ޚަބަރު މަހަށް ނުކުމެ ދޮށިއަޅަން ހުއްޓައި ލަންދޫމީހާ ނިޔާވީ ހަމަ ކުއްލިގޮތަކަށް

މަހަށް ނުކުމެ ދޮށިއަޅަން ހުއްޓައި ލަންދޫމީހާ ނިޔާވީ ހަމަ ކުއްލިގޮތަކަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މަހަށް ނުކުމެ ކަނދުފަތިން މަސްބާނަމުން ދަނިކޮށް އެއްފަރާތު ފިލާގަނޑުގައި ދޮށިއަޅަން ހުރި ނ.ލަންދޫ ލަކީ މޫސާ ޢަބުދުﷲ (51) އިއްޔެ ނިޔާވީ ހަމަ ކުއްލި ގޮތަކަށެވެ.

ނިޔާވި މޫސަގެ ބޭބެ މުޙައްމަދު ޢަބުދުﷲ ނާރެސް މީޑިއާއަށް އެވާހަކަ ހިއްސާކުރަމުން ބުނީ ކޮއްކޮ ނިޔާވީ އޭނާގެ އަތްދަނޑި މައްޗަށް ކަމަށެވެ.

ކަނދުފަތިން އޭރުދިޔައީ ފޯރީގައި ކަންނެލިބާނަމުން ، އެއް އޮއެމަތި ދިޔުމުން އޮއެމައްޗަށް އަރުވަން އޮޑި އަނބުރާލި ވަގުތު ކޮއްކޮ ބުނީ ގޮތެއް ވާހެން އެބަހީވެއޭ. އެހެންކިޔާފައި މަޑުމަޑުން ފިލާގަނޑު މަތީގައި އީށީއިނީ . އޭރުވެސް ކޮއްކޮ އަތުގައި ދޮށިވެސް އޮތް. ކޮއްކޮއާއި އެންމެ ގާތުގައި ދޮށިއަޅަން ހުރީ އަހަރެން . ދެން އަހަރެން ބުނިން ކީންހޭވަނީ . ކޮއްކޮ އޭގެ ފަހުން އެއްވެސް ވާހަކައެއް ނުދެއްކި . އޭރު އަހަރެން އަތްދަނޑިމައްޗަށް ކޮއްކޮގެ ވާގިދޫވެގެން މަޑުމަޑުން ތިރިވެއްޖެ. ނިޔާވި މޫސަގެ ޢާއިލާގެ އެންމެ ދޮށްޓަށް ހުރި މުޙައްމަދު ކިޔައިދިނެވެ.

ވީގޮތެއް ނޭންގި ކުށްލިއަކަށް އިއްޔެ 3:30 ހާއިރު ނިޔާވި މޫސަ ނިޔާވިއިރު ދޯނީގައި ތިބި އެހެން މަސްވެރިން އޭނައަށް ފަސްޓްއެއިޑްވެސް ދިނެވެ. މޫސަ ނިޔާވިދޯނީގެ ކެޔޮޅު އަލިބެ ބުނީ މޫސާ އަށް އެހެން ވުމުން ދޯނީގެ އެންމެންވެގެން އޭނައަށް ފަސްޓްއެއިޑް ދޭން މަސައްކަތްކުރިކަމަށެވެ. ޕަންޕްވެސް ކުރިން ، ހަށިގަނޑު ތަޅުވައި އެކި ގޮތްގޮތް ހަދައިގެން މޫސަ ހޭ އެރުވޭތޯ ވަރަށް މަސައްކަތްކުރިން. އެކަމަކު ކާމިޔާބުނުވީ. އަލިބެ އަސާރައެކު ކިޔައިދިނެވެ.

މީގެ ދެއަހަރު ކުރިން ލަންދޫން ހަމަ މިފަދަ ގޮތަކަށް އެހެން ދެ މަސްވެރިޔަކުވެސް ވަނީ ޖެހިޖެހިގެން ކަހަލަ ގޮތަކަށް ނިޔާވެފައެވެ. އެ ދެމީހުންވެސް ނިޔާވީ މަސްއައިނުގައި ދޮށިއަޅަން ތިއްބައެވެ. އިއްޔެ ނިޔާވި މޫސަވެސް ނިޔާވީ ހަމަ އެގޮތަށެވެ. ކުރިން ނިޔާވި ދެމީހުން ނިޔާވުމުގައި މަސްވެރިކަމަށް ހަދާ ފަންޑިތައިގެ މައްޗަށް ރަށުގެ ބައެއް ފަރާތްތަކުން ނިސްބަތްކުރިނަމަވެސް އިއްޔެނިޔާވި މޫސަގެ މަރާމެދު އެކަހަލަ އެއްވެސް ވާހަކައެއް އެރަށުގައި އަދި ނުދެކެވެއެވެ.

ކުއްލިމަރަކުން ނިޔާވި މޫސަ މީގެ ދެއަހަރެއްހާ ކުރިން އެތެރެހަށީގެ ބައްޔަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯދިނަމަވެސް މިފަހަކަށް އައިސް އެއްވެސް ވަރަކަށް ބަލިވެ ނޫޅޭކަމަށް ޢާއިލާއިން ބުނެއެވެ. އަދި އިއްޔެ މަހަށް ދިޔައިރުވެސް އެއްވެސްކަހަލަ ވަރުބަލިކަމެއް ވިޔަސް އެފަދަ އެހެންކަމެއްވާ ވާހަކައެއްވެސް އެއްވެސް މީހަކު ގާތު ބުނިކަމެއް އެނިގިފައެއް ނުވެއެވެ.

ކޮންމެއަކަސް މަރުހޫމް މޫސަ މި ފަނާވަނިވި ދުނިޔެދޫކޮށްފައި އެދިޔައީ ދިރިތިބީންނަށް ފިލާވަޅުތަކެއް ދޫކޮށްފައެވެ. ހިނަވައި ކަފުންކޮށް ކަށުނަމާދުކޮށް ޖަނާޒާގެ އެންމެހައި ކަންކަން ފުރިހަމަކުރުމަށްފަހު ރޭ 9:30 ހާއިރު ލަންދޫ ގަބުރުސްތާނުގައި މޫސަގެ ގަބުރު ވަޅުލައިފާވާއިރު މޫސަގެ މަރުން ލިބިދޭ އެންމެ ބޮޑު ޢިބުރަތަކީ ހަމަ ކޮންމެ ވަގުތަކު ކޮންމެ ތާކު ހުއްޓައިވެސް މަރުވެދާނެކަމެވެ.

މަރުޙޫމް މޫސަގެ ފުރާނައަށް ހެޔޮޖަޒާދެއްވައި ސުވަރުގޭގައި ލަހައްޓަވައި، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އާމީން

ޓެގް

މަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.