ނާނު އަރާފަނި ޖިންނި!

އަރާފަނި ޖިންނި!

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

(ނުވަވަނަ ބައި)

ހަންޑި ކަތީބުގެ ތިންވެރިން ގުޅަޔަކަށް ވަތައްވެއްޓިފައި ތިބުމަށްފަހު ތެދުވެއްޖެއެވެ. ތިންމީހުންވެސް މޫނުން ފެންފޮހެލުމަށްފަހު އެބުރި އުޑުމައްޗަށް ބަލަލިއިރު ވިއްސާރާގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. މިހާހިސާބުން ހަންޑި ކަތީބު ހަމަބުއްދިއަށް އަތުވެއްޖެއެވެ. އަދި ހިނގާދިޔަ ކަންތަށްތަކުގެ އަސަރެއް އެއްވެސް ދިމާލަކުން ފެންނާކަށްނެތެވެ. އަދި މުޑަހަނދި ބާނަން ކަނޑަށް ދޫކުރި ނަނުވެސް ހަމަ އޮތްގޮތަށް އެއޮތީ މޫދުގައެވެ.

ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ބަޑި ހުސޭނާއި، މާލި އަލީގެ ދެވެރިން އިށީންދެ އެތިބީ ދަތްދޮޅީގައި އަތްވިއްދާލާގެން އެއްވެސް އެއްޗެއް އަޑުހަރުކޮށް ބުނަންކެރޭ ވަރައްވުރެ މާ ބިރުންނެވެ. ވައިއަޑުން ހުސޭނު ބުނެފިއެވެ. އައްޔާއެވެ. މިވީ ކިހިނެއްހޭ! އަލީބުނެފިއެވެ. މިކަމަކީ ހޮނިހިރު ވިލޭރޭ ފަރުމުލި ކަނޑަވަޅީގެ އާންމު ކަމެކެވެ. އެކަމަކު މިރޭ މިދިމާވި ކަންތައްގަނޑަކީ “ކަނޑުމަތި އެޅުމޭ” ބުނެވޭކަށްވެސް ނެތެވެ. ވާނީވެސް އެހެން ނޫންހޭ! މީދަ ހަންޑިކަތީބު ހިތްފުރޭގޮތެއް ނުވިއްޔާއެވެ. ރަށަޢްދާންވީވަގުތު އަނެއްކާ މުޑަހަދި ބާނަން ވެއްޖެއެވެ. ހަންޑި ކަތީބު އިނީ އަލީމެން ދައްކާ ވާހަކަ އަޑުނީވޭ ކަމަށް ހަދާގެން ލަންދޫ ވަލުގޯއްޗާ ދިމާލަށް އެނބުރިއެވެ.

ރޭގަނޑުގެ މެމްދަން ވުމުން ތަރިތަކުގެ ވިދުން ޖައްވަށް ވެރިވުމާއިއެކު” ކަނޑު ނޫކުލައިގެ”އަނދިރިކަން ޖައްވުގެ ތެރެއިން އެދަނީ ފަނޑުވަމުންނެވެ. އަނދިރީގެ ތެރެއިން ނ.ލަންދޫ ވަލުގޯތި ބިއްދޮށުގައި ހުރި ބެރަބެދި ގަހުގެ ތެރެއިން މައްޗައް އަރާގެން އެހެރަދާ އަލިގަނޑު ގަހާތަރީގެ ތެރެއަށްވަދެ އެ އޮބާލަނީއެވެ. މި މަންޒަރު ފެނުމުން ހަންޑި ކަތީބު އިނީ ބިރުން ގުޑާލަންވެސް ނުކެރިއެވެ.

