( ދިހަވަނަ ބައި )
ނޯޓް: މިވާހަކާގެ އަސްލަކީ ނ.ލަންދޫ ބޮޑު މައުލޫދަށް ނ.މާޅެންދޫންއައި ކުޑަކުއްޖަކު ޖިންނީންގެ ބަޔަކު ޖަހާގަނެ ވަގައްގެންދިއުމެވެ. އަރާފަނި ޖިންނި ވާހަކާގައި މިހާހިސާބަށް ލިޔެފައިވާ ބައިތަކުގައި ގެނެސްދީފައިވާ ޖިންނީންގެ ހާދިސާ ތަކަކީ ފެށުމުގައި ކޮންމެސް ވަރެއްގެ އަސާސެއް އޮތަސް މުޅިން ކަންހިނގާފައިވާ ގޮތްނޫން ކަމުގައި ބުނަމެވެ. އެކަން އެހެން އޮތަސް މި ވާހަކަ ކިޔާމީހުން، ކިޔާހިތްވާގޮތަށް ގެނެސް ދިނުމަށްޓަކައި ޖިންނީންގެ ބައެއް ބައިތަކަކީ އިންތިހާއަށް ފޮނިތޮށި ކާފޫރުތޮޅި އަޅާފައިވާ ބައިތަކެއް ކަމުގައި ބުނަމެވެ.
އަރާފަނި ޖިންނި ވާހަކައިގެ މިހާހިސާބުން ” ދެން މި ގެނެސްދޭ ބައިގާ” މި ލިޔަނީ މިކަން ( އުމްބައޯ ވަގައްނެގުން) މި ހާދިސާ ހިނގާފައިވާ ގޮތްކަމަށް އަޅުގަނޑު ހޯދިހޯދުން ތަކުން، މި ވާހަކައަށް މައުލޫމަތު ދެއްވި އެތައް ބޭފުޅުންނެއްގެ ތެރެއިން އެންމެ ސައްހަކޮށް މިވާހަ ކިޔާދެއްވިކަމަށް އަލުގަނޑަށް ގަބޫލު ކުރެވުނު ނ.ލަންދޫ ދިލްބަހާރުގޭ ސޯލިމްބެގެ ފާތުން ދައިތައާއި، އަދި މުދިންހަސަނުގެ ދަޢޫދުބެ ކިޔާދެއްވި ވާހަކަތަށް އަސްލަކަށް ބަލާގެންނެވެ.
ސަބަބަކީ ދާއޫދުބޭގެ ދެމަފިރި ކަނބަލުންނަކީ އުންބައޯ ހޯދުމުގައި އެރޭ މަސައްކަތް ކުރެއްވި ދެމީހުންނަށް ވެފައި އަދި މި ދެމަފިރިން ދިރިއުޅޭ ގެ ހުންނަ ސަރަހައްދަކީ ޖިންނީން އުމްބައޯ ޖަހާގަނެގެން ގެންދިޔަ ސަރަހައްދު ކަމުގައި ވުމެވެ.
މި ވާހަކަތަށް އަލުގަނޑު ކުޑައިރު ކިޔާދެއްވި އަނެއްމީހަކީ އަޅުގަނޑުގެ މާމަ އަލްމަރުހުމާ އަތްހަ ދައިތައެވެ. އަލުގަނޑަށް އެނގިފައިވާ މައުލޫމާތު ކުއްކަމުގައި ނުވާނަމަ އަތްހަ ދައިތައަކީ އުމްބައޯގެ ބޮޑު ދައިތައެވެ. މިވަގުތު އަތްހަ ދައިތަ ދުނިޔޭގައި ނެތުމުންނާއި، އަދި މާމަ އަލުގަނޑަށް ކިޔާދެއްވި މިކަމާއި ގުޅުންހުރި ގިނަވާހަކަތަށް ސައްހަ ކުރެވޭވަރަށް ހަނދާން ނެތުމުން، މިވާހަކަ ލިޔުމުގައި އަސްލަކަށް ބެލިފައި ވާނީ ނ.މާޅެންދޫ ތެރެއިން ލިބުނު ބައެއް ވާހަކަތަކާއި، ލަންދޫ ތެރެއިން ލިބުނު ގިނަ މައުލޫމާތުގެ މައްޗަށެވެ. ޝުކުރިއްޔާ!
ނ.ލަންދޫ ބޮޑު މައުލޫދު ފެއްޓުން!
