މީހުން ހުނަރުވެރި ސާންބެ

ހުނަރުވެރި ސާންބެ

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ތަފާތު ފަންނުގައި ތަފާތު ހުނަރުތައް ލިބިފައިވާ މީހުންނާއި ޒުވާނުން އަޅުގަނޑުމެންގެ  ތެރޭގައި ނިސްބަތުން ވަރަށްވެސް މަދެވެ. ނަމަވެސް ނ.ލަންދޫ މޫރިތި / އިބްރާޙިމް ސާމިލް (ސާންބެ) ފާހަގަކުރެވެނީ ތަފާތު ހުނަރުތަކެއް ލިބިފައިވާ ހުނަރުވެރި ޒުވާނެއްގެ ގޮތުގައެވެ.

މޮޅުވާހަކަ ލިޔުންތެރިއެއް

ސާންބެގެ އެންމެ ހާއްޞަ އެއް ހުނަރެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ވާހަކަލިޔުމުގެ ހުނަރެވެ. ސާންބެ ހާމަކުރި ގޮތުގައި ވާހަކަލިޔުމުގެ ތެރެއަށް ވަދެވިފައިވަނީ ކިޔަވަން އުޅުނު ދުވަސް ވަރުގައެވެ. ” އޭރުގައި ވަރަށް ގިނައިން ‘އެބައުޅޭ، އެބައުޅޭ’ ( ތަންކޮޅެއް ކުރިން ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ކުޑަދިންގެ ވާހަކައާއި ގުޅޭ ޕްރޮގްރާމެއް) އަޑުއަހަން އަދި ސްކޫލު ދަޢުރުގައި ވަރަށް ގިނައިން ވާހަކަ ލިޔެ އުޅުނިން އޭގެތެރެއިން ހޮބީއެއްގެ ގޮތުގައި ވާހަކަލިޔަން ފެށުނީ” ވާހަކަލިޔުމުގެ ތެރެއަށް ވަދެވުނު ގޮތް ކިޔައިދެމުން ސާންބެ ބުންޏެވެ.

ސާންބެ އިތުރަށް ބުނިގޮތުގައި ވާހަކަ ލިޔަން ފެށި ދުވަސްވަރު ތަފާތު ގްރޭޑްތަކުގައި ސާންބެއަށް ދިވެހި ކިޔަވައި ދެއްވި އެދުރުންގެ ފަރާތުން އަދި ވަކިން ހާއްޞަކޮށް ނ.ވެލިދޫގައި ހުންނަ ނ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަންއުޅުނު ދުވަސްވަރު ދިވެހި ކިޔަވައިދެއްވި ފާތުން މިސްގެ ފަރާތުންލިބިގެން ދިޔަ އެހީތެރިކަން ވަރަށް ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރެއެވެ.

ވާހަކަ ލިޔުމުގެ މަސައްކަތް ފެށުނު ހިސާބުން ފެށިގެން މިއަދާއި ހިސާބަށްވެސް “ނާރެސް” ޓީމުގެ ފަރާތުންލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް “ނާރެސް” ޓީމަށް ސާންބެގެ ހިތުގެ އެނމެ ފުންމިނުން ޝުކުރު އަދާކުރެއެވެ.

ވާހަކަލިޔުމުގައި ވަކި ވައްތަރެއްގެ ވާހަކައެއް ލިޔުމަށް ހާއްޞަ އިސްކަމެއް ނުދޭއިރު ސާންބެ ބުނިގޮތުގައި އޭނާ އަބަދުވެސް ބަލަނީ މީހުން އާންމުކޮށް ނުލިޔާ ވައްތަރުގެ ވާހަކަތައް ލިޔެވޭތޯކަމަށެވެ. ވާހަކަލިޔުމުގައި މިހާތަނަށް އެންމެ ގިނައިން ލިޔެވިފައި ވަނީ ލޯބީގެ ވާހަކަތައް ކަމުގައި ވީ ނަމަވެސް ބިރުވެރި ވާހަކަ އާއި ތަފާތު އިބުރަތްތެރި ވާހަކަތަކުގެ އިތުރުން މިފަހަކަށް އައިސް ކުޑަކުދިންގެ ވާހަކަވެސް ލިޔެފައި ވާނެކަމަށް ސާންބެ ބުނެއެވެ.

ސާންބެ މިހާތަނަށް ލިޔުނު ވާހަކަ ތަކުގެ ތެރެއިން އެންމެ ކަމުދާ ބިރުވެރި ވާހަކައެއްގެ ގޮތުގައި ފާހަގަ ކުރަނީ “ކަނޑުމަތިން” އަދި “ކަޅުފަސްވިލާތަކުން” ކަމުގައެވެ. އެންމެ ރަނގަޅަށް ލިޔެވުނު ލޯބީގެ ވާހަކައެއްގެ ގޮތުގައި ފާހަކަކުރަނީ “ކިލަނބު” ކަމުގައެވެ. އަދި އެންމެ ކަމުދާގޮތަށް ލިޔެވުނު ކުޑަކުދިންގެ ވާހަކައެއްގެ ގޮތުގައި ފާހަގަކުރަނީ ” ދޮންދޫނި” ކަމުގައެވެ.

