ޚަބަރު “ކަނޑުފަޅުގެ ނަފާ”ގެ ނަމުގައި ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

“ކަނޑުފަޅުގެ ނަފާ”ގެ ނަމުގައި ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

“ކަނޑުފަޅުގެ ނަފާ”ގެ ނަމުގައި ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.  

މިލޯނަކީ ފިޝަރީޒް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނެކެވެ. ލޯނު ޕްރޮގްރާމްގެ ދަށުން ތިން މިލިޔަން އައްޑިހަ ހަތަރު ހާސް ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހަތް ލައްކަ ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެކަމަށާއި މިލޯނު ދޫކުރާނީ ފައިބަރު ދޯނިފަހަރުތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިލޯނުގެ މައިގަނޑު އަމާޒަކީ މަސްދޯނިފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމްކުރުންކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.  

މި މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެ އަގު ކަނޑައަޅާފައި ވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މި ސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓަކާއި ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން ދޫކުރާ މިލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިލޯނުތަކަކީ ފަންސާސް ހާސް ރުފިޔާ އަށްވުރެ މަތީގެ ލޯނުތަކަކަށްވާތީ، އެސް.ޑީ.އެފް.ސީ އިން ކަނޑައަޅާ މިންވަރެއްގެ ރަހުނެއް ބަހައްޓަންޖެހޭނޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ލޯނަށްއެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި އެސް.ޑީ.އެފް.ސީން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ ސައްބީސްވަނަ ދުވަހުގެ ނިޔަލަށްކަމަށާއި ލޯނަށް އެދޭ ފޯމު ބަލައިގަންނާނީ އެސް.ޑީ.އެފް.ސީންކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މިލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަ ވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް މަގުފަހިކޮށްދިނުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.