ނ.ލަންދޫ ބޮޑުމައުލޫދަށް އެކިރައްރަށުން އައި މީސްމީހުނގެ ތެރެއިން ރައްޓެހި ރަހުމަތްތެރިން ނެތްމީހުން، އެމީހުންނަށް ހަމަޖެހިފައިވާ ގެތަކަށް ގެންގޮސް ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ސޯލިމްބެ އެ އިށީންނަނީ މަޑިސީލަ ހިފައިގެން ހޮޅުއަށީގެ ހުޅަނގު ކޮޅުގައެވެ. ދުފަން ބޭނުންވާ ހުރިހާމީހުން ސޯލިމްބެ ވަށާލާފިއެވެ.
ހަންޑިކަތީބު އެތަނަށް އައުމާއި އެކު ދުފުންގަނޑު ބަދަލުވެގެން އެދިޔައީ ރައްޔިތުންގެ ބޮޑު ޖަލުސާ އަކަށެވެ. މިހާހިސާބުން ބޮޑު މައުލޫދައް ” ބޮޑުބާރަ މީހުންގެ” ހާއްސަ ބައްދަލުވުމުގެ ރިއާސަތާ ހަންޑި ކަތީބު ހަވާލު ވެއްޖެއެވެ. އަރާފަނީގެ ހުރިހާ ކަމެއް ނިންމުމަށްފަހު އެކިރައްރަށުން ބޮޑު މައުލޫދައް ގެނައި ދޮންކިޔޮ ތަކުގެ ތެރެއިން މަގުތަކުގެ ކަންމަތި ތަކުގައި އެލުވުމަށް ނިންމާފައިވާ ދޮންކިޔޮ ގަޑުތައް އެލުވުމުގެ މަސައްކަތައް ދާނެމީހުން ހަމަޖެއްސުމަށްފަހު ބަކީތިބި ހުރިހާ މީހުން ބޮޑު މައުލޫދު ހަރުގޭގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަށް ފޮނުވާލާފިއެވެ.
އަރާފަނި ހަރުގޭން ނުކުމެ އުންބައޯ ގޮވައިގެން އާމިންދައިތަ އެ ހިނގާގަތީ އާމިންދައިތަގެ ބޮޑު ރައްޓެހިމީހާގެ ގެއަށް ދިއުމަށެވެ. އާމިންދައިތަގެ ފަހަތުން ބާރައްހިނގާފައި އައި މީހަކު އެއްޔޭ ގޮވާލިއަޑަށް ބަލާލިއިރު ރަތްހެދުމެއް ލައިފަހުރި އަންހެނަކު ވަރައްބާރަށް ހިނގާފައި ކުރިއަށްދެއެވެ. އާމިންދާތައަށް އެމީހާގެ މޫނު ފެންނަ ގޮތެއްނުވިއެވެ. ވައިރޯލިއެއްހެން އެމީހާ ހިނގާ ކުރިއަށްގޮސް އޮބަލާފިއެވެ.
މި ހާދިސާއަކީ ޖިންނީން އުމްބައޯ ވަގައް ޖަހާގަތުމުގެ ފެށުން ކަމުގައި ބެލެވިދާނެ ކަމަށް ގަބޫލް ކުރެވޭނެ ހާދިސާއެކެވެ. ތަފާތު މީސްމީހުނގެ ފުށުން އެނގިފައިވާ ގޮތުގައި މިހާދިސާއަކީ އުމްބައޯ ވަގައްނެގުމުގެ ފެށުން ކަމުގައި ގަބޫލް ކުރެވެއެވެ.
އުމްބައޯ ގޮވައިގެން އަމިންދައިތަ ދިޔައީ ކޮންގެއަކައްކަން ޔަގީން ނުކުރެވުނަސް މި ވާހަކައަށް މައުލޫމާތުދިން ގިނަ ބޭބެފުޅުން އެއްބަސްވެ ލައްވާ ގެއަކީ ރޯޝަނީގެއެވެ. އަދި މި މައުލޫމާތުދިން ގިނަބޭފުޅުން ބުނުއްވާ ގޮތުންނަމަ މުދިންކަލޭގެ ގެއެވެ.
އުންބައޯއަކީ އާންމުކޮށް ދޭތެރެ ދޭރެއިން ލަންދޫ އަށް ގެންނަ ކުއްޖަކަށް ވުމުން ރޯޝަނީގެ ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ކުދިންނާއި، މީހުންނަކީ އުމްބައޯގެ ގާތް އެކުވެރި އަދި ރަހުމަތްތެރިންނެވެ. އުންބައޯ ދިއުމާއި އެކު ހުރިހާ ރައްޓެހިކުދިން އުމްބައޯ ވަށާލުމަށްފަހު ނާށިތަކުގައި މައުލޫދަޢް ކައްކަން ފަށައިފިއެވެ.