އަސްލު ވާހަކަ ލިޔުމުގައި އެއްވެސް މީހަކުކޮޕީއެއް ނުކުރަން އެހެން ނަމަވެސް ރާއްޖޭގައި ވާހަކަލިޔެ އުޅޭ މަޝްހޫރު ވާހަކަ ލިޔުންތެރިންގެ ވާހަކަތައް ވަރަށް ގިނައިން ކިޔާ ދިރާސާކޮށް ހަދަން

ސާންބެ

ވާހަކަލިޔުމަށް އެންމެ ރަނގަޅު ވަގުތަކީ އަބަދުވެސް އެންމެ ހަމަހިމޭން ވަގުތު ކަމަށް ސާންބެ ބުނާއިރު ވާހަކަލިޔުމުގައި އެއްވެސް މީހަކު ކޮޕީ ނުކުރާކަމަށް ވެސް ސާންބެ ބުނެއެވެ. “އަސްލު ވާހަކަ ލިޔުމުގައި އެއްވެސް މީހަކުކޮޕީއެއް ނުކުރަން އެހެން ނަމަވެސް ރާއްޖޭގައި ވާހަކަލިޔެ އުޅޭ މަޝްހޫރު ވާހަކަ ލިޔުންތެރިންގެ ވާހަކަތައް ވަރަށް ގިނައިން ކިޔާ ދިރާސާކޮށް ހަދަން ” އިތުރު މަޢުލޫމާތު ދެމުން ސާންބެ ބުންޏެވެ. ސާންބެ ފާހަގަ ކުރި ގޮތުގައި ރާއްޖެއިން އޭނާއަށް އެންމެ ކަމުދާ ވާހަކަ ލިޔުންތެރިންނަކީ ބިންމާ އިބުރާހިމްވަހީދު (ހުރިހާ ވައްތަރެއްގެ ވާހަކަލިޔުމަށް ) ،މޫސާ ސާޢިދު އަދި އަޙްމަދު އިޤްބާލު (އައިކިޔު)  (ލޯބީގެ ވާހަކަ ލިޔުމަށް ) ކަމުގައެވެ.

ސާންބެ ބުނިގޮތުގައި ވާހަކައެއް ލިޔެލުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އަންހެނުންގެ އެހީތެރިކަމާއި އެކު މިހާރު ކުރުވާހަކައެއްގެ ޚިޔާލް އުފައްދާ ވާހަކައިގެ ހާދިސާ ރާވާލުމަށް ނަގަނީ ވިއްސަކަށް މިނިޓެވެ. އަދި ކުރުވާހަކައެއް އެއްކޮށް ލިޔެ ނިންމާލުމަށް 45 ވަރަކަށް މިނިޓް ނަގާނެއެވެ.

ވާހަކަ ލިޔުމުގެ ރޮނގުން ސާންބެ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސާންބެ ލިޔާ ވާހަކަތައް ހިމަނައިގެން ސާންބެގެ އަމިއްލަ ވާހަކަ ފޮތެއް ނެރުމުގެ އިތުރުން ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މުޅި ރާއްޖެއަށް ނަން މަޝްޙޫރުމީހަކަށް ވެގެން ދިއުމެވެ.

ކަރުދާހުން ތަކެތި ހެދުމުގެ މަސައްކަތް

ކަރުދާހުން ތަފާތު ވައްތަރުގެ އެއްޗެތި ހެދުމުގެ މަސައްކަތަކީ މިޒަމާނުގައި ވަރަށް ގިނަ މީހުން ކުރަމުން އަންނަ މަސައްކަތަކަށް ވީނަމަވެސް ކަރުދާހުން އަވަހަށް ރަނގަޅު ފެންވަރެއްގެ އެއްޗެއް ހަދާލުމަކީ މަދުމީހަކަށް މެނުވީ ކުރެވޭނެކަމެއް ނޫނެވެ. ސާންބެ ފާހަގަ ކުރެވެނީ ފަސޭހަކަމާއި އެކު ފިސާރި އަވަހަށް ކަރުދާހުން ތަފާތު އެއްޗެތި ހެދުމަށްވެސް ކުޅަދާނަ ޒުވާނެއްގެ ގޮތުގައެވެ.

