'އަދަދު' ނޫހުން ރައީސް މުހައްމަދު މުއިއްޒާ ދެކޮޅަށް ތައްޔާރުކުރި ޑޮކިއުމެންޓްރީއަށް މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާ އަޝްރަފުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން އީޝާގެ މައްޗަށް ކުރެވޭ ގަޒުފުކުރުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް، މި މައްސަލައިގެ އިތުރު ތަފްސީލެއް އެ އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ މާޗު 28 ގައި އާންމުކުރި އެ ޑޮކިއުމެންޓްރީގައި މައުލޫމާތު ދިން މީހާގެ ސިއްރުހިފެހެއްޓުމުގެ ގޮތުން މޫނާއި އަޑު ބަދަލުކޮށްފައިވީ ނަމަވެސް، އޭގެ މަހެއްހާ ދުވަސް ފަހުން ފުލުހުން ވަނީ ތަހުގީގު ފަށައި އީޝާ ފުލުހަށް ހާޒިރުކޮށް އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.
މި ސަރުކާރުގެ ފެށުމުގައި ރައީސް އޮފީހުގެ ސިޔާސީ މަގާމެއްގައި ހުރުމަށްފަހު، އެހެން ދެ މިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން ވަޒީފާއިން ވަކިކުރި އީޝާ ވަނީ ތަހުގީގު މަރުހަލާގައި އޭނާގެ ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ފުލުހުން ދީފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އީޝާގެ އިތުރުން، އެ ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށްވެސް މޭ މަހު ވަނީ ގަޒުފުގެ ދައުވާ އުފުލައި ޕާސްޕޯޓު ހިފަހައްޓާފައެވެ. ނޫސްވެރިކަމުގެ މަސްދަރު ހިމާޔަތްކުރުމަށްޓަކައި އެ ދެ ބޭފުޅުން ތަހުގީގުގައި ބޭނުންކުރެއްވީ ހަނުހިފުމުގެ ހައްގެވެ.
މި މައްސަލައާ ގުޅޭގޮތުން އާންމުކޮށް ވާހަކަދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ވަނީ ހާއްސަ 'ގެގް' އަމުރެއްވެސް ނެރެފައެވެ.
ކޮމެންޓް (1)
ލޯޑް ކުރަމުން...