މިހާސް ދުނިޔޭގެ އަޖައިބުތަކާއި މެދު ވިސްނާލިންތަ؟

ދުނިޔޭގެ އަޖައިބުތަކާއި މެދު ވިސްނާލިންތަ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

  ދުނިޔޭގެ ހަތްއަޖައިބަކީ އެއީ ވިސްނާ ބަޔަކަށް ހާއިރާންކަން ލިބި ބަސްހުއްޓޭހައި މޮޅަށް ފަރުމާކުރެވި ތައްޔާރުކޮށްފައިވާ ތަންތަނެވެ. އަދި މިއަށްވުރެ ބޮޑު ހައިރާންކަމެއް ލިބެނީ، މާތްރަސްކަލާންގެ އިންސާނާ ދުނިޔެއަށް އުފައްދަވައި ދުނިޔޭގެ އެކިއެކު ބާރުތަކާ، ފައިދާތަކާ، ފަސޭހަތަކާ، ނިޢުމަތްތައް އެއުރެންނަށް މިލްކުކޮށްދެއްވައި ގަދަރުވެރި ކުރައްވާފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގާލުމުންނެވެ. އެކިއެކި ހޯދުންތައް ހޯދާ މީހުންނާއި ސައިންސްވެރިން ދުނިޔޭގެ އުމުރާއި ތަންތަނުގެ އެކިއެކި ތަޖުރިބާތައް ކުރަމުން ގެންދެއެވެ.

    މިޒަމާނުގެ މިގެންގުޅޭ ތަފާތު ވަޞީލަތްތަކާއި މެޝީންތައް އީޖާދުވުމުގެ މާކުރިން އިހުޒަމާނުގެ މީހުންވަނީ އަޅުގަނޑުމެން އަންތަރީސް ވާފަދަ އުފެންދުންތަކާއި ތަންތަން އުފައްދާފައެވެ. މިތަންތަނަކީ އެފަދަ ތަންތަން ދުށުމަށް ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ފެށުނީންސުރެވެސް ފަތުރުވެރިން ދަތުރުކުރަމުން ގެންދާ ތަންތަނެވެ. އެއީ މިހާރު ހިމާޔަތްކުރެވި ދުނިޔޭގެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. އެގޮތުން އެންމެ ފުރަތަމަ ދުނިޔޭގެ ހަތް އަޖައިބުގެ ތެރެއިން މިލިޔުމުގައި ފަނޑު އައްޔެއް އަޅުވާލާނީ މިސްރުގެ ޒަމާންވީ ހަރަމްތަކަށެވެ. އޭގެތެރޭގައި އެންމެ މަޝްހޫރު ހަރަމް ތަކަކީ ހަރަމް ޙަފްރަޢު، ހަރަމް މަންގަރައު އަދި ހަރަމް ޚޫފޫ އެވެ. މިއިން ކޮންމެ ހަރަމެއް ބިނާކުރެވިފައިއެވަނީ، ހަރަމްގެ ފާރުގައިއެވާ ނުވަތަ ހަރަމާ ގުޅިފައިއެވާ ނަންނަމުގެ ވެރި ފިރުޢައުނުންނެވެ. ފިރުއައުނުންނަކީ އެޒަމާނުގެ މިސްރުގެ ރަސްރަސްކަލުންނަށް އޭރުކިޔައި އުޅުނުނަމެކެވެ. މި ހަރަމްތައް ހަދަން، ގާހިރާއަށް ވަރަށް ބޮޑެތި ހިލަ ގެނެވުނީ ގާހިރާއާއި 500 މޭލު ދުރުގައިވާ ލުކްސަރ(އަލްއަގުޞަރ) އިންނެވެ. ނީލަކޯރުގެ މަގުންނެވެ.

    ހަރަމް ޚޫފޫއަށް ނަޒަރު ހިންގާލަމާތޯއެވެ. މި ހަރަމްގެ އުސްމިނަކ 481 ފޫޓެވެ. ބިމުންފެށިފައިވާބައި ހަތަރު ފަރާތަށް ހުންނައިރު ކޮންމެ ފަރާތެއްގެ ދިގުމިނަކީ،756 ފޫޓެވެ. ހަރަމް ބިނާކުރުމުގައި 2300000 ބިޔަ ހިލަ ވާކަމަށް ލަފާކުރެވެއެވެ. މިއިން ބައެއް ބިޔަހިލައެއްގެ ބަރުދަނަކީ 2 ½  ޓަނެވެ. އަނެއްބައި ހިލައިގެ ބަރުދަނަކީ 30 ޓަނެވެ. މިވަރުގެ ހިލަ ގާހިރާއާއި އެހައިދުރުން ނީލަކޯރުންލާފައި ގެނެވޭނެފަދަގޮތަކަށް ޚިޔާލުކޮށްލަ ބައްލަވާށެވެ.

   މި ހަރަމް ބިނާކުރެއްވި ޚޫފޫ ރަސްކަންކުރެއްވީ 2590 (މީލާދުގެ ކުރީ)ގައެވެ. އަވަހާރަވީ 2568 (މީލާދުގެ ކުރީ) ގައެވެ. މިއީ އެއިން ހަރަމަކާއި ބެހޭ. ކުޑަކުޑަ މަޢުލޫތުކޮޅެކެވެ. ދެން ހުރި ހަރަމްތައްވެސް ގާތްގަނޑަކަށް ހެދިފައިހުންނާނީ ދާދި މިކަހަލަ ގޮތަކަށެވެ.

   މިހަރަމްގެ މުޅި ބޮޑުމިނަކީ 3 މިލިއަން 277 ހާސް ކޮޑި ޔާޑެވެ. މި ހަރަމް ބިނާކުރަން ތަންތައްޔާރު ކުރަން ދިހަ އަހަރު ހޭދަވިއެވެ. ބިނާކުރުމުގެ މަސައްކަތަށް ވިއްސަކަށްއަހރު ވިއެވެ. އަބަދުވެސް މިތާނގައި މަސައްކަތްކުރަން އެއްލައްކަ މީހުންތިބެއެވެ.

އުފެދޭ ސުވާލަކީ އެރަސްރަސްކަލުން މިފަދަވަރުގަދަ ތަންތަން ހެއްދެވީ ކީއްކުރަންވަންބާވައެވެ؟ ބައެއްމީހުންގެ ޚިޔާލުގައި، އެމީސް މީހުން ދަންނަނީ ފަހަށް ރައްކާކުރަން އޮންނަނީ ތިމާހޯދި އެއްޗެއްކަމެވެ. ވީމާ، ތިމާމަރުވެގެންދާއިރު ހޯދިފައިހުރިނަމަ ހުރި މުދަލަކާއި ރަނާކާއި އެފަދައެނޫންވެސް ތަކެއްޗާއިއެކު އެތާނގައި ވަޅުލެވެނީއެވެ. އެތާނގައިހުރި ގަބުރުތައްވަނީ އެމްބާމް ކުރެވިފައެވެ. (ކުނިނުވާގޮތަށް ހަދާފައެވެ.) މިހާރު އެތާނގައިވާ ގަބަރުތައްވަނީ މިއުޒިއަމަށް ގެންދެވިފައެވެ. ބަލަން ބޭނުން ކޮންމެ މީހަކަށް ފެންނާނެހެން ބިއްލޫރި ފޮށިފޮށްޓަށް ލެވިފައެވެ. (ނުނިމޭ)

މައުލޫމާތު: (ޅެން ޝަރަޙަ / ޢަބްދުﷲ ޞާދިޤު ހ، އާމުލީގެ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.