ސާންބެގެ މަސައްކަތެއް

ކަރުދާހުން ތަފާތު އެއްޗެތި ތައްޔާރު ކުރިކަމުގައި ވީނަމަވެސް ޢާންމުގޮތެއްގައި ސާންބެ ކަރުދާހުން ހަދާ އުޅެނީ ތަފާތު ވައްތަރުގެ މަލެވެ. ސާންބެ ބުނި ގޮތުގައި އޭނާ ކަރުދާހުން ތަކެތި ހަދަން ދަސްކުރީ ޔޫޓިޔުބުން ތަފާތު ވީޑިއޯތައް ބަލައިގެންނާއި އެކުވެރިންގެ ފަރާތުން ކަމުގައެވެ. ކަރުދާހުން އެންމެ ރީއްޗަށް ހަދާލެވޭ އެއްޗަކީ ތަފާތު ވައްތަރުގެ މާ ކަމަށް ފާހަގަ ކުރިއިރު މީގެ ތެރެއިންވެސް ފިނިފެން މަލަކީ އެންމެ ރީއްޗަށް ކަރުދާހުން ހަދާލެވޭ އެތިކަން ފާހަގަ ކުރިއެވެ. މީގެ އިތުރުން ތަފާތު މުނާޞަބަތު ތަކާއި ގުޅިގެން ކަރުދާހުން ތަފާތު ގިފްޓް އައިޓަމްސް ހަދާކަން ފާހަގަ ކުރިއެވެ. އަދި އެންމެ ގިނަ ވަގުތު ނެގި ނަމަވެސް އެކިކަހަލައިގެ އޮރިގަމީ ތަކެތި ހެދުމަކީ ވަރަށް ޝައުޤުވެރިކަމެއްގެ ގޮތުގައި ސާންބެ ފާހަގަ ކުރިއެވެ.

ކަރުދާހުން ތަކެތި ހެދުމުގައި ސާންބެ ދެކެން ބޭނުންވާ ވަކި ދުވަހެއް ނެތްނަމަވެސް ސާންބެ ހަދާ އެއްޗިއްސާއި މެދު މީހުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓެއް ލިބިއްޖެނަމަ ވަރަށް ބޮޑަށް ހިތްހަމަ ޖެހި ކުރެވުނު މަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަމުގެ އިޙްސާސްކުރެވޭ ކަމަށް ސާންބެ ފާހަގަކުރިއެވެ. އަދި މި މަސައްކަތް ކުރުމުގައި މީހުންގެ ފަރާތުން އަދި ވަކިން ހާއްޞަކޮށް އަންހެނުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެންބަރުލުން ފާހަގަކޮށް އެފަރާތްތަކަށް ސާންބެ ޝްކުރުއަދާކުރެއެވެ.    

މޮޅުކުރެހުންތެރިއެއް ، އިމާމެއް އަދި މުދައްރިސެއް

ސާންބެއަކީ ކަރުދާހުން އެއްޗެތި ހަދައި، މޮޅު ވާހަކަ ލިޔުންތެރިއެއްގެ އިތުރުން ވަރަށް މޮޅު ކުރެހުންތެރި އެއްވެސް މެއެވެ. ހާއްޞަކޮށް ފާރުގައި ތަފާތު ޑިޒައިންތަކަށް ކުރެހުންތައް ކުރެހުމަށްވެސް މޮޅު ހުނަރުވެރި ޒުވާނެކެވެ. މިގޮތުން ސާންބެ މަސައްކަތް ކުރަމުން އަންނަ ލަންދޫސްކޫލުގައި ފާހަގަ ކުރާ ތަފާތު މުނާޞަބަތުތަކަށް ބެކް ގްރައުންޑު ތައްޔާރު ކުރުމުގެ ގޮތުން ސާންބެވެސް ބައިވެރިވެގެންވަނީ އެތަށް މަންޒަރުތަކެއް ސިފަކޮށްދޭ ކުރެހުންތަކެއް ކުރަހާފައެވެ.

މިކަންތައްތަކުގެ އިތުރުން އަބަދުވެސް ސާފުތާހިރުކަމަށް ލޯބިކުރާ،  މަޑުމައިތިރި ‘ ހިތްހެޔޮ، ހުރިހާ އެންމެންނާއިވެސް ގުޅޭ، ދީނީ ކަންތައްތައްތަކަށް ސަމާލްކަންދޭ އެންމެންގެ އެކުވެރި ސާންބެއަކީ މިއަދު އިމާމް ކޯސް ފުރިހަމަކޮށް އިމާމްކަމުގެ ސަނަދު ހާސިލްކޮށްގެން ހުރި ހުނަރުވެރި ޒުވާނެކެވެ. އަދި ލަންދޫ ސްކޫލުގެ ކީ-ސްޓޭޖު 1 އަށް ކިޔަވައި ދެއްވަމުން އަންނަ ދަރިވަރުންނާއި ބެލެނިވެރިންގެ މަޤްބޫލްކަން ހޯދަމުން އަންނަ ކުޅަދާނަ ހުނަރުވެރި ޓީޗަރެއްވެސް މެއެވެ.

ސާންބެ ކުރަހާފައިވާ މަންޒަރެއް

“ނާރެސް” ޓީމުގެ ފަރާތުން ސާންބެއަށް އެދެނީ އިތުރު ކުރިއެރުމާއި ކާމިޔާބެވެ.

ޓެގް

ހުނަރުވެރިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.