ދުވަހަކީ އާދަޔާ ހީލާފަށް އުޑުމަތިރީތި ވިލާރޮއްޖެއްވެސް ފެންނަން ނެތް ދުވަހެކެވެ. ގުދުރަތުގެ އުސޫލުން ދުވަހުގެ ވާޖިބު އަދާކުރުމަށްފަހު އިރު ދަތުރު ކުރަމުން އެދަނީ އިރުއޮސް ފުހޭ ދިމާލަށެވެ. މިހާރު ގަޑިން އަސުރައް ގޮވަން ކައިރިވަނީއެވެ.
ލަންދޫ ބޮޑު މައުލޫދައް ދައުވަތު ދީގެން އެކިރައްރަށުން މައުލޫދައް އައިސް ތިބި ހުރިހާ މީހުންނަށް ހަދިޔާ ދިނުމަށާއި ” މައުލޫދު ކޭމުގެ” މަތީގައި ބޭއްވުމަށް ރޮށިގަނޑު ހިލުމުގެ މަސައްކަތް މުޅިރަށުގެ ހުރިހާ މަގެއްގާހެން މިހާރު އެދަނީ ކުރެވެމުންނެވެ.
ދުވަހުގެ އަސުރައް އިރު އަނބުރާލުމާއި އެކު ރަށުތެރެއަށް އަރާގެން ގޮސްފައިވާ މާމެލާމެލީގެ ތާޒާ މީރުވަސް ބަދަލުވެފައި އެވަނީ މިރޭ އޮންނަ ބޮޑު މައުލޫދަށް ނ.ލަންދޫ ރައްޔިތު އަންހެނުން ކައްކަމުންދާ ރޯސްކުރި ކުކުޅާއި، ވަޅޯމަހުގެ ހިންދިމަހާއި. ބޮނޑިބަތާއި، އަދި ދިރިފިޔާ ބިސްގަނޑުގެ ވަހުންނެވެ.
ލަންދޫ ރައްޔިތުން ބޮޑު މައުލޫދަށް ކައްކަމުން ގެންދާ ކާތަކެތީގެ ހިތްގައިމު މީރުރަހަ ނޯށައް އިހުސާސް ވުމުން ކުޅުދިޔާނުވާ ކުދި ބޮޑު އެއްވެސް މީހަކު މިވަގުތަކު ލަންދުވަކު ނެތެވެ. ނ.ލަންދޫ އަންހެން ކަނބަލުންނަކީ ޒަމާނުންސުރެ ދިވެހިވަންތަ ކެއްކުންތަކަށް މުޅި ދިވެހިރާއްޖެއަށް މަސްހޫރު ވިސާރި ކަނބަލުން ދިރިއުޅެމުން ގެންދާ ރަށެކެވެ.
މައުލޫދު ހަރުގެ ތައްޔާރު ކުރުމުގެ އެންމެހާ ކަންތައްތަށް ފޭވިފައިވާގޮތަށް ކުރިއަށްދޭތޯ ބެލުމަށްޓަކައި ހަންޑި ކަތީބާއި، ސޯލިމްބެ އަދި ބޮޑުކަފާލި ބޭބެ އެ އިނީ މަޑިސީލަ ހުޅުވާލާގެން ފޮށާ ކޮނޑައް އެއްލާގެން މައުލުދުގެ ފުރަތަމަ ދަންފަލި ކުރިއަށް ގެންދިއުމަށްޓަކަޢި ތައްޔާރު ކުރެވިފައިވާ މޭޒުގެ ކައިރީގައި އިށީންދެ ގެންނެވެ.
މައުލޫދު ކިޔަމުންދާ ވަގުތުތަކުގައި ދުންއެޅުމަށްޓަކައި ތައްޔާރު ކޮށްފައިވާ ދުން މުޖުމަރާއަށް ދުންއެޅުމަޢްޓަކައި ގެނެސްފައިވާ ބަބުރު ކެލަޔާއި، ކަނަހަނދުނާއި، ސަމަރާނީ ތަކުގެ ކޮލިޓީ ބެލުމަށްޓަކައި ހަންޑި ކަތީބުގެ ތިންވެރިން އެތިބީ އަވަދިނެތި ފައި ވައްކޮށްލާގެންނެވެ.