ކުޑަހިނދުކޮޅެއް ފަހެވެ. ހަންޑި ކަތީބު އިނީ މި ހިނގާދިޔަ ކަންތަށްތަކާއި މެދު ދެފައި ވަތައްބާލާގެން ތުބުޅީގައި ހިފައިލާގެންނެވެ. އަވަހަށް ރަށައް ދިއުމަށް ދަތުރު ފައްޓާކަށް ތިންވެރިން ހިތަކަށްވެސް ނާރައެވެ. ހަންޑި ކަތީބުގެ ދެލޯ ހުއްޓިފައި އެހެރީ ލަންދޫ ވަލުގޯތި ގޮޑުދޮށުން މޫދަށް ބާލަމުން އެދާ ބޮއްކުރާގައި ދިއްލާފައި އެހެރަ ” ވޮއް” ތަކަށެވެ. އެ އަލިކޮޅުތަށް އެންމެ ވައްތަރީ މައުލޫދު ހަރުގޭގައި ދިއްލާ ބިގަރު ތަކަކާއެވެ.

ހަންޑި ކަތީބުގެ ތިންވެރިން ބަލަހައްޓާގެން ތިއްބާ މުޅި ސަރަހައްދު އެދިޔައީ އަލިވެގެންނެވެ. އަހާ ސަހަރޯއެވެ. އިރު އުތުރު “ގަހާ”އިންނާއި، އިރު ދެކުނު “ފެހުނުން” އެ އަންނަ ޖިންނީންގެ ބައިގަނޑު މަޑުދުވެލީގައި އައިސް އެ ތިރިކުރަނީ ރާސްފިނޮޅަށާއި ފަރުމުއްޔަށެވެ.

ލޯ ހީވަނީ ތަރަތަރަ ޖަހާގެން ހިނގާދާނެ ހެންނެވެ. ފަރުމުލީގެ ހުރިހާ ގަސްތަކެއްގެ ކުރީގައި އެވަނީ “ކާޅުވޮށް” ދިއްލިފައެވެ. އަދި ފަރުމައްޗަށާއި، ގޮނޑުދޮށަށް ޖަހަމުންއައި ހުރިހާ ރާޅެއްގެ ފޮނުކޮޅުގެ މަތީގައި އެވަނީ ވޮއް ދިއްލިފައެވެ. އަދި ކަނޑަވަޅީގެ ފަރުމުއްޔާވީ ފަލީގައި ދުއްވަމުން އެގެންދާ ކުދި ފަންސީ ބޯޓުތަކުން އެސަރަހައްދު ވަނީ ހިނިދަރުގަނޑަކުން ހިނި އުތުރޭހެން ފުރާލާފައެވެ. 

ހިނގާދިޔަ ކަންތައްތަކުގެ ހަގީގަތް ހަންޑި ކަތީބުގެ ތިންވެރިންނަށް ކޮންމެސް ވަރަކަށް ފަހުމު ވުމާއިއެކު ބިރުވެރިކަން އެއްގޯސް ވެފައި ވީނަމަވެސް ލަންދޫ ވަލުގޯތިން ފުރާގެން އަންނަ ” ކާޅުވޮށް” ބޮއްކުރާ އައިލެއް ބާރުކަމުން ހަންޑި ކަތީބުމެން ތިބި ޖަހާދޯނި ބަންޑުން ޖަހާނުލީ ހަމަކިރިޔައެވެ. ކުއްލިއަކަށް ހިނގަމުން މިދާ ކަންތައްގަނޑާއިހެދި ހަންޑި ކަތީބުގެ ތިންވެރިން އަނެއްކާ ބިރުން ތުރުތުރުލާގަނެ ދުލައްއައިހާ ހިޔޮއެއްޗެއް ކިޔަން ފަށައިފިއެވެ.

