މިއަހަރުގެ ފިތުރު ޒަކާތް ބެހުން މާދަމާ ( 3 ޖޫން 2019 ) އިން ފެށިގެން ކުރިއަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖައްސާފައިވަނީ މާލޭގައިނަމަ އިސްލާމިކް މިނިސްޓްރީންނާއި އަރަބިއްޔާ ސްކޫލުންނެވެ. އަދި މާލެ ފިޔަވައި އެހެން ރަށްތަކުންނަމަ އެރަށެއްގެ ކައުންސިލުންނެވެ.
ފިތުރު ޒަކާތް ދޫކުރުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ މާދަމާ ހެނދުނު 21:30 އިން މެންދުރު 12:00 އަށް، މެންދުރު 12:45 އިން 15:30 އަށް އަދި ރޭގަނޑު 21:00 އިން 23:00 އަށެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ފިތުރު ޒަކާތް ދޫކުރެވޭނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ އައިޑީކާޑު، ޕާސްޕޯޓް ނުވަތަ އުފަންދުވަހުގެ ސެޓިފިކެޓުގެ އަސްލު ގެނައުމުން ކަމަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް މާލެއިން އެކަނިވެސް ވަނީ ދެލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ. އެގޮތުން ފިތުރު ޒަކާތް ދެއްކުމަށް ދިރާގު އުރީދޫ އަދި ބީއެމްއެލުން ހުޅުވާލި ފުރުސަތުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ. ނަމަވެސް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ މަރުކަޒުތަކުން އެފުރުސަތު މާދަމާ އެކެއް ޖެހުމާ ހަމައަށް އޮންނާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...