ސޯލިމްބެ ބުނަމުން ގެންދިޔައެވެ. ބޮޑުކަފާއްޔާއެވެ. ސަތޭކަ ފަނަރަ” ކޭން” ކައިރީގައި ފައްސަތޭކަ ހަތްދިހަ ފަސްމީހުންނަށް، ކޭމެއްގައި ފަސްމީހުން ހިމެނޭގޮތައް ސަކޭގާ ކޮއްލެވޭ ވަރުގެ ޖާގަ ހަރުގެ ތެރެގައި އެބައޮތް ދޯއެވެ. ބޮޑުކަފާލިބޭބެ އާއެކޭ ބުނެ ބޯޖަހަލިއެވެ. ބޮޑު މައުލޫދު ހަރުގެ ހަދާފައިވަނީ ލަންދޫ މަދުރަސާ އާއި މަދުރަސާގެ ގޯތިތެރެ ހިމެނޭ ސަރަހައްދު އެއްކޮށެވެ.
އަސުރައް އިރުއަނބުރާލުމާއި އެކު ނ.ލަންދޫގެ ގޭގޭގެ އަސްކަނި ދަށުގައި އަސުރައް ފޮލިފައިވާ އަސުރުމާ ތަކެއްހެން ނ.ލަންދޫ ބޮޑު މައުލޫދަޢް އެކިރައްރަށުން އައިސްތިބި ތަފާތު އުމުރުފުރާގެ މީހުންނާއި ކުދިންތައް އީދު ހެދުން އަޅާގެން ނުކުމެ ލަންދޫގެ ބޮޑެތި މަގުތަކުގައި އެދަނީ ހިނގާ،ބިނގާ ވަމުންނެވެ. އަދި ނ.ލަންދުވަކީ ޒަމާނުންސުރެ މެހުމާނު ދާރީއަށް ހާއްސަ ރަށަކަށް ވުމުން، މި ވެރިންނަށްޓަކައި މަގުތަކުގެ ކަންމަތި ތަކުގައި ބަހައްޓާފައިހުރި ދޮންކިޔޮ ގަނޑުތަކަށް އިންސާފު ކުރުމުގެ ކަންތައްތައްވެސް ކުރިއަށް ދެއެވެ.
އުމްބައޯ މަޑުކޮށްލާގެން އެހެރީ ބަހާރުގެ ދޮރުމަތީގައެވެ. އުމްބައޯ ވާތަށް އެނބުރި ބަލާލީ ދަރިފުޅާއޭ މީހަކު ގޮވާލި އަޑަށެ. އުމްބައޯ ބަލާލިއިރު ސިއްތި ދައިތަ އެހެރީ އުމްބައޯ ކުރިމަތީގައެވެ. ދަރިފުޅައޭ ބުނުމައްފަހު ސިއްތިދައިތަ އުމްބައޯ އަތަށް އެދިއްކޮށްލީ ބޮނޑިބަތް ނާއްޓެކެވެ. އުމްބައޯ ބޮލުގައި ފިރުމާލުމަށްފަހު ސިއްތި ދައިތަ، އަދި އަންނާނަމޭ ބުނެ އައިކޮޅަށް އެނބުރި ނަގޫރޯޅިއެއްހެން އެ ދިޔައީއެވެ.
އާމިންދައިތަ ނާއްޓަކަށް ބޮނޑިބަތް އެޅުމައްފަހު ބޮނޑިބަތްނާށި ބަދިގޭގައި ބަހައްޓާފަ އުމްބައޯ ކޮބާތޯ ބަލަލިއިރު އުންބައޯ އަތުގައި ބޮނޑިބަތްނާށި އެބައޮތެވެ. އާމިންދާތަ ހީކުރީ އުމްބައޯ ބޮނޑިބަތް ނާށި ހިފައިގެން އާމިންދައިތައަށްވުރެ ކުރިން ގޭގެ ދޮރުމައްޗަށް ނިކުމެ ހުރީކަމަށެވެ.
ބޮނޑިބަތް ނާށީގެ ހާދިސާއަކީ ހިނގާފައިވާ ކަމެއްކަމަށް ގަބޫލް ކުރެވޭ ވަރައް ދެމީހަކު ކިޔާދީފައިވާތީ، އަދި ޖިންނި ސައިތޯނުންގެ ހަރަކާތް ރުޣިއްޔާ ކުރުމުގެ ތެރެއިން ޝައްކެއްނެތް މިންވަރަށް ބައެއް ފަހަރު ސާފުކުރެވޭތީ މިފަދަ ކަމެއް ހިނގުމުގައި، އެކަމަކީ ޖިންނީން ބޭނުންކޮށްފާނެ އުކުޅެއް ކަމުގައި ގަބޫލް ކުރެވޭތީ މިހާދިސާ މި ވާހަކައިގަ މި ހިމެނީއެވެ. ( އަދި ނުނިމޭ! އަންނަ ހަފުތާއަށް އިންތިޒާރު ކޮށްލައްވާ!)
ކޮމެންޓް (0)
ލޯޑް ކުރަމުން...