ޕީއެސްއެމުން އިސްނަގައިގެން ރާއްޖޭގެ ގިނަ މީޑިއާތަކަކާ ގުޅިގެން ކުރިއަށް ގެންދާ “ސިލޯނާއެކު ދިވެހިން” ޓެލެތޯންގައި، ލަންކާއަށް އެރި ތޫފާން “ޑިޓްވާ” އަދި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، މިހާތަނަށް ތިން މިލިއަނާ ގާތްކުރާ އަދަދެއްގެ ފައިސާ ލިބިފައިވާކަމަށް އެ ފަރާތުން ހާމަކޮށްފިއެވެ.
މި ޓެލެތޯންގައި މިހާތަނަށް 2.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 38,000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު، ޖުމުލަ އަދަދު މިހާރު ވަނީ 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާފައެވެ.
މިއަދު ހެދުނު 9:00 އިން މިރޭ ދަންވަރު 01:00 އަށް ކުރިއަށް ގެންދާ މި ޓެލެތޯންގައި ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާ އިން ބައިވެރިވެއެވެ. ލަންކާގައި ހާލުގައި ޖެހިފައިވާ ހިތާމަވެރި ހާލަތާ ގުޅިގެން، އިސްލާމްދީނުގައި ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާ އެހީތެރިކަމުގެ އަތެއް ދިނުމަށް، ދިވެހި ހުރިހާ ފަރާތްތަކުން އެއްބައިވެ، މި ޓެލެތޯނުގައި ބައިވެރިވުމަށް ޕީއެސްއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ. މީގެކުރިން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ވެސް ޕީއެސްއެމުން މިފަދަ ޓެލެތޯނެއް ބާއްވާފައިވެއެވެ.
މި ޓެލެތޯނަށް މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން، ކިއުއާރު ކޯޑް ސްކޭންކޮށްގެންނާއި ނަގުދު ފައިސާ، ޓްރާންސްފާ، އަދި ބޭންކް ޗެކް މެދުވެރިކޮށް ވެސް ފައިސާ ޖަމާކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. ޓެލެތޯނަށް ލިބޭ ފައިސާ ޖަމާކުރުމަށް ހާއްސަ ދެ އެކައުންޓެއް ހަދާފައިވާއިރު، މިޓެލެތޯންގެ އޮޑިޓް ފަރމެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކްރޯ މޯލްޑިވްސްއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...