ނ.ލަންދޫ އަކީ މަދިރި ކޮންޓްރޯލް ކުރެވިފައިވާ ސާފުޠާހިރު ރައްޔިތަކު އުޅޭ ރަށެއްކަމުގައި ހެދުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށައިގެން ކުރިޔަށް ގެންދަން ފަށައިފިއެވެ.
ލަންދޫ ހެލްތް ސެންޓަރުން އިސްނަންގަވައިގެން ފެށި މި މަސައްކަތުގައި މިހާރުވަނީ މިކަމަށްޓަކައި ޚާއްޞަ ކޮމެޓީއެއް އެކުލަވާލައި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުންވެސް ބާއްވައިފައެވެ.
ލަންދޫ ހެލްތު ސެންޓަރުގެ މެނޭޖަރ އަލްފާޟިލް ޖައުފަރު ރަޝީދު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި ލަންދޫގެ ހުރިހާ މުއައްސަސާތަކުގެ ވެރިންވަނީ ބައިވެރިވެލައްވާފައެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ކުރިޔަށްގޮސްފައިވަނީ މަދިިރި ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުން މަޝްވަރާކުރެއްވުމާއި އަދި ލަންދޫގައި ކުނި މެނޭޖްކޮށް ލަންދޫއަކީ ސާފުޠާހިރު ރައްޔިތަކު ދިރިއުޅޭ ރަށެއްގެގޮތުގައި ހެދުމަށް ކުރެވިދާނެ މަސައްކަތްތަކާއިބެހޭ ގޮތުންނެވެ.
އެގޮތުން މިބައްދަލުވުމުގައި އެފަދަ ކަންކަން ކުރެވިދާނެ ހަރުދަނާ އުސޫލެއް (ޤާނޫނެއް) ހެދުމަށްވަނީ މަޝްވަރާކުރެވިފައެވެ. އަދި މިހާރުވެސް ލަންދޫގައި ހުރި ނުސާފުކަމަށްބެލެވޭ ގެތަކުގެ ވެރިންގެ ސަމާލުކަމަށް އެކަންކަން ގެނެސް ޢާންމުން ދިރިއުޅޭ ގޯތިގެދޮރަކީ ސާފުޠާހިރުތަނެއްކަމުގައި ހެދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްވަނީ ނިންމަވާފައެވެ.
މިފަދަ ކަންކަން ކުރުމަށް ހުރިހާ މުއައްސަސާއެއްގެވެސް އެއްބާރުލުން ބޭނުންވާނެކަމަށް އިއްޔެގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންވެސްވަނީ ފާހަގަ ކުރައްވާފައެވެ.
މީހުން ދިރިއުޅޭ ގެތަކަށް ކޮންމެ މަހަކުވެސް އެކި ދުވަސްމަތިން ޒިޔާރަތްކޮށް ދިރިއުޅުމުގެ ސާފުޠާހިރުކަން ބަލާ، ނުސާފުކަމަށް ބެލެވޭނަމަ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް މި ބައްދަލުވުމުގައިވަނީ މަޝްވަރާ ކުރެވިފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...