ޓެކްނޮލޮޖީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ވާވޭ މާޔޫސް ކޮށްލައިފި

އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ވާވޭ މާޔޫސް ކޮށްލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްމާޓް ފޯނު އުފެއްދުމުގައި ދުނިޔޭގެ ލީޑިން ކުންފުނީގެ މަޤާމަށް އެރުމަށް ފައިވިއްދަމުން އަންނަ ޗައިނާގެ ކުންފުނި ، ވާދަވެރި ވާވޭއާއި މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ގޫގުލްއިން އެޅި ހަރުކަށި ފިޔަވަޅާއެކު ވާވޭ ކުންފުނި މާޔޫސް ކޮށްލައިފިއެވެ.

އެމެރިކާގެ ކޮމާސް ޑިޕާޓްމެންޓުން އެގައުމުގެ “އެންޓިޓީ ލިސްޓުގައި” ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ވާވޭގެ ނަން ހިމެނުމާއި ގުޅިގެން ވާވޭއަށް ގޫގުލްއިން ދީފައި އޮތް އެންޑްރޮއިޑް ލައިސެންސް ވަނީ ކުއްލިގޮތަކަށް ކެންސަލްކޮށްފައެވެ.

ގޫގުލްއިން ރިޕޯޓްކޮށްފައިވާގޮތުގައި އެކުންފުނިން އެފަދަހަރުކަށި ނިންމުމެއް ނިންމީ އެމެރިކާގެ ކުންފުނިތަކުން އެމެރިކާގެ މައިސަރުކާރާއެކު ، އެއްބަސްވާންޖެހޭ އެއްބަސްވުންތަކާ ފުށުއަރާތީއެވެ.

އެމެރިކާގެ ބްލެކްލިސްޓްގައި ވާވޭގެ ނަން ހިމެނުމުން ދެން ވާވޭއަށް އެމެރިކާގެ ސަރުކާރުގެ ހުއްދައާ ނުލައި ވާވޭއިން އެމެރިކާ ކުންފުނިތަކުގެ ޓެކްނޮލޮޖީ ގަތުން މަނާ ވާނެއެވެ.

ގޫގުލްގެ މި ފިޔަވަޅުގެ ސަބަބުން އެ ކުންފުނީގެ ހާޑްވެއަރ ވެސް ވާވޭއަކަށް ނުވިއްކާނެއެވެ. އަދި ސޮފްޓްވެއަރ ލައިސަންސް ވެސް ދޫނުކުރާނެއެވެ.

ވާވޭގެ ފޯނުތައް ދުނިޔޭގައި ނަންހިގައި، ސެމްސަންގް އަށްފަހު އެންމެ ބާރަށް ވިކެމުން އަންނައިރު އެމީހުންގެ ފޯނުތަކުގެ ސްކްރީނާއި، ޗިޕް ފަދަ ހާޑްވެއަރވެސް ގަންނަނީ އެހެންކުންފުނިތަކުންނެވެ. އެގޮތުން ކްއަލްކޮމް އާއި، ސެމްސަންގ ފާހަގަކޮށްލެވެއެވެ. އެމެރިކާގެ މިފިޔަވަޅުގެ ސަބަބުން މިފަދަ ކުންފުނިތަކުންވެސް ވާވޭއާއިއެކު މުޢާމާލާތް ކުރަން ފަސްޖެހޭނެކަމަށް ޚަބަރުތައް ބުނެއެވެ.

އަދި ގޫގުލްގެ އެ ނިންމުމާއެކު، އެންޑްރޮއިޑްގެ އާ ވާޝަން، އަންނަ އަހަރު ނެރުމުން، ވާވޭގެ އުފެއްދުންތަކަށް އެ ވާޝަން ރަސްމީކޮށް ބޭނުން ނުކުރެވޭނެއެވެ. ނަމަވެސް އެކުންފުންޏަށް އަދިވެސް އޯޕެން ސޯސް ލައިސެންސް މެދުވެރިކޮށް އެންޑްރޮއިޑް ބޭނުން ކުރެވިދާނެއެވެ. އަދި މިހާރު ބޭނުން ކުރާ އެންޑްރޮއިޑް ވާޝަން ހުންނަ ފޯނުތަކުގައި އަދިވެސް ގޫގުލްގެ އެޕްތައް އަޕްޑޭޓުކުރެވޭނެއެވެ.

ނަމަވެސް ގޫގުލް ޕްލޭ ސްޓޯރާއި، ޖީމެއިލާއި، ގޫގުލް ސަރޗް ފަދަ ޚިދުމަތްތައް މުސްތަޤްބަލުގައި ވާވޭ ފޯނުތަކުން ނުލިބޭނެއެވެ.

ދުނިޔޭގެ ސްމާޓްފޯނު ބާޒާރުގައި ސެމްސަންގަށް ފަހު އެންމެ ކާމިޔާބު ކުންފުނި ކަމަށްވާ ވާވޭއަށް އެފިޔަވަޅުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ކަމާ ބެހޭ މާހިރުން ހާމަކުރާއިރު ވާވޭއިން ބުނީ އެފަދަ ކަމެއް މުސްތަޤުބަލުގައި ދިމާވެދާނެކަމަށް އެކުންފުނި އޮތީ ތައްޔާރަށްކަމަށެވެ. އެގޮތުން މީގެ ދެއަހަރެއްވަރު ކުރިންއެމީހުންގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދާ މިހާރުވަނީ ޓެސްޓްވެސް ކޮށްފައެވެ. ގޫގުލްގެ މި ނިންމުން ބަދަލުނުކޮށްފިނަމަ މީގެ ފަހުން ވާވޭއިން ނެރޭފޯނުތަކުގައި ބޭނުންކުރާނީ އެމީހުންގެ އަމިއްލަ އޯއެސް ކަމުގައި ބެލެވެއެވެ.

އެމެރިކާއިން ވާވޭއަށް މިފިޔަވަޅު އެޅީ އެކުންފުނި މެދުވެރިކޮށް ޗައިނާއިން ޖާސޫސުކުރާކަމުގެ ތުހުމަތާއެކުގައެވެ. އެމެރިކާއިން ވަނީ އެގައުމުގެ ސަރުކާރުގެ އިދާރާތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުންކުރުން މަނާކޮށްފައެވެ. ނަމަވެސް ވާވޭއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

ގޫގުލްއިން މިފަދަ ނިންމުމެއް ނިންމިކަމުގައި ވިޔަސް ވާވޭއިން ސެމްސަންގ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތާންގައި ވާވޭގެ އާ ފޯނުތަކަށް ބޭނުންވާ ހުރިހާ އޯލެޑް ސްކްރީނެއް އުފައްދަން ސެމްސަންގް އަށް އޯޑަރުދޭނެ އެވެ

ޓެގް

ވާވޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.