ޗަވިޔަނިން ޗިޗަންޑާ (ކުޑަކުދިންގެ ވާހަކަ 53)
ކާއިނާތަކީ ޢިލްމުގެ ފުން ކަނޑެއް ކަމުގައި ލެއްވި ﷲ ސުބްޙާނަހޫ ޥަތަޢާލާ އަށް ޙަމްދުކުރަމެވެ. އަދި ޢިލްމުގެ ނޫރުން މުޅި ކާއިނާތު އަލިކޮށްދެއްވުމަށް ހިދާޔަތެއްކަމުގައި ފޮނުއްވި މިއުންމަތުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަޥާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ.
ވާހަކަ ލިޔުމުގެ ތެރެއިން ފުރަތަމަ ކުޑަކުދިންގެ ވާހަކަ ލިޔުމަށް އަޅުގަނޑުގެ ހިތް ޝައުޤުވެރިކޮށްދެއްވާ އެކަމަށް ހިތްވަރު ދެއްވި ފަރާތްކުމުގައިވާ ނާރެސް ސައިޓްގެ ސަބްއެޑިޓަރ އަލްފާޟިލް މޫސާ ޙުސެއިންގެ ނަން ފާހަގަކޮށް މިކަމުގައި އަޅުގަނޑަށް ދެއްވި އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ. އެގޮތުން މިހާރު އަޅުގަނޑުވަނީ މިސައިޓަށް ކުޑަކުދިންގެ 53 ވާހަކަ ހަދިޔާކޮށްފައެވެ.
އާދެ! ހާށަވިޔަނި 23 ވާހަކަ ހިމެނޭ ސީރީޒް އަޅުގަނޑު ލިޔަން ފެށުނު ސަބަބެއް ކަމުގައިވީ ތުއްތުކުދިން ކިޔާނެ ދިވެހި ވާހަކަތައް މަދުވުމެވެ. އެކަންކަމުން ލަންދޫ ސްކޫލުގެ ޕްރީސްކޫލް އާންޓީއެއް ކަމުގައިވާ އަލްފާޟިލާ ޙައްވާ މުނީޒާ އަޅުގަނޑަށް ދެއްވި ޙިޔާލަކަށް ބިނާކޮށް ހާށަވިޔަނި ވާހަކަ ލިޔަން އަޅުގަނޑުފެށީމެވެ. އެގޮތުން ހާށަވިޔަނީގެ ކޮންމެ އަކުރަކަށް ޚާއްސަކޮށްގެ ލިޔެފައިވާ ވާހަކަތަކުގައި ދަރިވަރުން ފުރިހަމަ ކުރުމަށް ވަކި ވަކި މަސައްކަތްތަކެއް ހިމަނާފައި ހުންނާނެވެ.
ކުޑަކުދިންގެ ދުވަހުގެ ހަދިޔާއެއްގެ ގޮތުން މިއަދު އަޅުގަނޑު މި ޙިއްސާކޮށްލަނީ މި ސީރީޒް އެންމެ ފަހު ވާހަކައެވެ. އެއީ “ޗަވިޔަނިން- ޗިޗަންޑާ” މި ވާހަކައެވެ. އަޅުގަނޑަށް މިކަމުގައި އެހީތެރިކަން ދެއްވި ބޭފުޅުން ވަރަށް މަދު ނަމަވެސް، މި ފުރުޟަތު ފަހިކޮށްދެއްވާ ވާހަކަލިޔުމުގައި ފެށުނީންސުރެ އެކިގޮތްގޮތުން އެހީތެރިވެ ދެއްވި ނާރެސްގެ ޗެއާމަން އަލްފާޟިލް އަޙްމަދު ދާއޫދުގެ ނަން ފާހަގަކޮށް އެފަރާތަށް ޝުކުރު ދަންނަވަން. އަދި ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް އަޅުގަނޑުގެ ވާހަކަތަކަށް ފޮޓޯ އެޑިޓްކޮށްދެއްވި ނާރެސްގެ ލިޔުންތެރިޔާ އަލްފާޟިލް ޢަލީ ޒިޔާދަށާއި ނާރެސްސައިޓްގެ ޓެކްނީސަން އަލްފާޟިލް އަބްދުﷲ އިބްރާހީމަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަމެވެ. އަދި އަޅުގަނޑުގެ ވާހަކަތައް އެޑިޓްކުރުމުގައި އަޅުގަނޑުގެ އަންހެނުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް އެފަރާތަށްވެސް ޝުރުވެރިވަމެވެ.