މިވަގުތު މުޅިސަރަހައްދުގެ ހާލަތު ބަދަލުވެފައި ވާގޮތުން ރަށައްދިއުމަށް ޖަހާދޯނީގެ ފަލިވަޅެއް އެޅުމަށްޓަކައި މޫދަށް ފަލި ލެވޭނެ އެއްވެސް މަގެއް ހަންޑިކަތީބަކަށް ނުފެނުނެވެ. ކުދިންނޭވޭ އެވެސް މަރޭ މިވެސް މަރޭ ސަރަހައްދުގެ މާލައުލު ރަނގަޅު ވަންދެން އެނގޭހާ ހިޔޮއެއްޗެއް ކިޔަކިޔަ ތިބެމާ ހިނގާށެވެ. މުނާޖާ ގޮވުމާ ހަމައަށް މިވެރިން މިމަސައްކަތް ނުނިންމާ ކުރިއަށް ގެންދާނެއެވެ. މިވަގުތު އަހަރުމެންނަކަށް މާބޮޑު އުނދަގުލެއް ނުކުރެއެއް ނޫންހޭ!

ކުރިމަތިން ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ މިޔުޒިކީ ހަރަކާތުގެ އަޑުތަކާއި ޖައްވުގައި އެކުލެވިގެންވާ މީރުވަހުން ހަންޑި ކަތީބުމެންގެ ތިންވެރިން ތިބީ އަންތަރީސްވެ ތަލިން ކުޅުހިކި އާސޯޙު ވެފައެވެ.

ހަންޑި ކަތީބު ދަތްދޮޅީގައި އަތްވިއްދާލާގެން ވިސްނަން އިނުމަށްފަހު ހިތާހިތާ އެސުވާލު ކުރެވެނީ! ނޫނޭވާ ﷲ ސުބުހާނުހޫ ވަތަޢާލާ ރީތި ސޫރާގައި ހައްދަވާފައި ތިބި ޖިންނީން މިކައުނުގެ ތެރޭގައި އެބަތިބިތާއެވެ. މި ހިނގާދާ ކަންކަމަކީ އިންސާނުންގެ ލޮލުން ބެލުމަށް ކުޅަދާނަ ވެގެންވާނެ މަންޒަރު ތަކެއްނޫނެވެ. އަދި ފެނިގެން އެދިޔަ ރީތީގެ ރާނީން ތަކަކީ ބަލާފޫހި ނުވާނެފަދަ ރީތިކަމެއް ލިބިގެންވާ ހޫރުޕަރީންފަދަ ބައެކެވެ. ހަމަ ޔަޤީނުންވެސް މި ރެއަކީ ފަރުމުލީގެ ބޮޑުރެއެވެ.

ހަންޑި ކަތީބު ވިސްނުމުގެ ތެރެއަށް ގެއްލިފައި އިންދާ ހަމަބުއްދިއަށް އެގެނައީ ބަޑި ހުސޭނުމެންގެ ދެވެރިންނެވެ. ކަތީބާއެވެ. ހީވަނީ ފަޖުރުލާން ކައިރިވަނީ ހެންނެވެ. ޖިންނީންގެ ހަރަކާތުގެ އަލިކަން ފަޑުވެ ގުދުރަތުގެ އާންމު އުސޫލަށް އުޑުގެ ކުލަވަރު ބަދަލުވެ މިހާރު ފަޖުރުތަރި އެރުމަށް އުދަރެސް އެދަނީ ދޮންވަމުންނެވެ. އަވަހަށް ރަށައްދަމާ ހިނގާށެވެ.

ކަތީބާއެވެ! ފަޖުރުތަރި އަރާތަން ދުވަހަކުވެސް ދުށީމުހޭ! ނޫނެކޭ ނުދެކެމެވެ. ހަންޑި ކަތީބު ބުނެފިއެވެ. އެކަމަކު ފަޖުރުތަރި އަރާމަންޒަރު ބެލުމަށް ވަރައްގިނަރޭ މަސައްކަތް ކޮށްފީމެވެ. ކޮންމެ ރެއަކުވެސް ވިލާފޮއްޗެއް ހުރަސްވާތީ ފެންނަ ގޮތެއް ނުވެއެވެ. މިރޭ ފެންނާނެތާއެވެ.

