ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ މީހަކު މަރާލައިފިއެވެ. ފުލުހުން ބުނީ ހުޅުމާލޭގައި ހަމަލާދީ މަރާލާފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާއަކީ ޓެކްސީ ޑްރައިވަރެއް ކަމަށްވެސް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ފައިސާގެ މުޢާމަލާތަކާ ގުޅިގެން މީގެ ހަފްތާއެއްހާ ދުވަސްކުރިން އޭނާއަށް ބަޔަކު އިންޒާރުތަކެއް ދީފާވާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
ފުލުހުން ބުނީ ރޭ 21:07 ހާއިރު ހުޅުމާލޭ ރީތިގަސް މަގުގައި، ޒަހަމްތަކަކާ އެކު އެމީހާ ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުން ވަގުތުން އެތަނަށްގޮސް އެމްބިއުލާންސްގައި އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ ފަރުވާދެމުންދަނިކޮށް ރޭ 21:50ގައިކަމަށް ހުޅުމާލޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މަޢުލޫމާތުދެއެވެ. އަދި އިތުރު ތަހުލީލުތަކެއް ކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް އެމީހާ ގެންދިޔަކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެމީހާ މަރާލައިފައިވަނީ ކަރަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލައިގެންނެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ މިކަން ތަޙްޤީޤު ކުރުމަށް ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ފުލުހުންނާއި ހިއްސާކުރުމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާތީ ހުޅުމާލެއާއި އެއަރޕޯޓަށް ދާ މީހުންނާއި ހުޅުމާލެއާއި އެއަރޕޯޓުން ދާ މީހުންނާއި ވެހިކަލްތައްވެސް ފުލުހުން ބަލާ ފާސްކުރަމުންދާކަމަށެވެ.
އަދި މި ތަޙްޤީޤުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ފޮރެންސިކު ފުލުހުންވެސް ޙަރަކާތްތެރިވަމުން ދާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވަނީ މަރުވި މީހާގެ ފޮޓޯ ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ހިއްސާ ނުކުރުމަށްވެސް އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...