އަންނަ ޖުލައި މަހުގެ 1ވަނަ ދުވަހުން ފެށިގެން ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ސްކޫލްތައް ހުޅުވައި ކިޔެވުން ކުރިއަށް ގެންދާނީ ގްރޭޑް 1އިން ފެށިގެން މަތީގެ ގްރޭޑްތަކަށްކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ސްކޫލްތައް ހުޅުވާލާނީ ފިޔަވަހި ތަކަކަށް ބަހައިލައިގެންކަމަށާއި މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ފުރަތަމަ ކިޔަވައިދޭން ފަށާނީ ކީސްޓޭޖު 4 އާއި 5 ކަމަށެވެ. އެއީ ގްރޭޑް 9، 10، 11 އަދި 12 އެވެ. މާލޭގެ ސްކޫލްތަކަށް ދަރިވަރުން ޙާޒިރުވާނީ އެއް ސެޝަނަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލްތައް ހުޅުވާލާއިރު އެންމެ އިސްކަމެއް ދެއްވާނީ ދަރިވަރުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ދަރިވަރުންނަށް އުގަންނައިދިނުން ކުރިއަށް ގެންދިއުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލް ހުޅުވާލުމަށް ތައްޔާރުވާންވީ ގޮތާއި ސްކޫލްތަކުން އަމަލުކުރާނެ ގައިޑްލައިނެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް މިހާރު ފޮނުއްވާފައެވެ. އެ ގައިޑްލައިންގައި ވަރަށް ފުރިހަމައަށް ސްކޫލްތަކުން ޢަމަލުކުރަންވީގޮތް ބަޔާންކޮށްފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކަށްފަހު ސްކޫލްތަކަށް ކުދިން ދާއިރު ނަފްސާނީ މައްސަލަތަކެއް ހުރުމަކީ އެކަށީގެންވާކަމެއްކަށާއި، އެކަމަށް ޓީޗަރުން ތަމްރީން ކުރަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކުދިން ސްކޫލަށް އައުމުން ހުން ބެލުމަށް ތަމޯމީޓަރު ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށާ، ޖުލައި 1 ސްކޫލް ހުޅުވިގެންދާއިރު އެ ތަކެތި ސްކޫލްތަކުގައި ހަމަޔަށް ހުންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލް މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށް ކަށަވަރު ކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކު ސްކޫލަށް ވައްދާނީ ހުން ބެލުމަށްފަހުކަމަށެވެ. ގައިދުރުކަން ކަށަވަރުކުރުމަށް ވީހާވެސް ގިނަ ގޭޓުން ކުދިން ސްކޫލްތެރެއަށް ވެއްދުމާއި، ކްލާސް ރޫމްތަކުގެ ސައިޒް ކުޑަކޮށް 30 ނުވަތަ 32 ކުދިން ތިބޭ ކްލާހެއްގައި އެއްވަގުތެއްގައި ތިބޭނީ 16 ކުދިންކަމަށް ހަމަޖެއްސުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވަނީ ކުރިން ސްކޫލްތަކުން ފޯރުކޯށްދޭ ނާސްތާ ޕްރޮގްރާމް މިވަގުތަށް މެދުކަނޑާލާފައިވާކަން ފާހަގަކުރައްވައި ސްކޫލްތަކަށް ދަރިވަރުން ފޮނުވާއިރު ނާސްތާ ނުވަތަ ރަނގަޅަށް ކާންދިނުމަށްފަހު ސްކޫލަށް ފޮނުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކޮންމެ ކުއްޖަކުވެސް ގެއިން ފެން ގެންދިއުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...