުނެ ކޮރަޕްޝަނާ ދެކޮޅާށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮގްރާމް ކޯޑިނޭޓަރ އަޙްމަދު ޠަލާލް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ކަރަންސީ އެކްސްޗޭންޖް ކުރުމުގެ ލައިސެންސް ނެތް ކުންފުންޏަކާއެކު އަމިއްލަ ކުންފުނިތަކުން މުޢާމަލާތްކުރާއިރު އެމުޢާމަލާތްކުރީ ކޮން ބައެއްގެ އަތުންކަން ބެލުމަކީ އެކުންފުންޏެއްގެ ޒިންމާއެއްކަމަށެވެ.
އޭސީސީން ޢާންމުކުރި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ރިޕޯޓާ ގުޅިގެން ކުންފުނިތަކުން ކޮށްފައިވާ މުޢާމަލާތްތަކަކީ ޞައްޙަ މުޢާމަލާތްތަކެއްކަމަށް ބުނަމުންދާކަން ފާހަގަކުރައްވައި ޠަލާލްވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ އެސްއޯއެފް ކުންފުންޏާއި އެމްއެމްޕީއާރުސީއާ އޮތް ގުޅުން 2015ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް އެނގިފައިވާކަމަށެވެ. އެހެންނަމަވެސް އެސްއޯއެފާއިއެކު ކުރި މުޢާމަލްތަތަކީ ޙަލާލު މުޢާމަލާތްތަކެއްކަން އެ ކުންފުނިތަކަށް އެނގޭނީ އޭސީސީން ރިޕޯޓް ނެރޭ ހިސާބުން ނޫންކަމަށާ، އެސްއޯއެފްގެ ވާހަކަ ޢާންމުންނަށް ތިލަވި ހިސާބުން އެކަން އެނގެންޖެހޭކަމަށް ޠަލާލް ވިދާޅުވިއެވެ.
ޠަލާލްވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރަން އޮތް މައި އިދާރާއިން ރިޕޯޓް ޢާންމުކުރުން ލަސްވެގެންދިއުމަކީ ބަޔަކު ޙިމާޔަތްކުރުމަށާއި، އޭސީސީގެ މެންބަރުންގެ މަސްލަހަތު ހިމެނޭތީ ކުރެއްވިކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތްކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާވި އެކައުންޓްތަކުގެ ތެރޭގައި މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ ޙިއްސާ އޮންނަ ވިޔަފާރިތައް ހިމެނެއެވެ.
މީގެ އިތުރުންވެސް މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި، އެމެންބަރުންގެ ޢާއިލާގެ ފަރާތްތަކުގެ މަސްލަހަތު އޮތް ކުންފުނިތަކުގެ އެކައުންޓްތަކަށްވެސް ޚިޔާނާތުގެ ފައިސާ ވަދެފައިވާކަން އޭސީސީގެ ރިޕޯޓުން ހާމަވެއެވެ. އެ ކުންފުނިތަކުން ދަނީ އެމުޢާމަލާތްތަކަކީ ސައްޙަ މުޢާމަލާތްތަކެއްކަން ހާމަކޮށް ބަޔާންތައް ނެރެމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...