ހަންޑި ކަތީބުއިނީ ކަޅިޖަހާނުލާ “އިރުފެހުނަށް” ބަލަހައްޓާގެންނެވެ. ފަޖުރުތަރި ދަމަކަށް އެރުމަށްފަހު ހަމަ އެރިގޮތަށް އެދިޔައީ ފެނުގެ ތެރެއަށް ފައިބާގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަނެއްކާ ފަޖުރުތަރި އެއަންނަނީ އަރާގެންނެވެ. ބަޑިހުސޭނު ބުނެފިއެވެ. ކަތީބާއެވެ. ފެނިއްޖެ ނޫންހޭ! ފަޖުރުތަރިއަކީ ތިންފަހަރު އަރާތަރިއެކެވެ.

ހަންޑި ކަތީބުމެންގެ ތިންވެރިން ތިބީ މޫދައްލާފަ ނެގި ކަނބިލި ގަނޑެއްހެން ތެމިފޯވެފައެވެ. މަޑުދުވެލީގައި ފަލިޖަހަމުން އައިސް ހަންޑި ކަތީބުމެން ލަންދޫ ބޮޑު އަތިރި މައްޗަށް ލެފިއިރު ކަތީބު އަލީ ހުރީ ފަތިސް ނަމާދުކޮށްގެން އައިސް ހަންޑިކަތީބުމެންގެ އިންތިޒާރުގައި އަތިރި މަތީގައެވެ. ހިނގާ މިދިޔަ ކަންތައް ތަކުގެ ވާހަކަ ކަތީބު އަލީ ކައިރީގައި ދެއްކުމުގެ ކުރިން، ކަތީބުއަލީ ފައިބުޑަށް އެއްލި ކަށިތުނބީގެ ލޯ ބޯލާފައި އޮތްގޮތް ފެނުމުން ކަތީބު އަލީއަށް ޝަހާދަތް އިނގިޅިގައި ދަތްއެލިއްޖެއެވެ. އަދި ތިން މީހުންގެ މޫނަށް ވަކިވަކިން ބަލާލާފިއެވެ.

ކަތިބު އަލީ ހަނުހުރިތަން ފެނުމުން ހަންޑި ކަތީބު ގޮވައިލިއެވެ. ކަތީބާއެވެ. ތިޔަހުރީ ފިސާރި ރަނގަޅުމަހެވެ. ބޭނުންވަރަކަށް ގެންދާށެވެ. ހަންޑި ކަތީބު އަމޭ ބުނެ ދެތިން ގިއުޅާ ހަތަރު ވަރަކަށް ކަށިތުނބި ކަތީބު އަލީގެ ފައިބުޑަށް އެއްލާފިއެވެ. ކަތީބު އަލީ ބުނެފިއެވެ. ލޯއިން މަހެއް ނެތީދޯއެވެ. ސުވާލަށް ޖަވާބުނުދީ ހަންޑި ކަތީބުމެން ތިންވެރިން ހަނުތިބީއެވެ. ކަތީބު އަލީ ކައިރިއަށް އައީ ނުލަފާ ހިންނެކެވެ. ކަތީބާއެވެ. ނަސީބެއްނޫންހޭ! ފަރުމުލީގައި ޖިންނީންގެ ހަރަކާތެއް ހިނގަމުން ދިޔަރެއެއްކަން އެހެން ނޫންނަމަ ތިޔަކަން ތިގޮތަށް ނިމިގެންނެއް ނުދިޔައީހޭ! ކަތީބާއެވެ. މަގުރިބު ނަމާދަށްފަހު ފަލަގި ނާސި ތިންސޫރަތާއި ސަޖިދަ ސޫރަތް ކިޔަވާ ހަތްދުވަސް ވަންދެން މޫނު ފިރުމައްޗެވެ. ހަނދާންކުރާތި އިގޭއެވެ. (އަދި ނުނިމޭ މިއަންނަ ހަފުތާއަށް އިންތިޒާރު ކޮށްލައްވާށެވެ.)

ޓެގް

އަރާފަނިޖިންނި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.