ސަމާސާއަދަބު އީބޭއިން ގެނައި ފޮތިފޭލި

އީބޭއިން ގެނައި ފޮތިފޭލި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޒަމާނަށްއަންނަ ބަދަލާއެކު މީހުންނާ ކަންތަކަށްވެސް ބަދަލުތައްއާދެއެވެ. “ސުމޭކުގެ” މިޒަމާނުގައި ވަރަށްގިނަ ކަންތައް މިވަނީ ބަދަލުވެގެންގޮސްފައެވެ. އަލަށް ކަންތައް ތަޢާރަފްވެގެން އަންނައިރު ބައެއްފަހަރު ހީހީ ހަލާކުވާފަދަ ވަރަށް މަޖާ ހާދިސާތައް ހިނގާފައިވެސް އެބަހުއްޓެވެ. ގޭގޭގައި ހުރި ފޮށިގަނޑު ޓީވީތައް ފަތިވެ ސައިޒުންބޮޑެތިވެއްޖެއެވެ. ކޮންމެ މީހަކުއަތަށް ފޯނެއް އަރައިފިއެވެ. ފޯނުތައް “ސްމާޓްވެސް” ވެއްޖެއެވެ. ދުރުގައިތިބޭ ރަޙްމަތްތެރިންނާ އާއިލާމީހުން “ވައިބަރ” އާއި “ޓެލެގްރާމް” އާއި “ވަޓްސްއެޕް” އިން ގާތްކޮށްދީފިއެވެ. “މީސްމީޑިއާ” ގެ އެހީގައި ޚަބަރު ދަބަރު ލިބުން އަވަސްވެ ފަސޭހަވެއްޖެއެވެ.

މިއައި ބޮޑު “އިންޤިލާބު”ގެ ތެރެއިން ފާހަގަކޮށްލެވުނު އަނެއްކަމަކީ ވިޔަފާރިކުރުމަށް އައި ބަދަލެވެ. “އޮންލައިން” ވިޔަފާރި ތަޢާރަފުވުމެވެ. “އީބޭ” އާއި “އަލީއެކްސްޕްރެސް” ގެއިތުރުން “ފޭސްބުކުް” ގައާއި “އިންސްޓަގްރާމް” ގައިވެސް ވިޔަފާރިވެރިން ވަރަށް ގިނަވެއްޖެއެވެ. ރަށުން ގަންނަން ނުލިބޭ ތަކެތި ބަޓަނަކަށް ފިތާލުމުން ގެއަށް އައުމަކީ ކިހާބޮޑު ފަސޭހައެއް ހެއްޔެވެ؟

އީބޭގެ ވިޔަފާރި ތަޢާރަފްވި ދުވަސްވަރު ރަޙްމަތްތެރިއަކަށް ދިމާވި ހާދިސާއެކެވެ. މިރަޙްމަތްތެރިޔާއަށް “އީބޭ” ގެ ފަސޭހަކަމާ މޮޅުކަމުގެ ވާހަކަ އެނގުމުން އަޖުމަ ބަލާލަން ބޭނުންވެއްޖެއެވެ. މި ރަޙްމަތްތެރިޔާއަށް “އީބޭ” ތަޢާރަފްކޮށްދިން މީހާ ލައްވާ އެކައުންޓެއް ހުޅުވައި ބޭނުންވާ އެހެނިހެން މަޢުލޫމާތު ފުރިހަމަކޮށް ވަރަށް ރަނގަޅަށް ތަމްރީންހޯދައިފިއެވެ.

ގެއަށްގޮސް ރަނގަޅަށް ހަމަޖެހިލައި “އީބޭ” އަށްވަދެ ރަނަގަޅުއެއްޗެއް ހޯދަންފެށިއެވެ. ތަޖުރިބާކޮށްލުމަށް ފުރަތަމަ “އޯޑަރ” ދޭނީ ގެއްލުމެއްނުވާވަރު ކުޑަ އެއްޗެއްކަމަށް ވިސްނާފައި “ތިނޯސްފޮއްޓަކަށް” އޯޑަރ ޖަހައިފިއެވެ. އިންތިޒާރުގެ ދުވަސްތަކަކަށްފަހު އޯޑަރުދިން “ތިނޯސްފޮށި” ލިބިއްޖެއެވެ. މިއީ ވަރަށް ފައްކާ ކަމެއްކަމަށް ބުނެ އެހެން ރަޙްމަތްތެރިންނަށްވެސް ތަޢާރަފްކުރަންފަށައިފިއެވެ.

