އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ސަރުކާރު ހިންގަން އުނދަގޫވެ ގައުމު ހަލަބޮލިވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަހީދު މިހެން ވިދާޅުވީ ރާއްޖޭ ޓީވީގެ ފަލަ ސުރިހީ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ވާދަ ނުކުރާ ދާއިރާތަކުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީއެއްގެ އެހެން ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީން ތާއިދު ކުރާނެ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ތާއީދާ އެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށްޖޭޕީން ތާއީދު ނުކުރާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިސް ކުރެއްވީ މިދިޔަ ސަރުކާރު ގޯސްވެގެން ކަމަށާއި މި ސަރުކާރު ދެމެހެއްޓުމަކީ ކޯލިޝަން ހުރިހާ ޕާޓީއެއްގެ ޒިންމާ އެއް ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބެން ޖެހޭނެ ކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ މެންބަރުން ވެސް މަޖިލީހުގައި ތިބެން ޖެހޭނެ ކަމަށެވެ. އަދި އެ ފުރުސަތު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ވެސް އިހްތިރާމް ކޮށްގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޭޕީން އެ ފަދަ ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާއިރު ޖޭޕީގެ ލީޑަރު ވެސް އިދިކޮޅު ކެންޑިޑޭޓަކަށް ތާއިދު ކުރުމަށް ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖޭޕީން އިދިކޮޅު ކެންޑިޑޭޓަކަށް ތާއިދުކުރަން ނިންމި ނަމަވެސް އޭނާ އެ ބޭފުޅަކަށް ތާއިދު ނުކުރައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަން ޕާޓީތަކުން އެކުގައި މަޖިލިސް އިންތިހާބަށް ނުނިކުމެވުނީ ކުރިން އެއްބަސްވުމެއް ހެދިފައި ނެތުމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޖޭޕީން ވާދަކުރާ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ޕީޕީއެމް އާއި ޕީއެންސީން ވާދަނުކޮށް ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ރައީސް ޔާމީނާއި ގާސިމް ސިއްރު އެއްބަސްވުންތަކެއް ހަދާފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ ވާހަކަތައް ޖޭޕީން ވަނީ ރަސްމީކޮށް ދޮގުކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...