ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސްޕެއިނުން ކުޅުނު ފުރަތަމަ މެޗު ނިންމާލީ، ކްރޮއޭޝިއާގެ މައްޗަށް 1-4 އިން ހޯދި ތަފާތު ބޮޑު މޮޅަކުންނެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ރޮޑްރީ ވަނީ ދުނިޔޭގެ ތަށި ސްޕެއިންގެ ސަޕޯޓަރުންނަށް ދައްކާލައި އުފާފާޅުކޮށްފައެވެ. މި ނަތީޖާއާއެކު ބަލިނުވެ ޖެހިޖެހިގެން 40 މެޗު ހަމަކޮށް، ސްޕެއިނުން ވަނީ އެ ޓީމުގެ ރަން ފޯމު ދަމަހައްޓާފައެވެ.
މެޗުގެ ފުރިހަމަ ކޮންޓްރޯލް ސްޕެއިނުން ހޯދިއިރު، އެންމެ އުއްމީދީ ކުޅުމެއް ފެނުނީ ބެލޮންޑިއޯ އެވޯޑަށް ވާދަކުރަމުންދާ އުމުރުން 19 އަހަރުގެ ޒުވާން ފޯވާޑް ލަމީން ޔަމާލްގެ ފަރާތުންނެވެ. އެންމެ ފަހުން އިންގްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޔަމާލް، މި މެޗު ފެށިގެން އެންމެ 70 ސިކުންތުގެ ތެރޭގައި ވަނީ ހިތްގައިމު ލަނޑެއް ޖަހައި ސްޕެއިނަށް ކުރިހޯދައިދީފައެވެ. އޭގެފަހުން މެޗުގެ 28 ވަނަ މިނެޓުގައި ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ޑިއޮން ބެލްޖޯ ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ސްޕެއިނުން ވަނީ ވަގުތުން ރައްދު ދީފައެވެ.
ކްރޮއޭޝިއާއިން ލަނޑު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޔަމާލް ނަގައިދިން ބޯޅައަކުން މާކް ޕުބިލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި އަނެއްކާވެސް ސްޕެއިނަށް ލީޑު އަނބުރާ ހޯދައިދީފައެވެ. ފުރަތަމަ ހާފުގައި ފާމިން ލޮޕޭޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވި ނަމަވެސް، ދެވަނަ ހާފުގައި ޔަމާލް ވަނީ އޭނާގެ ދެވަނަ ލަނޑާއެކު ސްޕެއިންގެ ތިންވަނަ ގޯލު ޖަހައިދީފައެވެ. އަދި ޓީމުގެ ފަހު ލަނޑު ކާމިޔާބުކުރީ ނިކޯ ވިލިއަމްސްއެވެ.
ގްރޫޕް އޭ3 ގެ އެއްވަނައިގައި ސްޕެއިން މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ފުރިހަމަ 6 ޕޮއިންޓާއެކުގައެވެ. މިއީ ތާވަލުގެ ފަހަތުގައި އޮތް އިންގްލެންޑާއި ކްރޮއޭޝިއާއަށް ވުރެ ތިން ޕޮއިންޓުގެ ބޮޑު ކުރިއެރުމެކެވެ. މުބާރާތުގައި ދެން ސްޕެއިން ކުޅޭ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ޗެކް ރިޕަބްލިކާ ދެކޮޅަށެވެ. އަދި ހަމަ އެ ދުވަހު ކްރޮއޭޝިއާގެ ދަނޑުގައި އެ ޓީމުން ބައްދަލުކުރާނީ އިންގްލެންޑާއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...