ލިބުނު އުފަލުގައި “އިބޭ” އަށް ވަދެ އޯޑަރު ޖަހަން ރަނގަޅު އެއްޗެއް ހޯދަންފަށައިފިއެވެ. މިހެން ބަލަމުން ދަނިކޮށް އަޅައިގަތީ ފޮތިގަނޑެކެވެ. ކުރިއަށް އޮތީ ޢީދުކަމަށްވާތީ ޢީދަށް ހެދުން ފަހަން ރީތި ފޮތިގަނޑަކަށް އޯޑަރު ޖަހާލައިފިއެވެ. މި ރަޙްމަތްތެރިޔާ މިކަމަށް އަދި އާވީމާއާއެކު އެހެން ރައްޓެއްސެއްކައިރީ މި ފޮތިގަނޑުގެ ވާހަކަ އަހާލައިފިއެވެ. އޭނާ އޭތި ބަލާލާފައި ބުނީ އެއީ ފޮތިގަނޑެއް ނޫން ކަމަށާ ބޮޑު “ފޮތި ފޭއްޔެއް” ކަމަށެވެ. އެހާ އަގުހެޔޮކޮށް ބޮޑު ފޮތި ފޭއްޔެއް ލިބޭތީ ރަޙްމަތްތެރިޔާ ހުންނަނީ ވަރަށް އުފަލުންނެވެ. ގޭގެ އެންމެނަށް މިފަހަރު ޢީދު ހެދުން ފަހާލަން ފޮތި ލިބޭތީ ވަރަށް ފޮނިވެފަ ގޭގެ މީހުންކައިރީވެސް އެވާހަކަ ދައްކައެވެ.

ދުވަސްކޮޅެއްފަހުން ޕޯސްޓް ލިބިގެން ޕޯސްޓާ ހަވާލުވާން ދާން އަންގައިފިއެވެ. އެހެންކަމުން ގޭގަހުރި ބަރޯ ހިފައިގެން ޕޯސްޓް ބަލައިދާން ހިނގައިގަންފިއެވެ. މަގުމަތިން ހިނގާލާފަ ދާއިރު ހުންނަނީވެސް ވަރަށް ހެވިލާފައެވެ. ހެވިފައޭ ބުންޏަކަސް ސިފައެއް ނުކޮށްދެވޭނެއެވެ. އަނގައިގައި ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. ފެންނަހާ މީހަކަށް ނިތްއެއްލަމުން ދެއަތަށް ކިރެމުން ކިރެމުންގޮސް ޕޯސްޓް އޭޖެންސީއާ ހަމަވެއްޖެއެވެ.

ޕޯސްޓް ބެހުމުގެ އުޅޭ ކުއްޖާކައިރީ ޕޯސްޓް ބަލައި އައިވަހަކަ ބުނުމުން ދިއްކޮށްލީ ކުޑަ ސިޓީއުރައެކެވެ. ޚައިރާންކަމާއެކު އެ ސިޓީއުރައަށް ބަލަހައްޓައިގެން ނުހިފަންމެ އިރުކޮޅަކުހުރެފައި ހިފައިގެން ބޭރަށް ނުކުމެ ސިޓީއުރަ ކަނޑާލިއިރު އޮތީ ކުޑަ ރުމާލެއްވަރު ފޮތިކޮޅެކެވެ.

ގެއަށްގޮސް އެއްކަލަ ރަޙްމަތްތެރިޔާއަށް ގުޅައި ވީގޮތްކިޔައިދިނުމުން އޭނާ އެދުނީ އޭގެ “ތަފްޞީލް” ރަނގަޅަށް ބަލާލުމަށެވެ. އަލުން “އީބޭ” އަށް ވަދެ ބަލާލިއިރު އޭގައި ހަމަ ރަނގަޅަށް މިންތައް ޖަހާފައި ހުއްޓެވެ. މިންތައް ހުރިގޮތުން އޮޅުންއެރީއެވެ.

ޓެގް

އީބޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.