ޚަބަރު މިސަރުކާރުން މަސައްކަތްކުރަނީ، މިހާރަށްވުރެވެސް މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް – ރައީސް

މިސަރުކާރުން މަސައްކަތްކުރަނީ، މިހާރަށްވުރެވެސް މިނިވަން ނޫސްވެރިކަމެއް ކުރެވޭނެ މަގު ފަހިކޮށްދިނުމަށް – ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިސަރުކާރުން މަސައްކަތްކުރަމުން އަންނަނީ، މިހާރަށްވުރެވެސް މިނިވަން ވެށްޓެއްގައި ނޫސްވެރިކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާ، ހަމައެއާއެކު، ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް، ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ މިނިވަން ނޫސްވެރިކަމެއް ޤާއިމުކުރުމަށް، މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި، ވަރަށް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވާފައިވާކަމަށެވެ. އެގޮތުން ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިހާރުވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު، 22 ޕޮއިންޓުގެ ކުރިއެރުމަށް ހޯދައި، 120 ވަނައިން 98 ވަނައަށް ކުރިއަށް ޖެހިފައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފާޅުކުރާ ޚިޔާލެއްގެ ސަބަބުން، މި ސަރުކާރުން ނޫސްވެރިޔަކު ހިފައި ހައްޔަރު ނުކުރާނެ ކަމަށާ، ނޫސްވެރިންގެ ކަރަށް ބާރުކުރުމަށް، ޤާނޫނުތައް ނުހަދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ނޫސްވެރިންނަށާއި ރައްޔިތުންނަށް ދެއްވާކަމަށް ރައީސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

ރައިސްގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދައުލަތެއްގައި ރައްޔިތުން ތިބުމުގެ ބޭނުމަކީ، އެ ދައުލަތުގެ ކަންކަމާމެދު، ޚިޔާލު ފާޅުކޮށް، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުން ކަމަށެވެ. އަދި ދައުލަތެއްގައި ވެރީންތަކެއް ތިބުމުގެ ބޭނުމަކީ، ރައްޔިތުންގެ ފާޑުކިޔުންތައް އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ދައުލަތުގެ ކަންކަން އިޞްލާޙް ކުރުންކަމަށެވެ.

އެހެންނަމަވެސް ޚިޔާލު ފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަކީ ޙައްޤަކަށްވާ ފަދައިން، އެޙައްޤާ ގުޅިފައިވާ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވެސް އެބަހުރިކަމަށާ، ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމާއި، ތެދު މަޢުލޫމާތު ފެތުރުމުގައި ޒިންމާއަށް އިހުމާލުވެއްޖެނަމަ މުޖްތަމަޢުގައި ފިތުނަ ފަސާދަ އުފެދި، ޑިމޮކްރެސީއަށް ހީނަރުކަން އަންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތުގެ އެންމެ މުހިންމު އެއްބަޔަކީ، ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ، ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، ވަރަށް އިހާނެތި ގޮތަކަށް މަރާލާފައިވާ، އިންޓަރނެޓް ބްލޮގަރ ޔާމީން ރަޝީދުގެ ޢާއިލާއަށް އިންޞާފު ހޯދައިދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދަމަހައްޓަމުން އައި ސަޤާފަތަކީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ލަގަން ސަރުކާރުގެ މުށުތެރޭގައި ބޭއްވުންކަމަށެވެ. އަދި މި ސަރުކާރު ފެށުނުއިރުވެސް، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ، “އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ ޤާނޫނު”ގެ ސަބަބުން ކަސްތޮޅު އަޅުވައިފައިކަމުގައި ރައީސް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފެންނަން އޮތް ޙަޤީޤަތަކީ، އެކަން އެގޮތަށް ކުރުމުން، ޤައުމަށް ލިބުނު މޮޅެއް، އަދި ސަރުކާރަށް ލިބުނު ފައިދާއެއްވެސް ނެތްކަންކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެކުރިން އޮތް ސަރުކާރުން، ސަރުކާރުގެ ކަންކަމަށް ފާޑުކިޔުމުގެ ދޮރު ނޫސްވެރިންނަށް ބަންދުކުރުމުން، މުޅި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައި، ކޮރަޕްޝަނާއި ފަސާދަ ޢާންމުވިކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަން ކުރުމާއި ޚިޔާނާތްތެރިވުން އިންތިހާއަށް އިތުރުވެގެންދިޔަކަމަށާ، ނަތީޖާއަކަށްވީ، ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަހަރުން އަހަރަށް ދަށަށް ގޮސް، 2018 ވަނަ އަހަރު ނިމުނުއިރު، އެ އިންޑެކްސްގެ 120 ވަނައަށް ރާއްޖެ ވެއްޓުންކަންވެސް ރައީސް ޞާލިޙް ފާހަގަކުރައްވާފައިވެއެވެ.

މިސަރުކާރު އުފެދުމަށްފަހު، އެމަނިކުފާނު އެންމެފުރަތަމަ ތަޞްދީޤުކުރެއްވި ބިލަކީ އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން، މިސަރުކާރުން އަނބުރައި ހޯދައިދެއްވީ މިނިވަން ނޫސްވެރިކަމުގެ ޒަރިއްޔާއިން ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމާއި ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތާއި ފަސާދައިން، ދައުލަތުގެ މުއައްސަސާތައް ސަލާމަތްކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.