އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
ޖާބިރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައެއްގައި ވަނީ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 5000 ރުފިޔާއިން 10000 ރުފިޔާއަށް ބޮޑުކުރުމަށެވެ.
އަދި އޭގެ އިތުރުން އެކަނިވެރިމައިންނަށް ދޭފައިސާވެސް އިތުރުކޮށް އެކަނިވެރި ބަފައިންނަށް ވެސް އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓާ މީހުންނަށް އިނާޔަތް ދޭން ވެސް ޖާބިރު ހުށަހަޅުއްވައިފައިވެއެވެ.
އެގޮތުން އެކަނި ދަރިން ބަލަހައްޓާ މައިންނަށާއި، ބަފައިންނަށާއި އެހީތެރިކަމެއް ނެތި، ކުދިން ބަލަހައްޓައިދޭ މީހުންނަށް ދޭން ހުށަހެޅީ 7،500ރ. އެވެ. އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މިހާރު ދެމުން އަންނަނީ 2،000ރ. އެވެ.
ޖާބިރު ވިދާޅުވީ އެގޮތަށް އޭނާ މަޖްލީހަށް ހުށަހެޅުއްވީ އާއިލާތައް ރޫޅި ކުދިންނާއި މައިންނަށް ލިބެމުން އަންނަ ދަތި އުނދަގޫ ކަންކަމުން އަރައިގަނެވި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަކީ ގަދަރުވެރިކަމާއި ފުދުންތެރިކަމާ އެކު މުޖުތަމައުގައި ދިރިއުޅޭ ބަޔަކަށް ހަދައި އެ މީހުންނަށް ހުރިހާ މާނައެއްގައި ވެސް އުފާވެރި މުޖުތުމައުއެއް ބިނާކުރުމަށް އެހީތެރިވެ ދިނުމަށް ބޭނުންވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...