ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވިފައިވާކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި، ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން އެ އޮތޯރިޓީން އިންސްޕެކްޝަންތައް ކުރަމުން އަންނަ ކަމަށެވެ.
“ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެޢިނާޔަތް ދެމުން ނުދާކަންވެސް ފާހަގަކުރެވިފައިވެއެވެ”. އެ އޮތޯރިޓީން ބުންޏެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/- (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.
އެހެންކަމުން ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މި އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...