ފިލާވަޅު އިޢުތިކާފަށް އިނުން

އިޢުތިކާފަށް އިނުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިއީ ގުރޭޑް 6 ގެ ދަރިވަރުންނަށް އިސްލާމް މާއްދާއިން ގެނެސްދީފައިވާ ފިލާވަޅެކެވެ. މި ފިލާވަޅުގައި ބަލާލައިފައިވާނީ އިޢުތިކާފަށް އިނުމަކީކޮބައިކަމާއި އެކަން ޝަރުޢުކުރައްވާފައިވާ ކަމުގެ ދަލީލަށާއި އިޢުތިކާފަށް އިންނަމީހާ ކުރުން އެދެވިގެންވާކަންތައްތަކާއި އަދި އިޢުތިކާފަށް އިންނައިރު ކުރުން ހުއްދަނޫންކަންތައްތަކާއި އިޢުތިކާފުގެ ފައިދާ ތަކެވެ.

އިޢުތިކާފްއިނުން

ބަހުގެ ގޮތުން އިޢުތިކާފްގެ މާނައަކީ: ކަމެއް ކުރުމަށްޓަކައި ކޮންމެވެސް ތަނެއްގައި، ޤާއިމުވެ ހުންނަހުރުމެވެ.

އިޢުތިކާފްގެ އިޞްތިލާޙީ މާނައަކީ: ﷲ ތަޢާލާއަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި ޤާއިމުވެ ހުރުމެވެ.

އިޢުތިކާފް ޝަރުޢުކުރައްވާފައިވާ ކަމުގެ ދަލީލު

ސުންނަތުން: ޢާއިޝާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ( ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެއްޖައުމަށް ދާންދެން ރަމަޟާންމަހުގެ ފަހުދިހައެއްގައި އިޢުތިކާފަށް އިންނަވައެވެ. އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުގައި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން އިޢުތިކާފްގައި އިންނެވިއެވެ. )  متفق عليه

އިޢުތިކާފް ޞައްޙަވުމުގެ ޝަރުޠުތައް

1. ނިޔަތްގަތުން : ނިޔަތްގަންނާނީ އިޢުތިކާފަށް ފަށާ ވަގުތުގައެވެ. ނިޔަތްގަންނައިރު އިޢުތިކާފްގެ މުއްދަތު ކަނޑައަޅަންޖެހޭނެއެވެ.

2. މިސްކިތެއްގެ ތެރޭގައި އިރުކޮޅަކު މަޑުވެލުން : އިރުކޮޅަކު ބަލާނީ އާދަކާދައަށެވެ. މިސްކިތެއްގެ ތެރޭގައި އިނދެވޭނީ ޖުނުބުވެރިކަމުންނާއި ޙައިޟު ނިފާސްކަމުން ޠާހިރުވެގެންވާ މީހާއަށެވެ. އަދި އޭނާގެ ފޭރާމާއި ހަށިގަނޑުވެސް ޠާހިރުވާން ވާނެއެވެ.

އިޢުތިކާފްގެ އަދަބުތައް

1. މާތްﷲގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުން، ޤުރުއާންކިޔެވުން، ޢިލްމުއުނގެނުން ފަދަ މާތްﷲ އަށް ކިޔަމަންގަތުމަށްޓަކާ ކުރަންޖެހޭކަމެއް ކުރުމުގައި އަވަދިނެތިވުން

2. ރޯދައަށްހުރުން

3. ހެޔޮބަހެއްނޫނީ ނުބުނުން : މީހުންނަށް އެއްޗެހިކިޔުމާއި ނެތިމޮށުމާއި ފުރައްސާރަކުރުން ފަދަ ކަންކަމަކީ އިޢުތިކާފްގެ އަދަބުތަކާ ޚިލާފްކަމެކެވެ.

4. ތައުބާވުން،

5. މަރާއި އާޚިރަތްމަތިން ހަނދުމަކުރުން

6. ނަމާދުކުރުމާއި ދުޢާކުރުން

އިޢުތިކާފް މަކްރޫހަވާ ކަންތައްތައް

1. މިސްކިތުގެ ތެރޭގައި އިނދެ މިސްކިތް ހަޑިވާފަދަ ކަމެއް ކުރުން

2. ދުނިޔަވީ ޢަމަލުތައްކުރުން ގިނަކުރުން

3. ގަނެވިއްކުން.

4. މުހިންމު ބޭނުމެއް ޖެހިގެން ނޫން ގޮތަކަށް މިސްކިތުން ނުކުތުން

އިޢުތިކާފުގެ ފައިދާތައް

އެއްނަމާދުން އަނެއް ނަމާދަށް އިންތިޒާރު ކުރުމުގައި ދެމިހުރުން

ރޯދަމަހު މިއަޅުކަންކުރުމުން ލައިލަތުލްޤަދްރި ވިލޭރޭއާ ދިމާވުމުގެ ފުރުޞަތު ބޮޑުވުން

އިޢުތިކާފަށް އިންނަ މީހާއާއި މާތް ﷲ އާއި ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވުން

މިސްކިތުގައި މަޑުކުރުމަށް ލޯބިޖެހި އާދަވުން

ގިނައިން އަޅުކަން ކުރުމުގެ ފުރުޞަތު ލިބުން

ދަރިވަރުންގެ މަސައްކަތް

1 އިޢުތިކާފަށް އިންނަމީހާއަށް ލިބޭ ފައިދާތައް ލިސްޓްކުރާށެ!

2 އިޢުތިކާފަށް އިނުމުގެ މުހިންމު ދުވަސްތައް ލިސްޓްކުރާށެ!

3. ތިރީގައިވާ ޖުމުލަތަކުން އިޢުތިކާފުގެ ފައިދާތައް ފާހަގަކޮށް ރަނގަޅު ފާހަގަ ޖަހާށެވެ!

 އެއްނަމާދުން އަނެއް ނަމާދަށް އިންތިޒާރު ކުރުމުގައި ދެމިހުރުން  1
 އެކިއެކި ތަފާތު މަސައްކަތް ދަސްވުން2
 ރޯދަމަހު މިއަޅުކަން ކުރުމުން ލައިލަތުލްޤަދްރި ވިލޭރޭއާ ދިމާވުމުގެ ފުރުޞަތު ބޮޑުވުން  3
  ތަފާތު މީހުންނާއި ބައްދަލުވެ އެކިއެކި ވާހަކަ ދެއްކުމަށް ފުރުޞަތު ލިބުން4
 އިޢުތިކާފަށް އިންނަ މީހާއާއި މާތް ﷲ އާއި ދޭތެރޭގައި އޮންނަ ގުޅުން ބަދަހިވުން  5
 މިސްކިތުގައި ހުންނަ ތަންތަން ސާފުކުރަން ދަސްވުން6
 މިސްކިތުގައި މަޑުކުރުމަށް ލޯބިޖެހި އާދަވުން  7
 މުދާ ގަނެ ވިއްކާ ހެދުމަށް މަގުފަހިވުން8
 ގިނައިން އަޅުކަން ކުރުމުގެ ފުރުޞަތު ލިބުން  9

ޓެގް

ފިލާވަޅު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.