ރަމަޟާންމަހުގެ ރޯދަ ފަރުޟުކުރެވުނު ފުރަތަމަ ދުވަސްވަރުގައި ރަމަޟާންމަހުގެ ދުވާލެކޭ އެއްފަދައިން ރޭތަކުގައިވެސް އަނބިމީހާއާ ޖިމާޢުވުން ޙަރާމެވެ. ނުވަތަ ރޭގަނޑު ނިދުމުގެ ކުރިން އެކަންކުރުން ހުއްދައެވެ. އެކަމަކު ނިދިއްޖެނަމަ އެރެއާއި އަނެއްދުވަހުގެ އިރުއޮއްސެންދެން އެކަންކުރުން ޙަރާމްވެދެއެވެ. އަދި ހަމައެފަދައިން އެއިރު ކެއުންވެސް ހުއްދަވަނީ އިރުއޮއްސުމާ ނިދުމާ ދެމެދުއެވެ. ނިދިއްޖެނަމަ އެރެއާއި އަނެއްދުވަހުގެ އިރުއޮއްސެންދެން އެކަންކުރުންވެސް ޙަރާމްވެދެއެވެ. ފަހުން މާތްﷲ ވަނީ މިދެޙުކުމް މަންސޫޚުކުރައްވައި ފަތިސްވުމާ ހަމައަށް މިކަންކަންކުރުން ހުއްދަކުރައްވާފައެވެ.
މާތްﷲ ރުއްސުންލެއްވި ބަރާއު ބުނު އާޒިބުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “މުޙައްމަދުގެފާނުގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ރޯދައަށް ތިއްބަވައި ރޯދަ ވީއްލާ ވަގުތުޖެހޭ ހިނދު، ރޯދަ ވީއްލެވުގެ ކުރިން އެބޭކަލުންނަށް މަސައްކަތުގެ ވަރުބަލިކަމުން) އަވަހާރަފުޅު ލެއްޕެވޭ ކަމުގައި ވިއެވެ. ދެން އެރެއާ، އަނެއްދުވަހުގެ އިރުއޮއްސިއްޖައުމަށް ދާންދެން އެއްވެސް އެއްޗެއް ފަރީއްނުކުޅުވާ ތިއްބަވަތެވެ. މިހެން މިކަން އޮއްވައި، އެއްދުވަހަކު ޤައިސް ބުނު ބިރުމާ ކިޔާ އަންޞާރިއްޔަ ބޭކަލަކު، ރޯދައަށް ހުންނަވާފައި، ރޯދަވީއްލާ ވަގުތު ޖެހުމުން އަނބިކަބަލުންގެ އަރިހަށް އައިސް ދަންނަވައިފިއެވެ. ކާއެއްޗެއް އެބަހުރި ހެއްޔެވެ؟ އެކަމަނާ ދަންނަވައިފިއެވެ. ނެތެވެ. އެކަމަކު ތިބާއަށް ކާއެއްޗެއް ހޯދުމަށްޓަކައި އެބަދަމެވެ. އެދުވަހަކީ އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ދުވަހަކަށް ވާތީ އަނބިކަނބަލުން ވަޑައިގަންނަވަންވާ އިރަށް އޭނާއަށް ނިދިއްޖެއެވެ. ފަހެ އަނބިކަނބަލުންނަށް އޭނާ އަވަހާރަފުޅުގައި އޮންނަވަނިކޮށް ފެނިވަޑައިގެން ހިނދު، ދެރަފުޅުވެ ވަޑައިގެން ދެންނެވިއެވެ. ތިބާއަށް ހުރި އަބާއްޖަވެރިކަމާއެވެ! ފަހެ އަނެއްދުވަހު މެންދުރެއްހައިއިރު، އޭނާ (ބަނޑުފުޅުހައިވެ ވަޑައިގެން) ހޭފުޅުނެތިއްޖެއެވެ. ފަހެ އެވާހަކަ ރަސޫލާ އަށް ދެންނެވުނު ހިނދު، އަންނަނިވި އާޔަތް ބާވައިލެވިއްޖެއެވެ.
أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّـهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ ۖ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّـهُ لَكُمْ ۚ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ۖ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ ۚ وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ ۗ تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا ۗ كَذَٰلِكَ يُبَيِّنُ اللَّـهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ ﴿١٨٧﴾
މާނައީ: “ރޯދަމަހުގެ ރޭގަނޑު ތިޔަބައިމީހުންގެ އަނބީންނާ ޖިމާޢުވުން ތިޔަބައިމީހުންނަށް ހުއްދަކުރެވިއްޖެއެވެ. އެކަނބަލުންނީ ތިޔަބައިމީހުންނަށްވާ ފޭރާމެކެވެ. އަދި ތިޔަބައިމީހުންނީ އެކަނބަލުންނަށްވާ ފޭރާމެކެވެ. ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރި ވަމުންދާކަން (އެބަހީ ﷲ މަނާކުރައްވާފައިވާ އިރުވެސް ރޯދަމަހުގެ ރޭތަކުގައި ތިޔަބައިމީހުންގެ އަނބިންގެ ގާތުގައި ތިޔަބައިމީހުން ރޭކުރާކަންﷲ ދެނެވޮޑިގަންނަވައިފިއެވެ. ދެން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތައުބާ ލައްވައި ތިޔަބައިމީހުންނަށް މާފުކުރައްވައިފިއެވެ. ފަހެ މިހާރު ތިޔަބައިމީހުން، ތިޔަބައިމީހުންގެ އަނބިންނާ ޖިމާޢުވާށެވެ. (އެބަހީ އެކަން މިހާރު ތިޔަބައިމީހުންނަށް ހުއްދައެވެ.) އަދި ތިޔަބައިމީހުންނަށް ﷲ މިންވަރުކުރެއްވި އެއްޗަކަށް (އެބަހީ ދަރިންނަށް) ތިޔަބައިމީހުން އެދޭށެވެ. އަދި ރޭގަނޑުގެ އަނދިރިކަމުން ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ކައިބޮއިހަދާނެވެ. ދެން ރޭގަނޑާ ހަމައަށް (އެބަހީ އިރުއޮއްސުމާ ހަމައަށް) ތިޔަބައިމީހުން ރޯދަ ފުރިހަމަކުރާށެވެ.” ފަހެ މިއާޔަތް ބާވައިލެއްވުމުން އެބޭކަލުން ވަރަށް އުފާކުރެއްވިއެވެ. “
އައްޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރު) ލިޔުއްވާފައިވާ “ކިތާބުއް ޞިޔާމް” ފޮތުން ނަގާފައި
ކޮމެންޓް (0)
ލޯޑް ކުރަމުން...