ވާހަކަ “ށަވިޔަނި” (ކުޑަކުދިންގެ ވާހަކަ 15)

“ށަވިޔަނި” (ކުޑަކުދިންގެ ވާހަކަ 15)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަކުރު ދަސްކުރާ ދުވަހު އަނިލްއަށް އެންމެ އުނދަގޫ އަކުރަކަށް އަބަދުވެސް ވެފައި އޮންނަނީ “ށަވިޔަނި” މިއަކުރެވެ. އޭނާ ބޭނުންވަނީ އެހެން އަކުރުތައް ގޮތަށް ށަވިޔަނިން ފެށޭ އެއްޗެއް ހޯދާށެވެ. ކުރަހާށެވެ. ބަސް ލިޔާށެވެ. އެކަމަކު މިސް ބުނުއްވީ ށަވިޔަނިން ފެށޭ ނަމަކީވެސް އަދި އެއްޗަކީވެސް ހަމައެކަނި ށަވިޔަނިކަމަށެވެ. އަދި ށަވިޔަނިން ނިމޭ ބަސް ބަސް ހުންނަ ވާހަކަވެސް ކިޔާދެއްވިއެވެ. އެއީ ބަށި، މަށި، ތަށި، އަށި، ވަށި، މުޅޯށި އަދި ތޮށި މިހެން ގޮސް، ބައިވަރު ކުދި ބަސް ބަހާއި ދިގު ބަސްތައް ށަވިޔަނި ފިލާވަޅުގައި މިސް ދަސްކޮށްދިނެވެ.

 މިސް ފުރަތަމަ ކުރި ކަމަކީ ވަށިގަނޑަކަށް ތައްޓެއް ލިޔެވެ. ދެން މޭވާއެއްގެ ތޮށި މަށާފައި އެޅިއެވެ. އެންމެފަހުން ބައްޓެއްވެސް އޭގެ ތެރެއަށް ލުމަށްފަހު ކުދިންނާއި ސުވާލު ކުރަން ފެށީއެވެ. ފަހަރަކު ކުއްޖަކު ވަށިގަނޑު ތެރޭގައި ހުރި ތަކެތީގެ ނަންތައް ކިޔަނީއެވެ. އަނިލްވެސް ވަރަށް ވިސްނަން އިނދެފައި ބުންޏެވެ. ” ތަށިއެއް ނުކިޔާ ތައްޓެކޭ މިސް ތިޔަ ކިޔަނީ ކީއްވެގެން ހެއްޔެވެ؟”.  މިސް އަނިލްއަށް އޮޅުން ފިލުވައިދިނެވެ. “ށަވިޔަނި އަކުރަށް ނިމޭ ބަސް ބަސް އެކަށްޗެއްގެ ގޮތުގައި ކިޔާނަމަ ބަދަލުވާ އަކުރުގެ ގޮތުގައި ޓަވިޔަނި ބޭނުންކުރަން ޖެހޭނެ. މިސާލަކަށް ބަށި – ބައްޓެއް، ތަށި – ތައްޓެއް، ގޮށި- ގޮއްޓެއް މިހެންނެ.”  

އަނިލްއަށް މިއަދުގެ ފިލާވަޅުން ކުރިން ނޭނގޭ ތިންކަމެއް ދަސްވިއެވެ. އެއީ ބަދަލުވާ އަކުރާއި ށަވިޔަނިން ފެށޭނީ ހަމައެކަނި ށަވިޔަނި ކަމާއި އެހެނަސް ށަވިޔަނިން ނިމޭބަސްތައް ވަރަށް ގިނަކަންވެސް ދަސްވިއެވެ.  (ނިމުނީ)

މިއީ “ށަވިޔަނި” އަކުރު ކިޔަވައިދެއްވާ ފިޅާވަޅެއްގައި ބޭނުންކުރެވިދާނެ ވާހަކައެކެވެ. އަދި ހަމައެހެންމެ ތިރީގައިއެވާ މަސައްކަތްތައްވެސް އެ ގުރޭޑަކާއި ގުޅޭ މިންވަރަކަށް ބަދަލުކޮށްގެން ބޭނުންކުރެވިދާނެއެވެ. ތިރީގައި އެވަނީ ޔޫކޭޖީ އަދި ގުރޭޑް 1 ގެ ލެވެލްގެ މަސައްކަތްތަކެކެވެ.

ފުރަތަމަ މަސައްކަތް: ( ވާހަކަ ކިޔައިދިނުމުގެ ކުރިން ވާހަކަގައި ހުރި ށަވިޔަނިން ނިމޭ ބަސްތައް ދަރިވަރުންނަށް އެނގޭތޯ ބެލުމުގެ ގޮތުން އަސްލުތަކެތި ދެއްކުމަށްފަހު ސުވާލުކުރުން)

ދެވަނަ މަސައްކަތް: ( ވާހަކަ ކިޔައިދިނުން)

ތިންވަނަ މަސައްކަތް: (ވާހަކަގައި ހުރި ށަވިޔަނި އަކުރުތައް ފާހަގަކޮށް ބޮޅުއެޅުން)

ހަތަރުވަނަ މަސައްކަތް: (ވާހަކައިން ދަސްވި ށަވިޔަނިން ނިމޭ ތިން އެއްޗެއް ކުރެހުމަށްފަހު އޭގެ ނަން ލިޔުން)

ފަސްވަނަ މަސައްކަތް: ( ވާހަކައިން ސުވާލު އުފެއްދުން – މިސާލަކަށް:، 1.  އަނިލް ދަސްކުރަން ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ 2. ފިޅާވަޅުން އަނިލް އަށް ދަސްވި 3 އެއްޗެއްގެ ނަން ލިޔޭ! 3. ފިޅާވަޅުން އަނިލަށް އަލަށް ދަސްވި ކަމަކީ ކޮބާ؟)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.