ޚަބަރު ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރަން ރައްޔިތުންނަށް ފެނޭތޯ ޚިޔާލަށް ހުޅުވާލައިފި

ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރަން ރައްޔިތުންނަށް ފެނޭތޯ ޚިޔާލަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރުމަށާއި، ކައުންސިލްތަކުގެ ތެއްތިރީސް އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހްތަކަށް ޢާންމުގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މިމަހުގެ ދިހަވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް މަޖްލިސުން އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ޢާންމުކޮށްފައިވާ އިޢުލާނެއްގައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިޞްލާޙުތަކަށް ރައްޔިތުންނަށް ފެންނަ ޚިޔާލުތައް ހުށަހެޅުމަށް އެދޭކަމަށެވެ.

ސަރުކާރުން ހުށަހަޅުއްވާ އިސްލާޙްތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިޚާބު ކުރާގޮތަށްވެސް ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާހުތަކުގައިވެއެވެ.

މީގެ އިތުރުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުގެ ފަހެއް އިންސައްތަ ކައުންސިލްތަކަށް ދިނުމަށާއި، ރަށްރަށާއި ފަޅުތަކާއި ރަށުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ކަންކަމުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭ އާމްދަނީއަކަށް ހެދުމަށްވެސް ބިލުގައި ސަރުކާރުން ހިމަނާފައިވެއެވެ. އަދި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުންވެސް ލާމަރުކަޒީ ޤާނޫނަށް ގެންނަ އިޞްލާޙުތަކުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލް މިހާރު އޮތީ ދިރާސާކުރުމަށް ކޮމިޓީ މަރުހަލާގައެވެ. މިބިލުގެ ކޮމިޓީ މަސައްކަތް ނިންމާ މިމަހުގެ 9 ވަނަ ދުވަހު ތަޅުމަށް ހުށަހެޅޭވަރަށް ކޮމިޓީން މަސައްކަތްކުރުމަށް މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި މި އިޞްލާހުތައް ދިރާސާކޮށް މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ފާސްކުރުމަކީ އަމާޒެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޓެގް

ލޯކަލްގަވަރމެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.