އަޅުގަނޑުގެ ދުޢާއަކީ މި ވާހަކަތަކުން ކުޑަކުދިންގެ ޢިލްމުގެ ޚަޒާނާ މުއްސަނދިވެގެން ދިއުމެވެ.
ހާށަވިޔަނި ވާހަކަ ސީރީޒް ލިޔުމުގައި އެހީތެރި ފަރާތްތައް ކުރުކޮށް}-
ވާހަކަ އަދި މަސައްކަތްތައް: އިބްރާހީމް ސާމިލް
އެޑިޓަރ: އަޙްމަދު ދާއޫދު/ އާމިނަތު މަފާޒާ
ވާހަކައިގެ ބޭރުގަނޑު(ފޮޓޯ):
ޢަލީ ޒިޔާދު ( ހ،ށ،ނ،ރ،ބ،ޅ،ކ،އ،ވ،މ،ފ،ލ،ގ،ސ)
އަބްދުﷲ އިބްރާހީމް (ޏ)
އިބްރާހީމް ސާމިލް (ދ،ތ،ޑ،ޖ،ޔ،ޕ،ޗ)
ޗަވިޔަނިން ޗިޗަންޑާ (ކުޑަކުދިންގެ ވާހަކަ 53)
އެއްދުވަހެއްގެ ހެނދުނެވެ. ނޫރުގެ މަންމަ ކަލަންޑަރަށް ބަލާލިއެވެ. އެއީ ކުޑަކުދިންގެ ދުވަހެވެ. އަދި އެއީ ރޯދަމަހެވެ. ރޯދަވީއްލުމަށް އޭނާގެ މަންމަ ވަރަށް މީރުކޮށް ޗިޗަންޑާގައި މަސްހުނި މޮޑެން ނިންމިއެވެ. އެއީ ނޫރަށް އެންމެ މީރު މަސްހުންޏެވެ. ނޫރުމެން ގޭގައި ޗިޗަންޑާ ވެޔޮތައް ހައްދާފައި އޮވެއެވެ. ރޯދަމަހަށް ޗިޗަންޑާތައް ވަނީ ދޮންވެފައެވެ.
ނޫރުގެ ދޮންތަވެސް މަންމައާއި އެކު ބަދިގޭގައި އުޅެއެވެ. ދޮންތަ ފުރަތަމަ އުޅުނީ ޗޮކްލެޓް ކޭކެއް އަޅަން ވެގެންނެވެ.
“ނޫރު ކޮއްކޮއަށް މީރުވަނީ ޗޮކްލެޓް ކޭކަށްވުރެ ޗީޒް ކޭކް” މަންމަ ޗީޒް ކޭކް ޕެކެޓެއް ދޮންތަ އަތަށް ދެމުން ބުންޏެވެ.
“ތިހެންވީއިރު މިއަދު އަޅަނީ ޗީޒް ކޭކް. ކުޑަކުދިންގެ ދުވަހު ކޮއްކޮއަށް މީރުއެއްޗެއް ހެދުން ރަނގަޅުވާނީ”. މަންމަގެ ވާހަކައަށް ދޮންތަ އެބަސްވިއެވެ.
ކުއްލިއަކަށް ވާރޭ ވެހެން ވެށިއެވެ. ވަރަށް ބޯކޮށެވެ. މުޅިގޯތި ތެރޭގައި ފެންގަނޑު ހެދިއްޖެއެވެ. މަންމަ ވަނީ ގެއިން ބޭރަށް ދިއުން މަނާކޮށްފައެވެ. ނަމަވެސް ނޫރު ބޭނުންވަނީ ވަރޭ ތެމޭށެވެ. “ވާރޭ ތެމޭނަމަ ގޯތިތެރޭގައި ހުރެގެން ވާރޭ ތެމޭ.” މަންމަ ބޭނުންވީ ނޫރު އެ ޚިޔާލު ދޫކޮށްލުމަށެވެ.
“އެންމެ ރަނގަޅު މަންމާ!” ނޫރު ވަރަށް އުފަލުން ބުންޏެވެ.
“ދަރިފުޅާ ރޯދައަށް ހުރެ ކީއްކުރަންތަ އެވަރަކުން ވާރޭ ތެމެން ތިއުޅެނީ؟” މަންމަ ކަންބޮޑުވުން ފާޅުކުރިއެވެ.
