ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް ސަރުކާރުން އިޢުލާން ކުރައްވައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުން ކޮވިޑް-19 އަށް ފަހުން ފައްސިވެފައި ވަނީ 15 ދިވެހިންނާއި، ބަންގްލަދޭޝް 19 މީހަކާއި، އިންޑިއާ ތިން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުވަނީ 1143 އަށް އަރާފައެވެ.
މިއަދު 16:30 އާ ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް 37 މީހަކު ފައްސިވިއިރު، މިދިޔަ ދެ ދުވަހު ރާއްޖެއިން ކޮވިޑް-19ގެ ވޭދަނަތައް (ކޭސްތައް) ފެނުނު ވަރު ވަނީ މަދުވެފައެވެ. އެހެން ނަމަވެސް މިއަދު އަނެއްކާ އަދަދުތައް އިތުރުވެފައިވާއިރު، ރާއްޖެއިން ބޮޑަށް މި ބައްޔަށް ފައްސިވަމުން ދަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން މިހާތަނަށް 581 ބަންގްލަދޭޝް މީހަކު ރާއްޖެއިން ވަނީ މި ބައްޔަށް ފައްސިވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1057 މީހަކަށެވެ. އަދި މި ބަލިން 80 މީހަކު ވަނީ މިހާތަނަށް ރަނގަޅުވެފައެވެ. އަދިމި ބަލި ޖެހުނު 4 މީހަކު މިހާތަަނަށް ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އެގޮތުން މިހާތަަނަށް ފައްސިވި މީހުންގެ ތެރޭގައި 976 މީހުންނަކީ ފިރިހެނުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...