ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރު އޮޕަރޭޝަންތަކުގައި ޙަރަކާތްތެރިވާ އިންޑިއާ ސިފައިންނަކީ ދާއިމީކޮށް ރާއްޖޭގައި ތިބޭބައެއް ނޫން ކަމަށާއި އަދި އެއީ ޓާމް ބަދަލުވާގޮތަށް ތިބޭ ޖުމްލަ 50 މީހުންކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
ކޯސްޓްގާޑް ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕްރިންސިޕަލް ޑައިރެކްޓާ އޮފް ކޯސްޓްގާޑް ލެފްޓިނެޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ޢާންމުގޮތެއްގައި ހެލިކޮޕްޓަރު އޮޕަރޭޝަނެއްގައި ޙަރަކާތްތެރިވާނީ ފަންސާހަކަށް މީހުންކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނޭ އިންޑިއާ ސިފައިންނަކީ ދާއިމީކޮށް ރާއްޖޭގައި ތިބޭ ސިފައިން ނޫންކަމަށް މުޙައްމަދު ޞަލީމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބްރިގޭޑިއާ ޖެނަރަލް ޢަލީ ޒުހައިރު ވިދާޅުވީ ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކުރިއްސުރެ ބޮޑަށް ބަލަހައްޓަނީ އަވައްޓެރި ޤާއުމުތަކާއި ގުޅިގެންކަމަށާ، އިންޑިއާގެ ހިލޭއެހީގެ ދަށުން މިހާރު ޤާއިމްކުރަމުންދާ ރާޑަރު ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތަކީ 2003ވަނަ އަހަރުފެށި މަޝްރޫޢެއްކަމަށެވެ.
މިމަޝްރޫއަކީ އަލަށް ހިންގާ މަޝްރޫޢެއް ނޫންކަން ފާހަގަކުރައްވަމުން ޢަލީ ޒުހައިރު ވިދާޅުވީ އޭރު ފެށި މަޝްރޫއުގެ މަސައްކަތް އެކިދުވަސްމަތިން މަރާމާތުކުރުމާއި އަޕްގްރޭޑްކުރުންފަދަ މަސައްކަތް އަބަދުވެސް ކުރެވެމުންދާކަމަށާ މިހާރު ކުރިއަށްދަނީ އައު ޕްރޮޖެކްޓެއް ނޫންކަމަށެވެ. އަދި ރާއްޖޭގެ ސަރަހައްދު އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް 10 ރާޑަރ ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް ޒުހައިރު ވިދާޅުވިއެވެ.
އަވައްޓެރި ޤައުމުތަކާއި ގުޅިގެން ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަންތަކުގެ ވާހަކަތަކުގައި ބައެއް ފަރާތަކުން ސިޔާސީ ކުލަ ޖައްސަންއުޅުނުނަމަވެސް ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި ދިވެހިސިފައިން ކެރިގެން ސާބިތުކަންމަތީ ދެމިތިބޭނެކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ބޭފުޅުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...