” ޗިޗަންޑާ ވެޔޮ ކައިރީ ހުރި މިރުސް ގަސްތައް ހަލާކުވާނެ މިހާބޯކޮށް ވާރޭ ވެހެންޏާ”. ނޫރު ހަނދާންކޮށްދިނީ މަންމައަށް ވިސްނާނުލެވި އޮތް ކަމެކެވެ.
“އެންމެ ރަނގަޅު! ގިނައިރު ނުކުރާތި! ރޯގާޖެހިދާނެ. ޗަކަ ހެދިފައި އޮތްދިމާލަށް ނުވަންނާތި. އަދި މަންމައަށް ދެތިން ޗިޗަންޑާ ގެނެސްދޭތި”
ނޫރު ހެދުން ބަދަލުކޮށްގެން ނިކަން ފޯރީގައި ޗިޗަންޑާ ވެޔޮކައިރިއަށް ދިޔައެވެ. ކަމަކުދާކަށް ނެތެވެ. ވެލުގައި ހުރި ހުރިހާ ޗިޗަންޑާތަކެއް ހުރީ ބުރިކޮށް ކޮށާފައެވެ. ކޮންމެވެސް މީހަކު ރޭ ދަންވަރު ކޮށްފައިވާ ކަމެއްކަމަށް މަންމަ ބުންޏެވެ. ރޭގައި ބޭރު ދޮރުއަށި ތަޅުނުލާ ހުރުމުން ވީކަމެކެވެ. މަންމަ ހުރީ އެކަމާ ވަރަށް ދެރަވެއެވެ. އެކަން ކުރި މީހެއް ހޯދުމަށް ނޫރު ބޭނުންވިއެވެ. އެކަމަކު މަންމަ އެކަމާ އަޅާނުލުމަށް ބުންޏެވެ. އޭރު އިރުއޮއްސި ބަންގި ގޮވައިފިއެވެ.
ކުޑަކުދިންގެ ދުވަހުގެ ހަދިޔާގެއް ގޮތުން ދޮންތަ ނޫރަށް ދިނީ ޓޮބްލެރޫން ޗޮކްލެޓެކެވެ. އަދި ޗީޒް ކޭކު ދިނީ މަންމައާއި ބައްޕަގެ ފަރާތުންނެވެ. (ނިމުނީ)
މަސައްކަތް 1
ވާހަކަ ކިޔުމަށްފަހު ތިރީގައިވާ ތަކެތީގެ ތެރެއިން ޗަވިޔަނިން ފެށޭ ތަކެތީގައި ރަނގަޅު ފާހަގަ ލާށެވެ.

މަސައްކަތް 2
ވާހަކަ ކިޔުމަށްފަހު ހުސްތަންތަން ފުރިހަމަ ކުރާށެވެ.
- ރޯދަވީއްލުމަށް އޭނާގެ މަންމަ ވަރަށް މީރުކޮށް ———— ގައި މަސްހުނި މޮޑެން ނިންމިއެވެ.
- ދޮންތަ ފުރަތަމަ އުޅުނީ —————- ކޭކެއް އަޅަން ވެގެންނެވެ.
- ހަދިޔާގެއް ގޮތުން ދޮންތަ ނޫރަށް ދިނީ ————– ޗޮކްލެޓެކެވެ.
މަސައްކަތް 3
ސުވާލުތަކަށް ޖަވަބު ދޭށެވެ.
- ނޫރަށް އެންމެ މީރު މަސްހުންޏަކީ ކޮބާ؟
- ނޫރު ވާރޭ ތެމެން ބޭނުންވީ ކީއްވެ؟
- ނޫރުގެ މަންމައަށް ޗިޗަންޑާގައި މަސްހުނި ނުމޮޑެވުނީ ކީއްވެ؟
ޖަވާބުތައް
މަސައްކަތް 2
- ޗިޗަންޑާ
- ޗޮކްލެޓް
- ޓޮބްލެރޫން
މަސައްކަތް 3
1، ޗިޗަންޑާ މަސްހުނި
2. މިރުސްގަސްތައް ހަލާކުވަތީ އެ ގަސްތައް އެހެން ތަނަކަށް ބަދަލުކުރަން.
3. ޗިޗަންޑާ ވެލުގައި ހުރި ޗިޗަންޑާތައް ކޮށާ ބުރިބުރިކޮށްލާފަ ހުރީމަ.
ކޮމެންޓް (0)
ލޯޑް ކުރަމުން...