ވާހަކަ މިނިކާވަގާއި ހިޔަޅު (ކުޑަކުދިންގެ ވާހަކަ 11)

މިނިކާވަގާއި ހިޔަޅު (ކުޑަކުދިންގެ ވާހަކަ 11)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެއް ސަހަރެއްގެ ޖަންގަލީގައި ދިރިއުޅުނު މިނިކާވަގެކެވެ. މި މިނިކާވަގު ދެކެ ޖަންގަލީގައި ދިރިއުޅޭ އެހެން ޖަނަވާރުތައް ކިޔަމަންވެއެވެ. ކާނެ އެއްޗިހި ހޯދައިދީގެން އޭގެ ހޮހޮޅައަށް ގެނެސްދެއެވެ. މި މިނިކާވަގު ވެފައިވަނީ، ޖަންގަލީގައި ދިރިއުޅޭ އެހެން ޖަނަވާރުތަކަށް ބޮޑު ބިރަކަށެވެ.

އަދި ކޮންމެ ދުވަހަކުވެސް ކާނެ އެއްޗެއް ގެނެސްދޭނަމަ އެއްވެސް އިތުރު އެހެން ޖަނަވާރަކަށް ގެއްލުމެއް ނުލިބޭނެ ކަމަށް މިނިކާވަގު ވަނީ ހުރިހާ ޖަނަވާރުންތަކާއި އެއްބަސްވެފައެވެ. އެއީ ވަރަށް ބިޔަ ޖަންގައްޔެއް ކަމުން އެތަނުގައި އެކި ފާޑުގެ މޭވާ ގަސްތަކާއި ފެންކޯރުތައް އޮވެއެވެ. އެކޯރުތަކުގައި އުޅޭ މަސްތައް ހިފައިގެން ވެސް ބައެއް ދުވަސް ދުވަހު ކާނާއެއްގެ ގޮތުގައި މިނިކާވަގަށް ގެނެސްދީ ހަދައެވެ. އަނެއް ބައި ދުވަސް ދުވަހު ތަފާތު މޭވާތައް ގެނެސްދީ ހަދައެވެ. މި ހިސާބުގަނޑުގައި އެކި ފާޑުގެ ޖަނަވާރުތައް ދިރިއުޅެމުންދެއެވެ. ކޮންމެ ޖަނަވާރެއްވެސް މިނިކާވަގުގެ އަތުން މަރު ނުވެ ސަލާމަތުން ދިރިއުޅޭށެވެ.

މިހެން އުޅެނިކޮށް އެއްދުވަހަކު، މިނިކާވަގަށް ކާނެ އެއްޗެއް ގެންނަށް ޖެހުނީ ހިޔަޅަށެވެ. އެހެނަސް އެދުވަހު ގެންނާނެ ކާނެ އެއްޗެއް ނުލިބުމުން ދުރުހިސާބަކަށް ކާނެ އެއްޗެއް ހޯދަން ދިޔައެވެ. އެހެންވެ މިނިކާވަގުގެ ހޮހޮޅަ ކައިރިޔަށް ހިޔަޅަށް އާދެވުނީ ވަރަށް ލަސްވި ފަހުންނެވެ. މިކަމާ މިނިކާވަގު ނުހަނު ހިތްހަމަ ނުޖެހިގެން ހިޔަޅާއި ސުވާލުކުރިއެވެ. ޖަވާބުގައި ހިޔަޅު ވިސްނާލުމަށްފަހު ބުންޏެވެ. ” މަނިކުފާނެ! އަޅުގަނޑަށް ސާހިބާ އާއި ވަރަށް ވައްތަރު އެހެން މިނިކާވަގާއި ދިމާވީއެ. އަދި ސާހިބާއާއި ބައްދަލު ކުރަން ބޭނުން ވާހަކަވެސް ބުންޏެ. އަދި ޖަންގަލީގެ ވެރިޔަކަށް ވާން ބޭނުންވާ ވާހަކަވެސް ބުންޏެ.”

މިވާހަކަތައް އަޑުއަހާފައި މިނިކާވަގު ވަރަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ” އަހަރެން އެ މިނިކާވަގާއި ބައްދަލުކުރަން މިހާރު ބޭނުމެ.”

ހިޔަޅު ވަރަށް މަކަރުވެރި ގޮތަކަށް ވިސްނަން އޮވެފައި މިނިކާވަގު ގޮވައިގެން ވަރަށް ބޮޑު ފެންވަޅެއްގެ ކައިރިޔަށް ދިޔައެވެ. އަދި އޭގެ ރައްދު ހިޔަނި ދެއްކިއެވެ. މިނިކާވަގަށް ހީވީ ވަޅުގައި އެ އޮތީ އެބުނާ މިނިކާވަގު ކަމަށެވެ. ބަލާކަށް ނޯވެ މިނިކާވަގު ވަޅުގެ ތެރެއަށް ފުންމާލިއެވެ.

އެފެންވަޅަކީ ފުން ވަޅެއްކަމުން މާގިނަ އިރުތަކެއް ނުވެ މިނިކާވަޅު ވަޅުގެ ތެރެއަށް ގެނބި މަރުވެއްޖެއެވެ. މިޚަބަރު ޖަންގަލީގެ ހުރިހާ ޖަނަވާރުންނަށް ހިޔަޅު ދިނެވެ. އެކަމާ އުފާފާޅުކުރިއެވެ. އޭގެ ފަހުން ހުރިހާ ޖަނަވާރުތައްވެސް ނިކަން އަމާންކަމާއެކު އުފަލުގައި ދިރިއުޅެމުން ގެންދިޔައެވެ. (ނިމުނީ)

ޢިބްރަތް:  ބިރުވެރިކަމަކުން ސަލާމަތް ވުމަށް ބުއްދީގެ ބޭނުންވެސް ކުރެވިދާނެއެވެ.   

ޓެގް

ހިޔަޅު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.